16 ޖުލައި 2023 - 12:26 0
މަރިޔަމް އަފާ ނިޒާމް
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން
16 ޖުލައި 2023 - 12:26 0
ތިން ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެ އިދާރާއިން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ލ. ގަން، އައްޑޫ ސިޓީ ހުޅުމީދޫ އަދި ތ. ދިޔަމިގިލީގައި ކަމަށެވެ.
އެގޮތުން, ލ. ގަމުގައި ހިންގި އެއް އޮޕަރޭޝަނަކީ ލ. ދަނބިދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މަހު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ގަމު ބަނދަރުމަތިން 25 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް، 25 އަހަރުގެ މީހާއަށް 15 ދުވަސް އަދި 36 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
އޭގެ އިތުރުން މި މަހު 12 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަމުގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި 56 އަހަރުގެ މީހަކާއި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އަދި, މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅު އަދި ބޮޑު ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
އޭގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ދިޔަމިގިލީގައިވެސް މި މަހު 13 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެ އެވެ. މި އޮޕަރޭޝަނުގައި ދިޔަމިގިއްޔަށް ދިޔަ ލޯންޗަކުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު އަދި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.
Comment