20 ޖުލައި 2023 - 13:26 0
20 ޖުލައި 2023 - 13:26 0
ސީޒަންގެ ކުރީކޮޅު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށާއި، މާޒިޔާއަށް މިހާރު ބޮޑު ތަފާތެއް އައިސްފައިވާ ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަންގައި މި ސީޒަންގައި އަލަށް ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ކުލަބުން މި ސީޒަންގައި މޮޅުވި ފުރަތަމަ މެޗަކީ ޗެމްޕިއަން މާޒިޔާ އަތުން ޕްރެޒިޑެންޓްސް ކަޕްގައި މޮޅުވި މެޗެވެ. މިދިޔަ އޭޕްރީލް މަހު ކުޅުނު މެޗަށްފަހު މާޒިޔާގެ ޓީމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މިގޮތުން އެ ޓީމްގެ ކޯޗުވެސް މިހާރުވަނީ ބަދަލުވެފަ އެވެ.
މިއަދު ހަވީރު ލީގުގައި މި ދެ ޓީމް ކުޅޭ މެޗާ ގުޅޭގޮތުން ބުރުގެ ކޯޗު ނިޒާމްބެ ބުނީ މިހާރު ހާލަތު އެއްކޮށް ބަދަލުވެއްޖެކަމަށާއި، އެޓީމްގެ ކޯޗު ބަދަލުވެ ޓީމްގެ ފިލޯސޮފީވެސް ބަދަލުވެފައިވާކަމަށެވެ.
ނިޒާމްބެ ބުނީ ސާފް ޗެމްޕިއަންޝިޕަށް ލީގުގެ ކުޅުން މެދު ކަނޑާލި ނަމަވެސް އޭގެ ފައިދާ މާޒިޔާއަށް ކުރާނެކަމަށާއި، ގައުމީ ޓީމްގެ ތަމްރީން ދަތުރާއި ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގައި މާޒިޔާގެ ގިނަ ކުޅުންތެރިން ބައިވެރިވުމަކީ އެ ޓީމަށް ލިބޭނެ ކުރިއެރުމެއްކަމަށެވެ.
"ހާލަތު ބަދަލުވެއްޖެ. މިސާލަކަށް ކޯޗު ބަދަލުވެއްޖެ. އެއާއިއެކު ގޭމްގެ ފިލޯސޮފީ ބަދަލުވާނެ. އަނެއްކާ ސާފް ޗެމްޕިއަންޝިޕުންވެސް މާޒިޔާއަށް ބޮޑު ފައިދާއެއް ކުރާނެ. އެއް ކުޅުންތެރިންތަކެއް އެކުގައި ކުޅެލަން ލިބުނު. އެހެންވީމަ އެ ކުރިއެރުންވެސް އޮންނާނެކަންނޭގެ." ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މާޒިޔާ އަކީ އެންމެ ވަރުގަދަ ސްކޮޑަކާއިއެކު ސީޒަނަށް ތައްޔާރުވާ ޓީމްކަމަށާއި، އެހެންކަމުން އެޓީމާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށެވެ.
"މާޒިޔާއަކީ މިދިޔަ އެގާރަވަރަކަށް އަހަރުގެ ތެރޭގައި އެންމެ ވަރުގަދަ ސްކޮޑު އޮވެގެން ސީޒަނަށް ނިކުންނަ ޓީމް. އެ ޓީމްގެ ތައްޔާރީތަކަކީ ހަމަ އަބަދުވެސް ސީޒަނަށް އެންމެ ރަނގަޅަށް ޕްރިޕެއާވާ ޓީމް. ފަސޭހަ ޓީމެއް ނޫން މާޒިޔާއަކީ. ކޮންމެ ކޮންމެ ދުވަހަކު އަރާ ބޭނުން ގޮތަކަށް ކުޅެލެވޭ ވަރުގެ ޓީމެއް ނޫން އެއީ. އެއަށްވުރެ ސީރިއަސް ޓީމެއް އެއީ." ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މާޒިޔާއާ ދެކޮޅަށް ކުޅެން ތަައްޔާރުވާން ޖެހޭ ގޮތާއި ސަމާލުވާން ޖެހޭކަންކަންވެސް ތަފާތުކަމަށެވެ. މިއީ ވަަރަށް ބޮޑަށް ޓެކްޓިކަލީ ވިސްނައިގެން ކުޅެން ޖެހޭ މެޗެއްކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ މާޒިޔާ އަތުން މޮޅުވެވޭނީ ކިޔަންމެ ރަނގަޅު ކުޅުންތެރިންތަކެއް ތިއްބަސް ގޭމް އިމްޕްރޫވްގެންކަމަށެވެ.
"އެބަހުރި ބައިވަރު ކަންކަން ދެ އެއްކޮޅުން އަނެއްކޮޅަށް ހަމަލަދެވޭނެ. ސަމާލުވާން ޖެހޭނެ. އެހެންވީމަ އެކަންކަމަށް ދަނޑުމަތީގައި މަސައްކަތްކުރެވޭ ޓީމަކަށް މެޗުގައި ކާމިޔާބީ ލިބޭނީ." އޭނާ ބުންޏެވެ.
ބުރު އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
Comment