Advertisement

އައިއޯއައިޖީ އަށް ގައުމީ ޓެނިސް ޓީމް ތަމްރީން ކޮށްދިނުމަށް ކަޒަކިސްތާންގެ ކުރީގެ ތަރިއެއް

18 ޖުލައި 2023 - 13:31 0


އައިއޯއައިޖީ އަށް ގައުމީ ޓެނިސް ޓީމް ތަމްރީން ކޮށްދިނުމަށް ކަޒަކިސްތާންގެ ކުރީގެ ތަރިއެއް

18 ޖުލައި 2023 - 13:31 0

އަންނަ މަހު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވަމުން އަންނަ ގައުމީ ޓެނިސް ޓީމަށް އިރުޝާދުދިނުމަށް ކަޒަކިސްތާންގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ ކަމީލާ ކަރިމްބެޔޭވާ ގެނެސްފި އެވެ.

އަންނަ މަހުގެ 23 އިން 3 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނަ އައިއޯއައިޖީގައި މި އަހަރު ވެސް ގައުމީ ޓެނިސް ޓީމް ވާދަކުރާނެ އެވެ.

މި އަހަރު ފެށުނީސުރެން ގައުމީ ޓީމު އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވަމުންނެވެ. ގައުމީ ޓީމުގެ ތަމްރީންތަކުގައި ބައިވެރިވާން ފެށި ކަޒަކިސްތާންގެ ކުރީގެ ކުޅުންތެރިޔާ ކަމީލާ ވަނީ 2011 އިން ފެށިގެން 2020 އާ ހަމައަށް އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން ސާކިޓްގައި ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ.

ކަމީލާ 28، ވަނީ އޭނާގެ ކެރިއަރުގައި އައިޓީއެސް ސާކިޓްގެ 10 ސިންގަލްސް ތައްޓާއި، އަށް ޑަބަލްސް ތަށި ހޯދައިފަ އެވެ. އެ ގޮތުން، 2014 ގައި ސިންގަލްސް ރޭންކިންގެ 291 ވަނައަށް ޖެހިލިއިރު 2017 ގައި ޑަބަލްސް ރޭންކިން 303 ވަނަ އަށް އޭނާ ޖެހިލި އެވެ.

އައިއޯއައިޖީ އަށް ގައުމީ ޓެނިސް ޓީމް ފުރުމާ ހަމައަށް ކަމީލާ ގައުމީ ޓީމްގެ ތަމްރީންތަކުގައި ބައިވެރިވާނެ އެވެ. މުބާރާތުގައި ޓީމާއިއެކު އޭނާ ބައިވެރިނުވާނެ އެވެ.

ސަރަހައްދީ ލެވެލްގައި މިހާތަނަށް ބޮޑެތި ކާމިޔާބީތައް ލިބިފައިނެތް ނަމަވެސް ގައުމީ ޓެނިސް ޓީމުން އަންނަނީ ފަހަކަށް އައިސް މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ.