Advertisement

ލުކާކޫ ދޫކޮށްލައި ވްލަހޯވިޗް ގެންނަން ޗެލްސީން ވިސްނަނީ

18 ޖުލައި 2023 - 10:53 0


ލުކާކޫ ދޫކޮށްލައި ވްލަހޯވިޗް ގެންނަން ޗެލްސީން ވިސްނަނީ

18 ޖުލައި 2023 - 10:53 0

މިލާން (ޖުލައި 18) - ދާއިމީ އެއްބަސްވުމެއްގެ ދަށުން ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް ވިއްކާލުމަށް ފަހު، ޗެލްސީން ޔުވެންޓަސް އަށް ކުޅެމުން އަންނަ ސާބިއާގެ ފޯވާޑް ޑޫސާން ވްލަހޯވިޗް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން 2021 ވަނަ އަހަރު ލުކާކޫގެ ސޮއިހޯދީ، އިންޓަ މިލާނަށް 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ފީއެއް ދެއްކުމަށް ފަހު އެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެއް ސީޒަން ޗެލްސީ އަށް ކުޅުމަށް ފަހު، ލުކާކޫ މިދިޔަ ސީޒަނުގައި ލޯނަކަށް ކުޅުނީ އިންޓަ އަށެވެ. ލޯން ފީގެ ގޮތުގައި އިންޓަ އިން ޗެލްސީ އަށް ދެއްކީ 10 މިލިއަން ޑޮލަރެވެ.

އިންޓަ އިން ވަނީ 35 މިލިއަން ޑޮލަރަށް ލުކާކޫ ގަންނަން ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީގެ ބޯޑުން މަޝްވަރާ ކުރުމަށް ފަހު، އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ވެސް ލަފާހޯދައި މިހާރު ނިންމާފައިވަނީ ލުކާކޫ ދޫކޮށްލާށެވެ.

ބަދަލުގައި ގެންނާނެ ފޯވާޑަކާ ގުޅޭގޮތުން ޗެލްސީން މަޝްވަރާ ކުރުމަށް ފަހު، ޓެކްނިކަލް ޓީމުން ލަފާ ދީފައިވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ސާބިއާގެ ވްލަހޯވިޗް ގެންނާށެވެ. ޔުވެންޓަސް މި ވަގުތު މާލީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތްއިރު، އޭގެ ފައިދާނަގައި ވްލަހޯވިޗްގެ ސޮއި ހޯދިދާނެ ކަމަށް ޗެލްސީން ގަބޫލުކުރެ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔުވެންޓަސް އިން ވްލަހޯވިޗް، 23، ގެ ސޮއި ހޯދީ ފިއޮރެންޓީނާ އަށް 80 މިލިއަން ޑޮލަރު ދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން މި ޓްރާންސްފާގައި 60 މިލިއަން ޑޮލަރަށް ވެސް ވްލަހޯވިޗް ވިއްކާލަން އެއްބަސްވުމުގެ ފުރުސަތު އެބައޮތެވެ.