Advertisement

ރައީސް ސޯލިހުގެ ރަނިންމޭޓު ހޮވަން މި ފަހަރު ވެސް ގަދަ ހިފުމަކަށް!

18 ޖުލައި 2023 - 09:24 3

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހާއި, އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ތިން ބޭފުޅުން; ރަނިންމޭޓަކަށް ހޮވާނީ މިއިން ބޭފުޅެއް -- އާޓްވޯކް; ރައްޔާން މުހައްމަދު/ އަދަދު


ރައީސް ސޯލިހުގެ ރަނިންމޭޓު ހޮވަން މި ފަހަރު ވެސް ގަދަ ހިފުމަކަށް!

18 ޖުލައި 2023 - 09:24 3

ނައިބު ރައީސުންނަކީ ރަނގަޅު ދައުރެއްގައި ކުރައްވާނެ މާ ބުރަ މަސައްކަތް ތަކެއް ނެތަސް، ވަރަށް ވަރުގަދަ ބާރުތަކެއް ލިބިވަޑައިގަންނަވާ ބޭފުޅުންތަކެވެ. އެއީ ރައީސްކަމާ އެންމެ ކައިރީގައި ހުންނަވާ ބޭފުޅާ އެވެ. ރައީސްގެ ޒިންމާތައް އަދާ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވެވަޑައިގަތަސް، ނުވަތަ ރައިސް އިސްތިއުފާ ދެެއްވިޔަސް އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ނައިބުރައީސެވެ.

ވެރިކަމަށް އަންނަ ޕާޓީއަށް ނުވަތަ ޕާޓީތަކަށް ނައިބުރައީސްގެ ވަފާތެރިކަން ކަށަވަރު ކުރަން ޖެހެނީ އެހެންވެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުގެ ވަގުތު ކުޑަތަންވެފައި ވާ އިރު ކެންޑިޑޭޓުން ކަނޑައަޅުއްވާނެ ރަނިންމޭޓުންނަކީ ކޮންކޮން ބޭފުޅުންނެއްތޯ ބެލުމުގެ ޝައުގުވެރިކަން އާއްމުންނަށް ބޮޑުވަނީ މިހެންވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަނޑައެޅުމުގެ ވާހަކައަށް ދާއިރު ދެތިން ބޭފުޅެއްގެ ވާހަކަ އަޑު އިވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭގެ ތެރޭގައި ހިމެނެ އެވެ.

އެކަމަކު ޝާހިދު ހުންނެވީ އެވާހަކަ ދައްކަވާ ގޮތަކަށް ނޫނެވެ. އެކަމާ ބެހޭ ކޮމެންޓެއް ހޯދަން އުޅުމުން ޖަވާބަކަށް ދެއްވީ ހަމައެކަނި "ސްމައިލީ ފޭސް" އިމޯޖީ އެކެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމު އަންނަ އާދިއްތަ ދުވަހު އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ފަށާއިރު, ރައީސް ސޯލިހު ހުށަހަޅުއްވާ ކެންޑިޑެސީ ފޯމުގައި ވެސް ރަނިންމޭޓުގެ ގޮތުގައި ނަމެއް އޮންނާނެ އެވެ. އެއީ ކޮން ނަމެއްކަން މިހާތަނަށް އާންމުކޮށްފައި ނުވާއިރު, އެމްޑީޕީ ތެރެއިން އެ ކަމަށް ޝައުގު ހުންނެވި ބޭފުޅުންތަކެއް އެބަ ތިއްބެވި އެވެ.

ރިޔާސީ އިންތިހާބަށް މި ވަގުތުކޮޅު އެންމެ ގަދަޔަށް ކެމްޕެއިނެއް ކުރައްވަމުން ގެންދަވާ ރައީސް ސޯލިހުގެ ރަނިން މޭޓުގެ ގޮތުގައި އަންނާނެ ބޭފުޅުންގެ ލިސްޓެއް އެމްޑީޕީ ތެރޭގައި ވެސް އެބަ ގެންގުޅުއްވަ އެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޝާހިދުގެ އިތުރުން, މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނަމެވެ.

ރަނިން މޭޓަކު ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރަނިން މޭޓު ކަނޑައެޅުމުގައި އޭނާއަށް ހޯދޭނެ ތާއީދާއި އެމީހެއްގެ ހުރި އިހުލާސްތެރިކަމާއި އެ މީހެއްގެ ސިޔާސީ ހަޔާތުގެ ޓްރެކް ރެކޯޑުގެ އިތުރުން ކޯލިޝަން ހެދުމަށް ކެންޑިޑޭޓު އެއްބަސްވާ އެހެން ޕާޓީތަކުގެ ހުށަހެޅުމަށް ވެސް ބަލަން ޖެހެ އެވެ. ތާރީހުން އެ ކަން ހެކިދެ އެވެ.

2018 ގައި ސޯލިހުގެ ރަނިން މޭޓް ހޮވީ ކިހިނެއް؟

ދެހާސްއަށާރަ ވަނަ އަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު، ހާއްސަ އަހަރެކެވެ. އޭރު ރިޔާސީ އިންތިހާބު ބޯމަތިވި އިރު ވާދަވެރި ޕާޓީތަކުގެ ސިޔާސީ ލީޑަރުން ތިބީ ޖަލުގަ އެވެ. ވާދަކުރެވޭނެ މަގެއް ނެތެވެ. އެހެންވެ ޕާޓީތަކުން އެކީގައި އިންތިހާބުގައި ވާދަކުރަން އެއްބަސްވާން މަޖުބޫރުވި އެވެ. ޕާޓީތަކުން ކެންޑިޑޭޓަކަށް ރައީސް ސޯލިހު އެއްބަސްވިއިރު ރަނިން މޭޓް ކަނޑައެޅުމުގެ ޒިންމާ ހަވާލުކުރީ ޖުމްހޫރީ ޕާޓީއަށެވެ.

އެމްޑީޕީ ފިޔަވައި, ދެން އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކޯލިޝަންގައި އޮތީ ވެސް ޖުމްހޫރި ޕާޓީ އެވެ. ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއި އަދާލަތު ޕާޓީއަށް ވެސް އެ ގޮތަށް އެއްބަސްވެވުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހަށް އެ ނޫން އިހުތިޔާރެއް ވެސް ނެތެވެ. ސިޔާސީ ދެބަސްވުންތަކުގެ ތެރެއިން ސުލްހަ ހޯދައިގެން އޭރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ވެސް އެއީ އެވެ.

ސުލްހައަށްޓަކައި ޖޭޕީއަށް ރަނިން މޭޓު ހޮވުން ދޫކޮށްލުމުން އެ ޕާޓީން ދިޔައީ ވަރުގަދަ ޕްރައިމަރީއަކަށެވެ. ގަދަހިފުމަކަށެވެ. ހަތަރު ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އޭރު ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންގެ މެދުގަ އެވެ. ކާށިދޫ ދާއިރާގެ އޭރުގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނުގެ ދެމެދުގަ އެވެ.

މިހާރު ރައީސް ސޯލިހުގެ ނައިބެއްގެ ގޮތުގައި ހުންނެވި ފައިސަލް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެންމެ ވޯޓަކުންނެވެ. އެ އިންތިހާބު އަލުން ބާއްވަން ގޮވާލާ މައްސަލަ ސިވިލް ކޯޓަށް ވެސް ވެއްދި އެވެ. ނަމަވެސް, ފަހުން ވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން އަލީ ހުސެއިން ވަނީ އަލުން އިންތިހާބު ބާއްވަން ބޭނުން ނުވާކަން ވެސް ހާމަކުރައްވާފަ އެވެ.

2018 ވަނަ އަހަރުގެ އިންތިހާބުގައި އެކުވި ކޯލިޝަން ޕާޓީތަކުގެ އިސްވެރިން


ރައީސްއަށް ފަސޭހަ ނިންމެވުމެއް ނޫން

ކުރިން، 2018 ވަނަ އަހަރުގެ އެ އިންތިހާބުގައި ރަނިން މޭޓު ހޮވުމުގެ ބާރު ކޯލިޝަނަށް އޮތް ނަމަވެސް, މިފަހަރު އެ މަގުން ކުރިއަށް ދިޔުމުގެ ޕްރެޝަރެއް ރައީސަކަށް ނެތެވެ. ރަނިން މޭޓު ހޮވުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު އޮތީ ހަމައެކަނި އެމަނިކުފާނަށެވެ. އެހެންވިޔަސް އެމަނިކުފާނު ވިދާޅުވަނީ ނިންމުން ފަސޭހަފުޅު ނުވާނެ ކަމަށެވެ.

"[ރަނިން މޭޓަކު ހޮވުމަކީ] އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު އެބަ ހޯދަން،" ރައީސް ސޯލިހު ހޯމަ ދުވަހު ވިދާޅުވި އެވެ.

ވ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ މަޝްވަރާ ކުރަން ޖެހޭ އެކި ބޭފުޅުންގެ ފަރާތުން "އެކި ނަންތައް އެބަ އާދޭ" ކަމަށެވެ. ނަމަވެސް "އަޅުގަނޑު އަދި ގޮތެއް ނުނިންމަން،" ކަމަށް ވިދާޅުވި އެވެ.

އެކަމުގައި ރައީސަށް އަދި ގޮތެއް ނުނިމި އޮތްއިރު, ރަނިންމޭޓަށްވުމުގެ ޝައުގު ހުރި ބޭފުޅުން, އެމަނިކުފާނާ ވަރަށް ކައިރީގައި އެބަތިއްބެވި އެވެ. ސުވާލަކީ ވަޑައިގަންނަވާނީ މިއިން ކޮންބޭފުޅަކާއެކުތޯ އެވެ.

ފައިސަލް ނަސީމް

މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެއް ބޭފުޅަކީ ކުރީގެ އިންތިހާބުގައި އެމަނިކުފާނުގެ އިންތިހާބީ ބައިވެރިޔާގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމެވެ.

"އެ ފުރުސަތު އޮތް ކަމަށް ވަންޏާ ޝައުގުވެރިކަން އެބަހުރި، ކުރިއަށް އޮތް ތަނުގައި ވެސް، މި މަސައްކަތުގައި ބައިވެރިވެ, ގައުމަށް ހިދުމަތް ކޮށްދޭން،" ރަނިން މޭޓު ކަމަށް ޝައުގު ހުރިތޯ ސުވާލުކުރުމުން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެއްޓެވުމަށް ރައީސް ށަވިޔަނި އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އެންމެ އަރިހުގައި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް


މިފަހަރުގެ އިންތިހާބުގައި ވެސް ރަނިންމޭޓުގެ ގޮތުގައި ފައިސަލް ފެނިދާނެ ކަމަށް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ. ރާއްޖޭގެ ތާރީހުގައި ވެސް ރިޔާސީ ދައުރެއް ފުރިހަމަ ކުރި ހަމައެކަނި ނައިބު ރައީސަކީ ފައިސަލް އެވެ. ތާރީހުން ފެންނަން އޮތް ނައިބު ރައީސުންގެ ބޭވަފާތެރިކަން އެއް ފަރާތްކޮށް, ރައީސްގެ ފުރިހަމަ އިތުބާރު އޮތް, އިހްލާސްތެރި ފުރަތަމަ ނައިބު ރައީސަކަށް ވުމުގެ ރެކޯޑެވެ.

ސިއްހީ ސަބަބަކަށް ރައީސުލްޖުމްހޫރިއްޔާ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެންނެވުމުން ރައީސްގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އެވެ. ގާނޫނީ ގޮތުން, އެ ޒިންމާތައް ފައިސަލްއާ ހަވާލުކުރުން ކޮންމެހެން ލާޒިމެއް ވެސް ނޫނެވެ. ނަމަވެސް ފައިސަލްވެވަޑައިގެންނެވީ ރައީސްގެ ހުރިހާ ޒިންމާއަކާއި ބާރެއް ހަވާލުކުރައްވަން އެމަނިކުފާނު ޖެހިލުންވެވަޑައިނުގަންނަވާ ފެންވަރުގެ ބޭފުޅަކަށެވެ.

އަނެއް ކަމަކީ, ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ވެސް, އެމްޑީޕީގެ ހަރަކާތްތަކުގައި ރައީސްގެ އެންމެ ކައިރިން ފެންނަ މޫނަކަށް ފައިސަލް ވުމެވެ. މި ދައުރު ތެރޭގައި އައި އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕޭންތަކުން ވެސް ފެނިވަޑައިގެންނެވި އެވެ. އަދި ރައީސްގެ މި ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގައި ވެސް, ރައީސްއާ އެންމެ ގާތުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައީސް ސޯލިހުގެ ވަރަށް އަރިސް، އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވެސް ފައިސަލް ކަނޑައެޅުމުގެ ފުރުސަތު އޮތް ސަބަބެއްގެ ގޮތުގައި ދައްކަވަނީ ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށް ވުމެވެ. ތާއީދު ހޯދަން މުހިންމު އާބާދީ ބޮޑު ސަރަހައްދުތަކުން ކެންޑިޑޭޓު ކަނޑައެޅުމަކީ ރަނިން މޭޓު ކަނޑައެޅުމުގެ ތާރީހުން ވެސް ފެންނަން އޮތް ކަމެކެވެ.

"އޭރު ވެސް ފައިސަލް ހޮވުން މުހިންމު ކަމަށް ޖޭޕީން ދެކުނު އެއް ސަބަބަކީ ވެސް ފުވައްމުލަކު ބޭފުޅަކަށް ވުން، އެ ފަހަރު ފުވައްމުލަކުން ބޮޑު ތާއީދެއް ވެސް ހޯދުން، އަނެއްކާ ފަސް އަހަރު ދެގޮތެއް ނުވެ ރީތިކޮށް ހުރުމާއެކު ފައިސަލްއަކީ އެ ޕޮޓޭންޝަލް އެންމެ ބޮޑަށް އޮތް އެކަކު،" އޭނާ ވިދާޅުވި އެވެ.

އަބްދުالله ޝާހިދު

ރަނިން މޭޓު ކަމަށް ޝައުގު ހުރިތޯ ކުރި ސުވާލަށް ޝާހިދު ދެއްވީ މާނަ ފުން, ކުރު ޖަވާބެކެވެ. ފޮނުވި ޓެކްސްޓް މެސެޖުގައި "😃 [ސްމައިލީ ފޭސް]" އެކެވެ.

ރަނިން މޭޓު ކަމަށް ޝައުގުވެރިކަން ހުރި ކަމަށް އިންކާރު ނުކުރެއްވުމެވެ. ޝާހިދުގެ ޝައުގުވެރިކަން އެބަ ހުއްޓެވެ. އެ ކަމުގެ މަޝްވަރާތައް ކުރައްވަނީ ކަމަށް ވެދާނެ އެވެ. ފަހަރުގައި ރަނިން މޭޓުގެ މަގާމު ކަށަވަރު ވެފައި ވެސް އޮވެދާނެ އެވެ.

އެމްޑީޕީގެ އެތެރޭގެ ބައެއް އިސް މެމްބަރުން ވެސް ގަބޫލު ކުރައްވާ ގޮތުގައި މި ވަގުތު އެ ޕާޓީ ތެރެއިން ރަނިން މޭޓަކު ކަނޑައަޅާ ނަމަ, އެ ފުރުސަތު ލިބުން އެންމެ ގާތީ ވެސް ޝާހިދަށެވެ. ޝާހިދު ގެންދަވަނީ ޕާޓީ ތެރެއިން އެ ކަމަށް ކެމްޕޭން ވެސް ކުރައްވަމުންނެވެ.

އަބްދުالله ޝަހިދު, އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު އަރިހުގައި -- ފޮޓޯ: ޝާބިން/ އަދަދު


އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވި ފަހުން ޝާހިދު ފެންނަނީ ރައީސްއާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ތަނެވެ. ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީ, އަދި މި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ރައީސްއާއެކު ރަށްރަށަށް ވަޑައިގެން އެންމެ އަރިހުގައި ހުންނަވާ އެއް ބޭފުޅަކީ ޝާހިދެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވާ ބޭރުގެ އެތައް ގައުމަކާ ޝާހިދު ވަނީ ގާތް ގުޅުމެއް ދަމަހައްޓަވާފަ އެވެ. ގައުމުތަކާ ގުޅުން ދަމަހައްޓަވާ, ހޯއްދެވި އިތުބާރުން އޭނާ ވަނީ އދ. ގެ ރައީސްކަން ކާމިޔާބު ކުރައްވާ, އެ މަގާމުގައި އެއް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފަ އެވެ. އެހެން ކަމުން, ޝާހިދު އަދިވެސް ފޮރިން މިނިސްޓަރު ކަމުގައި ބެހެއްޓުމަށް ނިންމުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

"ބޭރުގެ އެތައް ގައުމަކާ ޝާހިދު އޮތް އެ ގުޅުން، އެ ގުޅުމުން ސަރުކާރަށް ހޯދި ފައިދާ، ކެމްޕޭނަށް ވެސް ހޯދޭނެ ފަންޑުތައް، އަދި ޝާހިދު އެ ކަމަށް އޮތް ޝައުގުގައި ކުރައްވާ މަސައްކަތް، އެންމެ ގާތީ ވެސް، އެންމެ ލައިކްލީ ހަމަ ޝާހިދު [ރަނިންމޭޓަކަށް] ވުން،" މި ރިޕޯޓަށް ވާހަކަ ދެއްކެވި މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

ފައްޔާޒް އިސްމާއީލް

އެމްޑީޕީގައިި މިވަގުތު ހުންނެވި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ރައީސްގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ރާއްޖޭގެ އިގްތިސާދަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުންދާ އެއް އިގްތިސޯދު ކަމަށްވާއިރު ފައްޔާޒުގެ މިނިސްޓަރުކަމުގައި ރާއްޖޭން އިގްތިސޯދީ ދަތި ދުވަސްތަކެއް ވެސް ތަހައްމަލުކުރި އެވެ. ކޮވިޑު މެނޭޖުކުރުމުގައި ރައީސް އެންމެ ބޮޑު އިތުބާރެއް ކުރައްވައި ބުރަ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ވެސް ފައްޔާޒުއާ އެވެ.

ވެރިކަމުގެ ނިޒާމާ ގުޅިގެން ޕާޓީގެ ތެރޭގައި އެންމެ ފުރަތަމަ އުފެދުނު ދެބަސްވުންތަކުގައި ވެސް އޭނާ ހުރީ ރިޔާސީ ނިޒާމަކަށް ތާއީދުކޮށްގެން އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމުގެ ވަރުގަދަ އަޒުމުގައިކަން ހާމަކުރެއްވި އެވެ. އެ ޕާޓީގެ ތެރޭގައި އޭރު ލާފައިވާ ރެނދުތައް އާންމުންނަށް ހާމަވި ޗެއާޕާސަން އިންތިހާބުގައި ރައީސް ހުންނެވީ ގަދަކޮށް ފައްޔާޒާ އެކު އެވެ.

އޭނާ ޗެއާޕާސަން ކަމަށް އިންތިހާބުވުން ވެގެންދިޔައީ އެމްޑީޕީގެ ބާރުތައް ރައީސްގެ އަތްމައްޗަށް ފުރޮޅިގެންދިޔަ ކަމަކަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްގައި ވެސް ރައީސް ސޯލިހުގެ ފެކްޝަނަށް ކުރި ލިބުނީ ފައްޔާޒު އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްތަކުންނެވެ. އޭނާއަކީ މަޖިލިސް މެމްބަރުންނާއި, ގައުމީ މަޖިލީހުގެ މެމްބަރުންނާއި, ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުބާރު އޮތް ކެބިނެޓުގެ އެންމެ ނުފޫޒުގަދަ މިނިސްޓަރެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ފައްޔާޒު, ރައީސް ސޯލިހުއާ ހަވާލުކުރައްވަނީ. ރައީސް އެންމެ އިތުބާރު ކުރައްވާ ވަޒީރަކީ އޭނާ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައި ދިނުމަކީ މިހާރު ފައްޔާޒުގެ މައިގަނޑު އަމާޒެވެ. މިހާތަނަށް ޖެހިޖެހިގެން ދެ ރިޔާސީ ދައުރަށް އެ ޕާޓީގެ ކެންޑިޑޭޓަކު އިންތިހާބު ވެފައި ނުވެ އެވެ. މިވަގުތު ވެސް ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ޗެއާޕާސަން ރައީސްގެ ރަނިންމޭޓުގެ ގޮތުގައި ފެނުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެ އެވެ.

މި ބޭފުޅުންގެ އިތުރުން ވެސް އެމްޑީޕީ ތެރެއިން ރަނިން މޭޓު ކަމަށް އިތުރު ނަމެއް ފެންމަތިވެފައި ވެ އެވެ. އެއީ, އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ނަމަވެސް, މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު, އަސްލަމް ރަނިން މޭޓަކަށްވުމުގެ އަޑުތައް ފަނޑުވެ, މަޖިލިސް ރައީސަކަށްވުމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ.

ކޯލިޝަނުން ރަނިން މޭޓަކު ނުކުމެދާނެތަ؟

ދެން އޮތީ ކޯލިޝަނެވެ. ކޯލިޝަނުގެ ތެރެއިން ރަނިންމޭޓަކު ހޮވުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ ރައީސް ވިދާޅުވާ ގޮތުގައި އެއީވެސް 'ޕޮސިބިލިޓީ' އެކެވެ.

ނަމަވެސް, މި ފަހަރު ކޯލިޝަނުުގައި އޮތް އެމްޑީއޭ އަދި އަދާލަތު ޕާޓީއަކީ ސިޔާސީ ގޮތުން އެހާ ވަރުގަދަ ދެ ޕާޓީއެއް ނޫނެވެ. އެ ދެ ޕާޓީ ވެސް ފާހަގަ ކުރެވެނީ ސިޔާސީ މަސްރަހުގައި ފަނޑު ބައެއް ގޮތުގަ އެވެ. ދިހަހާހެއްހާ މެމްބަރުން އެއިން ކޮންމެ ޕާޓީއެއްގައި ތިއްބަސް އަދި ރިޔާސީ އިންތިހާބެއްގައި ނުކުމެ އަމިއްލަ ފެންވަރު ޓެސްޓް ކުރެވިފައި އޮތް ދެ ޕާޓީއެއް ނޫނެވެ.

މިހާރު އޮތް ކޯލިޝަނާ އިތުރު ޕާޓިއެއް ގުޅިގެން ރަނިންމޭޓަކު ނެރުމަކީ ވެސް އޮތް ގޮތެކެވެ. ކުރިން ކޯލިޝަނުގައި ހިމެނުނު ޖުމްހޫރީ ޕާޓީން އެމްޑީޕީއާ އެކު ނުވާން ނިންމި މައިގަނޑު އެއް ސަބަބަކީ, އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވުމެވެ. ނަމަވެސް ދާދި ފަހުން އޭސީސީން ވަނީ އެކަމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.

އެހެންކަމުން ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުން ބަދަލުކޮށް, ރައީސްގެ ކޯލިޝަނާ ގުޅުމުގެ ހަނި ފުރުސަތެއް އެބަ އޮތެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަކީ، އަވަސްއަވަަހަށް، އެ ހާލަތެއް އޮތް ގޮތުން ބަދަލުވަމުން އަންނަ ކަމަކަށްވާއިރު، އެފަދަ ހާލަތުގައި ޖޭޕީއަށް އަނެއްކާ ވެސް ރަނިންމޭޓެއް ދެއްކިދާނެ އެވެ.

ރައީސް ސޯލިހު ރިޔާސީ އިންތިހަބުގެ ކެމްޕޭނުގައި; އަދި ރަނިންމޭޓެއް ކަނޑަނާޅުއްވާ -- ފޮޓޯ: މިރާޝް/ އަދަދު


ރައީސް ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާއިރު, ފަހަތަށް އަރާނެ ބޭފުޅަކީ ކޮބައިތޯ މިއީ މިވަގުތަށް އުފެދިފައި އޮތް އެންމެ ބޮޑު ސުވާލެވެ. ވޯޓު ލާން ތިބި މީހުން އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ވަގުތުކޮޅެވެ. ރައީސް ސޯލިހުގެ ރަނިންމޭޓު މިފަހަރު ކޯލިޝަން ޕާޓީތަކުގެ ތެރެއިން ކަނޑައަޅަން އުޅުނަސް އެކަން ވާނީ ވަރަށް ބޮޑު ވާދަވެރި ކަމަކަށެވެ. އެމްޑީޕީގެ ތެރެއިން އެކަން ނިންމަން އުޅެފިއްޔާ އަދި މާބޮޑު 'ފައިޓަކަށް' ދާނެ އެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ރަނިންމޭޓަކު ހޮވުން ވާނީ ގަދަ ހިފުމަކަށެވެ. މާ ބޮޑަށް ބޭރަށް އެ ބަހުސް ނުދެއްކިޔަސް އެތެރޭގައި އެ ބަހުސް އެބަ ކުރިއަށްދެ އެވެ.