22 ޖުލައި 2023 - 14:02 2
22 ޖުލައި 2023 - 14:02 2
މޮރީޝަސްގައި މިހާރު ކުރިއަށްދާ މޮރީޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާ އާއި ނިބާލް އަހުމަދު އާއި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއާ ހޯދައިފި އެވެ.
މިމަހުގެ 20 ވަނަ ދުވަހު ފެށި މޮރީޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖުގައި ރާއްޖޭގެ ގައުމީ ޓީމްގެ ހުރިހާ ކުޅުންތެރިން ވާދަކުރެ އެވެ. މި މުބާރާތުގައި ގައުމީ ޓީމް ވާދަކުރަނީ އަންނަ މަހުގެ 25ގައި މޮރީޝަސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މިހާތަށް މުބާރާތުގެ ގިނަ އިވެންޓުތަކެއް ކުރިއަށްގޮސްފައިވާއިރު، ރާއްޖޭގެ އެއްވަނަ އަންހެން ޕެއާ ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ކުއާޓާގެ ޖާގަ ހޯދާފަ އެވެ. އެ ދެ ކުޅުންތެރިންވަނީ މޮރީޝަސްގެ ޓިޔާ ބާޓުން އާއި ލޭނާ ލަކްޝްމީ ޗިނިއާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ އިން ގެންދިޔައީ 21-10 އަދި 21-15 އިންނެވެ.
ކުއާޓާ ފައިނަލުގައި މި ދެ ކުޅުންތެރިން ނުކުންނާނީ އެއްވަނަ އަށް ސީޑުކޮށްފައިވާ މެލޭޝިއާގެ ސްރިވިދްޔާ ގުރަޒާދާ އާއި އިޝިކާ ޖެއިސްވާލްގެ ޕެއާއާ ދެކޮޅަށެވެ.
ފިރިހެން ޑަބަލްސް އިވެންޓުގައި ނިބާލް އާއި އަޖުފާންގެ ޕެއާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގަދަ ސޯޅައިގައި ޒެމްބިއާގެ މަބޯ ޑޮނަލްޑް އާއި ވީރަޕަންޑީ ޖެޔަރާމަންގެ ޕެއާ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ އިން ހޯދީ 21-7 އަދި 21-12 އިންނެވެ.
މި މެޗުގެ ކުރިން ގަދަ 32 ގައި ނިބާލް އާއި އަޖުފާން ވަނީ މޮރީޝަސްގެ ލޫކަސް ޑޫޝް އާއި ކެމްޓިސް ރާއީ ނަންދާ 2-1 ސެޓުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-16، 9-21 އަދި 21-18 އިންނެވެ.
ކުއާޓާ ފައިނަލުގައި ނިބާލް އާއި އަޖުފާން ނުކުންނާނީ އިންޑިއާގެ އަދިތްޔަ ރާއޯ އާއި ހަރްޝާ ވަރްދަންގެ ޕެއާއާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މިކްސް ޑަބަލްސް އާއި ހުސައިން ޒަޔާން އާއި ނަބާހާގެ ޕެއާ ކެޓީ ގަދަ ސޯޅައިގައި ޗައިނީސް ތައިޕޭގެ ކޫ ލިން ޗުން އާއި ލީ ޔޫ ސޫއަންގެ ޕެއާ އަތުންނެވެ. އަނެއް މިކްސް ޕެއާ ކަމަށްވާ ނިބާލް އާއި ނަބީގެ ޕެއާ ބަލިވީ ގަދަ 32ގައި މެލޭޝިއާގެ ވީ ޔީ ހާން އާއި އަމަންޑާ ލެންގް އަތުންނެވެ.
އަންހެން ޑަބަލްސްގައި ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެެއާ ކެޓީ މެލޭޝިއާގެ ހޯ ލީ އީ އާއި އަމަންޑާ ލެންގް އަތުންނެވެ.
ފިރިހެން ސިންގަލްސްގައި ރާއްޖޭގެ ޗެމްޕިއަން ކެޓީ ކޮލިފައިން ބައިގެ ގަދަ 32 އިންނެވެ. އިންޑިއާގެ ހެމަންތު ގޮވްޑާ އަތުން ސީދާ ދެ ސެޓުން ޒަޔާން ބަލިވި ނަމަވެސް އޭނާ ވަނީ ކޮލިފައިން ގަދަ 64ގައި މޮރީޝަސްގެ ވޭޝްނަވް ރޫސިއާން އަތުން ސިދާ ދެ ގޭމުން މޮޅުވެފަ އެވެ.
ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު ތޯއިފް ކެޓި ކޮލިފައިން ބުރުގައި ޔޫއޭއީގެ ސޯމީ ރޮމްދާނީ އަތުން ސީދާ ދެ ސެޓުންނެވެ. ނިބާލް ބަލިވީ ކޮލިފައިން ގަދަ 64ގައި އިންޑިއާގެ ތަރުން ރެއްޑީ އަތުންނެވެ. އަޖުފާން ބަލިވީ ގަދަ 64ގައި ތައިނީސް ތައިޕޭގެ ކޯ ލީ ޗުން އަތުންނެވެ.
އަންހެން ސިންގަލްސްގައި ރާއްޖޭގެ އެއްވަނަ ނަބީހާ ކެޓީ ކޮލިފައިންގެ ގަދަ 32 އިންނެވެ. އޭނާ ބަލިވީ ޗެކް ރިޕަބްލިކްގެ ތަލޫލާ ޝާލީން އަތުންނެވެ. ނަބާހާ ބަލިވީ އިންޑިއާގެ މޭގްނާ ރެއްޑީ އަތުން 2-1 ސެޓުންނެވެ. ޔޫއޭއީގެ މަދުމިތާ ސުންދަރަޕަންޑިއާން އަތުން ރާއްޖޭގެ އާމިނަތު ޝަހުރުނާޒު ބަލިވިއިރު، އަފްނާން ބަލިވީ އިންޑިއާގެ ޕްރަނަވީ ނަޓަރާޖަން އަތުންނެވެ.
ކޮލިފައިން ފުރަތަމަ ބުރުގައި މޮރީޝަސްގެ ވިލިނާ އަޕިއާ އަތުން 19-21، 21-14 އަދި 21-15 އިން ރާއްޖޭގެ މައިސާ މޮޅުވި އެވެ. ޖެހިގެން އައި މެޗުގައި އިންޑިއާގެ ނައިޝާ ކޯރު މެޗަށް ހާޒިރު ނުވުމުން މައިސާ އަށް ގަދަ 16 އިން ފުރުސަތު ލިބުނުއިރު، އެ މެޗުގައި ތުރުކީގެ އޮޒްގޭ ބޭރަކް އަތުން މައިސާ ބަލިވީ ސީދާ ދެ ސެޓުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment