18 ޖުލައި 2023 - 13:13 0
އަހުމަދު އާއިދު
ރީކޯ މޫސާ މަނިކު : ފައްޔާޒު އަށް ރައްދުދެއްވާ މޫސަ ވިދާޅުވީ ޗެއާޕާސަން ޒާތީ ނުވުމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު
18 ޖުލައި 2023 - 13:13 0
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޝައުގުވެރިކަން ހުރިކަމަށް އަޑުފެތުރުމުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި ފައްޔާޒު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ރަނިން މޭޓް ކަމަށް ފައްޔާޒުގެ ޝައުގުވެރިކަން ހުރިކަމަށް"އަދަދު" ނޫހުގެ ރިޕޯޓެއްގައި ބުނުމުން އެވާހަކައަށް ރައްދުދެއްވައި ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ތުހުމަތު ކުރެއްވީ އެއީ މޫސަ ފަތުރާ ވާހަކައެއް ކަމަށެވެ. .
"ކޮންމެވެސް ސަބަކާ ހުރެ ތި ވާހަކައެއް [ރަނިންމޭޓަކަށް ފައްޔާޒުގެ ޝައުގު ހުރި ވާހަކަ] ދައްކަވަމުން ގެންދަވަނީ ރީކޯ މޫސަ. އެއީ ވަރަށް ދެރަ ކަމެއް," ޓްވީޓްގައި ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒުއަށް ރައްދުދެއްވައި މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާ އެކު އުޅެވޭނެ މީހެއް ކަމަށެވެ.
"ނޫސްވެރިންގެ އާޓިކަލް ތަކުގެ ސަބަބުން އާންމު ތަންތާގައި އަޅުގަނޑާ ދިމާކުރުމަކީ ފަޔާ ވެސް ކޮށްގެން ވާނެކަމެއް ނޫން، ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ" ރީކޯ ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު އަދާކުރައްވާފައިވާ ރީކޯ މޫސަގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް އެމްޑީޕީންނެވެ. އަލުން އޭނާ އެމްޑީޕީއަށް ސޮއިކުރީ ނޮވެމްބަރު 2022, ގަ އެވެ. އެއަށްފަހު ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭނުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވީވެސް ރީކޯ އެވެ.
ރާއްޖޭގެ އިގްތިސާދަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ އެއް އިގްތިސޯދު ކަމަށްވާއިރު ފައްޔާޒުގެ މިނިސްޓަރުކަމުގައި ރާއްޖޭން އިގްތިސޯދީ ދަތި ދުވަސްތަކެއް ވެސް ތަހައްމަލުކުރި އެވެ. ކޮވިޑު މެނޭޖުކުރުމުގައި ރައީސް އެންމެ ބޮޑު އިތުބާރެއް ކުރައްވައި ބުރަ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ވެސް ފައްޔާޒުއާ އެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވުން ވެގެންދިޔައީ އެމްޑީޕީގެ ބާރުތައް ރައީސްގެ އަތްމައްޗަށް ފުރޮޅިގެންދިޔަ ކަމަކަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްގައި ވެސް ރައީސް ސޯލިހުގެ ފެކްޝަނަށް ކުރި ލިބުނީ ފައްޔާޒު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްތަކުންނެވެ.
އޭނާއަކީ މަޖިލިސް މެމްބަރުންނާއި, ގައުމީ މަޖިލީހުގެ މެމްބަރުންނާއި, ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުބާރު އޮތް ކެބިނެޓުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރެވެ. މި ސަބަބަށްޓަކާ ބައެއް މީހުން ގަބޫލުކުރަނީ މިފަހަރު ރައީސް ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ފައްޔާޒު ފެނިގެން ހިނގައިދާނެ ކަމަށެވެ.
ފައްޔާޒުގެ އިތުރުން އެހެން ބައެއް ބޭފުޅުންވެސް ރަނިންމޭޓުކަމަށް ވެދާނެކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި މިހާރުގެ ނައިބުރައީސް ފައިސަލް ނަސީމް އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަކީ ވެސް ރަނިންމޭޓަކަށްވުން ގާތް ބޭފުޅުންނެވެ.
Comment