Advertisement

އައިއޯއައިޖީގައި ވާދަކުރާ ޓޭބަލް ޓެނިސް ޓީމްގައި މިފަހަރު 12 ކުޅުންތެރިން

17 ޖުލައި 2023 - 12:12 0


އައިއޯއައިޖީގައި ވާދަކުރާ ޓޭބަލް ޓެނިސް ޓީމްގައި މިފަހަރު 12 ކުޅުންތެރިން

17 ޖުލައި 2023 - 12:12 0

އަންނަ މަހުގެ 28ގައި މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރާ ގައުމީ ޓޭބަލް ޓެނިސް ޓީމް އިއުލާންކޮށްފި އެވެ.

އެ ގޮތުން، 2019 ވަނަ އަހަރު އޮތް އައިއޯއައިޖީގައި އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިހެވެ. ޓީީޓީގެ އަންހެން ޓީމުން ވަނީ މުބާރާތުން ތިން ރަން މެޑަލް އަދި ދެ ރިހި މެޑަލް ހޯދައިފަ އެވެ.

މިފަހަރު އައިއޯއައިޖީ އަށް އެކުލަވާލި އަންހެން ޓީމްގައި މިދިޔަ އަހަރު މެޑަލް ހޯދި ތިން ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ޖުމާނާ ނިމާލް މި ފަހަރު ޓީމްގައި ހިމެނެ އެވެ. ދެން ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ މިޝްކާ މުހައްމަދު އިބްރާހިމް، ލައިސާ ފަތުހުﷲ އިސްމާއިލް އަދި އާމިނަތު ޝީއުރާ ޝަރީފް އެވެ.

މި ކުޅުންތެރިންގެ ތެރެއިން ޝިއުރާ ބައިނަލްއަގްވާމީ މުބާރާތަކަށް މި ނުކުންނަަނީ ގާތް ގަނޑަކަށް ފަސް އަހަރުގެ ބްރޭކަކަށްފަހު ގަ އެވެ.

މުބާރާތަށް ނެގި ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލާއި މޫސާ މުންސިފް އަހުމަދާއި މުހައްމަދު ޒީސްތު ނަސީމާއި އަޚްޔާރު އަހުމަދާއި އަހުމަދު ތާބިން ޝުޖާއު އަދި ޒީކް ހަސަން ލަތީފް އެވެ.

ގައުމީ ޓީމްގެ 12 ކުޅުންތެރިންގެ ތެރެއިން ޝައްފާން، މުންސިފް، އަޚްޔާރު، ތާބިން، ޒީކް، ލައިސާ، ދީމާ އަދި ރަފާ ތަމްރީން ހަދަމުން އައީ ކްރޮއޭޝިއާގަ އެވެ. އެ ކުޅުންތެރިން މި މަހު މާލެ އަންނާނެ އެވެ. މިޝްކާ އާއި ޖުމާނާ އިންޑިއާގައި ތަމްރީން ހެދިއިރު، ޝިއުރާ އާއި ޒީސްތުގެ ތަމްރީންތައް ކުރިއަށްދަނީ މާލޭގަ އެވެ.

އެހެން އަހަރުތަކަކޭ އެއްގޮތަށް މިފަހަރުވެސް ރާއްޖޭގެ ދެ އަމްޕަޔަރަކު އައިއޯއައިޖީއަށް ދާނެ އެވެ. އެއީ އައްޒާމް އިބްރާހިމް އާއި މުހައްމަދު ޔާމިން އެވެ.

އައިއޯއައިޖީގެ ކުޅިވަރު ހަރަކާތްތަކާއިއެކު މިފަހަރުވެސް ޔޫތު ކޭމްޕެއް ކުރިއަށްދާނެ އެވެ. މި ކޭމްޕްގައި މިފަހަރު ރާއްޖޭގެ ގިނަ ކުޅިވަރުތަކަކުން އެތުލީޓުން ބައިވެރިވާނެ އެވެ. މިގޮތުން ޓީޓީ އިން ބައިވެރިވާ ދެ ކުޅުންތެރިންނަކީ އައުން އިބްރާހިމް ލަތީފާއި މިންހާ މަހުޖޫބް ޝުޖާއު އެވެ.