އިއްޔެ ވ. ރަކީދޫގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ސަރުކާރުން އަޅާ ސަބްމެރިން ކޭބަލް އޯގަސްޓު މަހު ރާއްޖެއަށް ފޯރާނެ ކަމަށާއި، އެއާއެކު އިންޓަނެޓްގެ އަގު ބޮޑުތަކުން ހެޔޮވެ، ސްޕީޑު ހަލުއިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިތުރު ސަބްމެރީން ކޭބަލެއް އަޅަނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ އޯޝަން ކަނެކްޓު މޯލްޑިވްސް ކުންފުންޏާއި އިންޑިއާގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯ ލިމިޓެޑާ ގުޅިގެންނެވެ. ސަޕްމެރިން ކޭބަލް މާކަނޑުގެ އަޑީގައި ދަމާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
"އިރާދަކުރެއްވިއްޔާ އޯގަސްޓު މަހުގެ މެދުތެރޭގައި... އެ އަޅާ ސަބްމެރިން ކޭބަލް ރާއްޖެއަށް އެއްގަން ކުރެވިގެންދާނެ،" ރިޔާސީ ކެމްޕެއިނުގައި އިއްޔެ ވ. ރަކީދޫ އަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވި އެވެ.
ޖަޒީރާ ގައުމަކަށް ރާއްޖެ ވުމާއެކު ޓެކްނޮލޮޖީގެ ކުރިއެރުމާ ފައިހަމަކުރުން މުހިންމު ކަމަށާއި ސަރުކާރު ހިންގުމުގައި ޑިޖިޓަލް ނިޒާމެއް ގާއިމުގެ ބޭނުމަކީ އެމީހަކު ހުރި ތަނަކުން ހިދުމަތް ލިބޭނެ ގޮތްތައް ހޯދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ މެއި 26، 2021 ގައި މިހާރު ދެމުންދާ އިންޓަނެޓުގެ ހިދުމަތް ހެޔޮކޮށްފަ އެވެ.
މީގެ ދެ އަހަރު ކުރިން އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ފަހު ވެސް މަސައްކަތް ކުރަމުން އައީ އިންޓަނެޓު އިތުރަށް ހަލުއިކޮށް، އަގު ހެޔޮކުރެވޭނެ ގޮތްތައް ހޯދަންކަން ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ.
އެކަމަށްޓަކައި ދަމާލާ ސަބްމެރިން ކޭބަލުގެ ނަތީޖާއަކަށް ވެގެން ދާނީ "އިންޓަނެޓު ހިދުމަތް [މިހާރަށް ވުރެ] އަގުހެޔޮވެ، ހަލުއިވެގެން ދިޔުން،" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުން ކުރަން މިއުޅޭ ކަމަކީ ކޮންމެހެން އިންޓަނެޓުގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަންނާކަށް ނޫން. މޯބައިލް ފޯނުގެ ހިދުމަތް ދޭކަށް ނޫން. މިހާރު ވެސް އެ ހިދުމތް ދޭ ފަރާތްތަކާއި އަލުން އޭގެތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން. ފަސޭހައިން އަގުހެޔޮކޮށް ދުނިޔެއާ ގުޅާލާނެ ނިޒާމެއް އަޅުގަނޑުމެން މި ފޯރުކޮށްދެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ ސަބަބުން އެކަހެރިކޮށް ހުރި ކުދި ރަށްތަކަށް ފަސޭހައިން ހިދުމަތްތައް ހޯދުމުގައި ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް މިހާރު ދެނީ އުރީދޫ މޯލްޑިވްސް އާއި ދިރާގު އަދި އާރުއޯއެލްއިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment