Advertisement

ހަމަނުޖެހުން އުފެއްދި ކަމަށް ބުނެ ދިއްގަރުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

17 ޖުލައި 2023 - 10:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިނިސްޓަރު އިމްރާން އަބްދުﷲ ދިއްގަރުގައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަމަނުޖެހުން އުފެއްދި ކަމަށް ބުނެ ދިއްގަރުން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

17 ޖުލައި 2023 - 10:44 0

ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ މ. ދިއްގަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އިއްޔެ ހައްޔަރުކުރި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ހަތަރު ގަޑިއިރު ބޭތިއްބުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އިއްޔެ ހަވީރު ރައީސް ސޯލިހު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

ނަމަވެސް އެ ފަރާތްތަކުން ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށް ބުނެ ފުލުހުން ވަނީ އެމީހުންގެ އެއްވުން ރޫޅާލާފަ އެވެ. ރައީސް ސޯލިހުގެ ކެމްޕޭނުގެ ތެރެއިން ގިނަ ރަށްރަށުން އިދިކޮޅު ފަރާތްތަކުން ދަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެ އަޑުއުފުލުންތަކާ ދެކޮޅަށް ރައީސް ސޯލިހު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރޭ ދިއްގަރުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ދިއްގަރު ޖަލްސާގައި އިމްރާން ވިދާޅުވީ މިއަދު ހަވީރު އެ ރަށުގައި ކުރި މުޒާހަރާއަކީ ދެހާހުގެ ކުރީކޮޅު ފެނުނު ފަދަ މަންޒަރެއް ކަމަށެވެ. އޭރު ސިޔާސީ ހަރަކާތްތަކުގައި ގަޔަތް ބޮލަށް އަތްލައި، ވެލި އުކައި ފެންޖަހައި ހެދި ކަމަށާއި އެކަން މާޒީވެ ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެގޮތަށް ކުރާން ޖާގަ ނުދޭނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" ކުރިން އެމްޑީޕީއާ ދެކޮޅަށް އޭރުގެ އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހުންނެވި އިމްރާން ރޭ ވިދާޅުވި އެވެ.

އިމްރާން ވާހަކައިގެ ކުރިން ރައީސް ވެސް ވަނީ އިދިކޮޅުން ހިޔާލުފާޅުކުރާ ގޮތަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ "އަޅުގަނޑުމެން މީގެ އެތައް އަހަރެއް ކުރިން ފެށި މަސައްކަތެއް، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަށްޓަކައި. މިއަދު އަޅުގަނޑުމެންނަށް އާދެވިފައި މިހުރި ހިސާބަކީ ވާދަވެރި ކެމްޕެއިނެއް ހިންގައި، އިންތިހާބުގައި ވާދަކޮށް، ވޯޓުން ނަތީޖާ ނެރުން. އަޅުގަނޑުމެންނަށް އެހިސާބަށް އާދެވިއްޖެ ގައިމުވެސް. އެމްޑީޕީއަށް އާދެވިއްޖެ،" ކަމަށެވެ.