Advertisement

ސްކޫލު ޗުއްޓީއާ ދިމާވެގެން ކުޅުންތެރިން މަދުވެ ޔޫވީއަށް އުނދަގޫ ހާލަތެއް

19 ޖުލައި 2023 - 13:02 0

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސްކޫލު ޗުއްޓީއާ ދިމާވެގެން ކުޅުންތެރިން މަދުވެ ޔޫވީއަށް އުނދަގޫ ހާލަތެއް

19 ޖުލައި 2023 - 13:02 0

ލީގުގެ ބްރޭކާއި ސްކޫލް ބަންދާ ދިމާވުމުގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުންތެރިންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކުޅޭ ފަސް ވަނަ މެޗަށް މިއަދު ހަވީރު އެޓީމް ނުކުންނައިރު ކޯޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސީޒަން ފެށިއިރު ޓީމްގައި ތިބި ހުރިހާ ކުޅުންތެރިން މިވަގުތު ޓީމްގައި ނެތުމެވެ.

މިއަދު ހަވީރު ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ޝާކިއްޓެ ބުނީ މިވަގުތު ޓީމްގެ ސްކޮޑު އޮތީ ވަރަށް ހާލުގައިކަމަށެވެ.

އޭނާ ބުނީ އެޓީމްގައި ގިނައީ ސްކޫލްތަކުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނާއި މާލޭގެ ކޮލެޖުތަކުގައި ކިޔަވާ ކުދިންނަށްވުމުން ބޮޑު ޗުއްޓީގައި ގިނަ ކުޅުންތެރިން ތިބީ ރަށުގައިކަމަށެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް ލީގުގެ ކުޅުން މެޗު ކަނޑާލިފަހުން އޭނާ ބޭނުންވި ގޮތަށް ޓީމް އެއްކޮށް ޕްރެކްޓިސް ނުކުރޭވެކަމަށް އޭނާ ބުންޏެވެ.

"ގާތް ގަނޑަކަށް ސްކޮޑުގައިވެސް މިއުޅެނީ ވިއްސަކަށް ޕްލޭޔަރުން. މީގެ ތެރޭގައި ގިނައީ 11،12 ގައި ކިޔަވާ ކުދިންނާ މާލޭގައި ކޯސްތައް ހަދާކުދިން. ދެން ހަމަ ސީނިއާ ޕްލޭޔަރުން ތަންކޮޅެއް މަދުކޮށް އުޅެނީ. ދެން މިހާލަތު މި ދިމާވި ގޮތަކީ ބްރޭކާ ސްކޫލް ބަންދާ ދިމާވީމަ މިކުދިންނަށްވެސް ބްރޭކް ލިބޭ ދުވަސްކޮޅަކީ މިއީ. އެހެންވީމަ ވަރަށް ގިނަ ކުދިންވީ ރަށްރަށުގައި. ދެންހަމަ ޓީމް ހަމަކުރަންވެސް އުނދަގޫކޮށް މިދަނީ." ޝާކިއްޓެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ އިން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކުލަބު ވެލެންސިއާ އަތުން 1-0 މޮޅުވެ ލީގުގައި އެޓީމްގެ ފުރަތަމަ މޮޅު ހޯދާފަ އެވެ.

ކޯޗު ޝަކިއްޓެ ބުނީ އެ މެޗުގައިވެސް ޓީމްގެ ބެންޗުގައި ތިބީ ތިން ކުޅުންތެރިންކަމަށާއި، އެކަށީގެންވާ ކުޅުންތެރިން މި ދަނޑިވަޅުގައި ނެތުމަކީ އޮތް ޗެލެންޖެއްކަމަށެވެ. އޭނާ ބުނީ މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައިވެސް ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން ކުޅޭ ކަމަށާއި، ގިނަ ކުޅުންތެރިން މެޗަށް އަންނަނީ އެއްވެސް ޕްރެކްޓިސްއެއް ނެތި ކަމަށެވެ.

"ކުލަބު މޯލްޑިވްސްގައިވެސް އެބައުޅޭ މި ޓީމްގެ ރަނގަޅު ކުޅުންތެރިންތަކެއް. ދެން ހަމަ ޕްރެކްޓިސް ނުކޮށް ހަމަ މެޗަށް އައިސް ކުޅެނީއޭ ބުންޏަސް ދޮގަކަށް ނުވާނެ. އެކަހަލަ ގޮތަކަށް މިދަނީ. ޕްރެކްޓިސްވެސް ގާތް ގާނޑަކަށް ދިހަވަރަކަށް ކުދިން ލައިން މި ކުރަނީ." އޭނާ ބުންޏެވެ.

ޝާކިއްޓެ ބުނީ ދިގު ސީޒަނަކާ ކުރިމަތިލާއިރު ސްކޮޑު މިއަށްވުރެ ރަނގަޅުކުރަން ޖެހޭކަމަށާއި އިތުރު ކުޅުންތެރިން ޓީމަށް ގެންނަން މެނޭޖްމަންޓާ މަޝްވަރާ ކުރަމުން އަންނަކަމަށެވެ. ޓީމަށް އަލަށް ގެންނަން މަސައްކަތްކުރަނީ ބިދޭސީ ކުޅުންތެރިންނަށްވުރެ ދިވެހި ޒުވާން ކުޅުންތެރިންކަމަށާއި، ސީޒަންގެ ބޮޑުބައި ކުރިއަށް އޮތުމާއިއެކު ސްކޮޑަށް އިތުރު ކުޅުންތެރިން ބޭނުންވާކަން އޭނާ ފާހަގަކުރި އެވެ.

"18-20 ޕްލޭޔަރުން މިއުޅެނީ. ވަރަށް ލިމިޓެޑް ޕްލޭޔަރުން. މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާކަމަށްވަންޏާ ސްކޮޑު ވަރުގަދަކުރަން އެބަ ޖެހޭ. މެނޭޖްމަންޓާ ވާހަކަދައްކައިގެން މިހާރުވެސް ކުޅުންތެރިންނަށް އެބަ ބަލަން." ޔޫވީގެ ކޯޗު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.