Advertisement

ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ނިންމީ ނުރައްކަލެއް އޮވެގެނެއް ނޫން: އެމްއެންޑީއެފް

28 އޭޕްރީލް 2024 - 13:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް އޮފީސް: މީގެ ކުރިން ދުވަހަކު ވެސް ރައީސް އޮފީހަށް ފޯނު ވެއްދުން މަނާ ނުކުރޭ -- ފޮޓޯ: އަދަދު


ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ނިންމީ ނުރައްކަލެއް އޮވެގެނެއް ނޫން: އެމްއެންޑީއެފް

28 އޭޕްރީލް 2024 - 13:34 0

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭ ގޮތަށް ނިންމީ ނުރައްކަލަކާ ގުޅިގެން ނޫން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދިޔަ ނޫސްވެރިންނަށް ވަނީ އެ އޮފީހަށް ފޯނު ވެއްދުން މަނާކޮށްފަ އެވެ. މިއީ މިފަދަ އެންގުމެއް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ފުރަތަމަ ފަހަރެވެ.

މި މައްސަލައާ ގުޅިގެން "އަދަދު" އަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ބުނީ ރައީސް އޮފީހަށް ފޯނު ނުވެއްދޭގޮތަށް ސެކިޔުރިޓީ ޕްރޮޓޮކޯލް ބަދަލުކުރީ އެއްވެސް "ތުރެޓް" އެއް ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށެވެ.

އެގޮތުން ހަމައެކަނި ރައީސް އޮފީހުގެ މުވައްޒަފުން އަދި މިނިސްޓަރުންނަށް އެ އޮފީހަށް ފޯނު ވެއްދޭ ގޮތަށް ޕްރޮޓޮކޯލް ބަދަލުކޮށް އަމަލުކުރަމުން ގެންދާތާ ދެ މަސް ދުވަސް ވެއްޖެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

"ތުރެޓަކާ ގުޅިގެނެއް ނޫން. އާންމު ޕްރޮޓޮކޯލްގެ ދަށުން ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އަމަލުކުރަމުން ގެންދާތާ ދެ މަސް ދުވަސް ވެއްޖެ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރިއިރު، ފޯނަކީ އެފަދަ ބައްދަލުވުންތަކުގައި ދޭ މައުލޫމާތާ ގުޅިގެން ފޮލޯއަޕް ސުވާލު ކުރުމަށް ކުރަންޖެހޭ ކުރު ދިރާސާތައް ކުރުމަށް ނޫސްވެރިންނަށް މުހިންމު އާލާތެކެވެ.

މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވަނީ ނޫސްވެރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރާނެ ކަމަށް ބުނެފަ އެވެ.