Advertisement

ނައިބް ރައީސް ފައިސަލްގެ ބަޔޯގްރަފީ ފޮތް ނެރެފި

21 ޖުލައި 2023 - 01:13 1

ނައިބް ރައީސްގެ ފޮތް ޑރ. ޒާހިރު (ކ) ނެރެދެއްވާއިރު އެމަނިކުފާނު (މ) އަދި ފޮތް ލިޔުއްވި ސާއިލް (ވ) ކައިރީގައި. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނައިބް ރައީސް ފައިސަލްގެ ބަޔޯގްރަފީ ފޮތް ނެރެފި

21 ޖުލައި 2023 - 01:13 1

ދިވެހިރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ބަޔޯގްރަފީ ފޮތް މިރޭ ނެރެފި އެވެ.

އެމަނިކުފާނުގެ 50 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ހަފުލާގައި އެ ފޮތް ނެރެދެއްވީ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.

މި ފޮތް ލިޔުއްވާފައިވަނީ، ރާއްޖޭގެ ފާހަގަކޮށްލެވޭ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ އެވެ. މިއީ އޭނާ ލިޔުއްވި ދެ ވަނަ ފޮތެވެ. ފުރަތަމަ ފޮތަކީ ނަފުސާނީ މައްސަލަތަކާ ގުޅޭ ގޮތުން މިދިޔަ އަހަރު ލިޔުއްވި 'އެ ދުވަސް ގެނެވޭނެ' އެވެ.

މިރޭގެ ހަފުލާގައި ސާއިލް ވިދާޅުވި ގޮތުގައި އޭނާގެ ނޫސްވެރިކަމުގެ ކެރިއަރުގެ ވަރަށް ކުރީކޮޅުން ފެށިގެން ފައިސަލްގެ ހަބަރުތައް ކަވަރުކުރައްވާ ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ފައުންޑޭޝަނުން ހިންގި ހަރަކާތްތަކާއި، ފަހުން ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު ކުރެއްވި ކަންކަން ރިޕޯޓްކުރި ކަމަށެވެ.

ފޮތް ލިޔުއްވި ސާއިލް ވާހަކަދައްކަވަނީ. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"އިއްތިފާގުން، މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރަނިން މޭޓަކަށް ނޮމިނޭޓްކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާ ވެސް އަޅުގަނޑަށް ކަވަރުކުރަން ލިބުނީ. އެ މަގާމަށް ނޮމިނޭޓްވެގެން، ފައިސަލް ދެއްވި ފުރަތަމަ އިންޓަވިއު ވެސް ދެއްވީ އަޅުގަނޑަށް،" ސާއިލް ވިދާޅުވި އެވެ.

ސާއިލް ވިދާޅުވި ގޮތުގައި، އެންމެ ޝައުގުވެރިވީ، ފައިސަލް، އަމިއްލަ ރަށް ފުވައްމުލަކާއި، އެހެން ވެސް ރަށްރަށާއި ޖަމިއްޔާތަކަށް ވެދެއްވި އެހީތަކަށް ކަމަށެވެ. އެކަންކަން އެނގި، ފައިސަލްގެ ހަޔާތާ ބެހޭގޮތުން ލިޔަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޝައުގުގައި ހުއްޓާ އެމަނިކުފާނު އަޅުގަނޑަށް އެ ފުރުސަތު ދެއްވީ،" ސާއިލް ވިދާޅުވި އެވެ.

ސާއިލް ވިދާޅުވި ގޮތުގައި މި ފޮތުގައި، ފައިސަލްގެ ތުއްޕުޅުއިރުގެ ދުވަސްތަކާއި، މަދަރަސީ ދައުރުގެ ވާހަކަތަކުގެ އިތުރުން ޒުވާން އުމުރެއްގައި ރިސޯޓް މެނޭޖަރަކަށް ވެވަޑައިގެންނެވި ގޮތާއި، އޭގެ ފަހުން ސިޔާސީ މައިދާނުގައި ހޯއްދެއްވި ކާމިޔާބީޔަކުގެ ވާހަކަތައް ހިމެނޭނެ ކަމަށެވެ.

"ފައިސަލްއާ ބެހޭގޮތުން މީގެ ކުރިން އެނގިފައި ނެތް އެތައް ކަމެއް އެނގިގެން ދާނެ. ހާއްސަކޮށް ކާމިޔާބު މީހަކަށް ވުމަށްޓަކައި އެމަނިކުފާނު ކުރެއްވި ކަންކަމުގެ ތަފްސީލް މި ފޮތުގައި ހިމެނޭނެ،" ސާއިލް ވިދާޅުވި އެވެ.

ޑރ. ޒާހިރު (ކ) އަށް ފައިސަލް ފޮތް ހަދިޔާކުރައްވަނީ. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ފައިސަލް މިރޭ ވިދާޅުވީ އޭނާގެ ހަޔާތުގައި ލިބުނު ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އެކަންކަމުގައި އެހީތެރިވި އާއިލާ މެމްބަރުންނާއި އެކުވެރިން ކަމަށާއި، އެ ވާހަކަތައް ހިމަނައިގެން ފޮތެއް ނެރޭ މި މުނާސަބަތުގައި ބޭނުންވަނީ އެ ހުރިހާ މީހުންނަށް ޝުކުރުއަދާކުރަން ކަމަށެވެ.

މި ފޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ދުވަސްވަރު ފައިސަލްއާ ބައްދަލުވެ، އަމިއްލަ ބައެއް ވާހަކަތައް ކިޔައިދެއްވި ކަމަށާއި އެގޮތުގައި ދިރިއުޅުއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސް ކުރައްވަން ޖެހިވަޑައިގެންނެވި އުނދަގޫތައް ވެސް ހިއްސާ ކުރެއްވި ކަމަށެވެ.

"އެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިސަލް އުފުއްލެވި ބުރަ އާއި ވެވަޑައިގެންނެވި ގުރުބާނީ،" ރައީސް ވިދާޅުވި އެވެ.

އަންނަ ދައުރުގައި ވެސް ރައީސްގެ ނައިބަކަށް ލައްވާނެ ކަމަށް ބެލެވޭ، ފައިސަލްއާ ބެހޭގޮތުން ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އޭނާ އަކީ ކަންކަން ނިންމެވުމުގައި، ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވުމުގެ ބަދަލުގައި، އަމިއްލަ ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.

ފޮތް ނެރުމަށް މިރޭ ބޭއްވި ހަފުލާގެ ތެރެއިން --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް. އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ވަނީ ފައިސަލްގެ ހަޔާތާ ގުޅޭ ގޮތުން ވީޑީއޯ ރިޕޯޓެއް ދައްކައިފަ އެވެ. އަދި ފައިސަލްއާ ބެހޭގޮތުން އޭނާގެ ދަރިފުޅު ވަނީ ލަވައެއް ކިޔުއްވައިފަ އެވެ.

މި ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 300ރ. އަށެވެ. ނޮވެލްޓީ ބުކްޝޮޕުން ފޮތް ގަންނަން ލިބެން ހުންނާނެ އެވެ.