Advertisement

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް، ޓާގެޓަކީ 1.9 މިލިއަން ފަތުރުވެރިން

16 ޖުލައި 2023 - 11:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެއް މިލިއަން ފަތުރުވެރިޔާގެ ގޮތުގައި މިއަދު ހެދުނު ބްރިޓިޝް އެއާވޭސް ގެ ފްލައިޓަކުން ރާއްޖެ އައި ރަޝިޔާގެ އެންޓޮން ޕަވްލޯ - ފޮޓޯ: ވިޒިޓް މޯލްޑިވްސް


އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް، ޓާގެޓަކީ 1.9 މިލިއަން ފަތުރުވެރިން

16 ޖުލައި 2023 - 11:05 0

މި އަހަރު ރާއްޖެއަށް އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެއް މިލިއަން ފަތުރުވެރިޔާގެ ގޮތުގައި މިއަދު ހެދުނު ބްރިޓިޝް އެއާވޭސް ގެ ފްލައިޓަކުން ރާއްޖެ އައި ރަޝިޔާގެ އެންޓޮން ޕަވްލޯ އަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ޕަވްލޯ އާއެކު އޭނާގެ ބައިވެރިޔާ އަނަސްތަޝިޔާ ކްލިންސްކީ އަދި އޭނާގެ ދަރިފުޅުވެސް މިއަދު ރާއްޖެ އައިސްފައިވެ އެވެ. އެ އާއިލާއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާނީ ވައްކަރު މޯލްޑިވްސް ރިސޯޓުގަ އެވެ.

މިއަދު އެއާޕޯޓުގައި ހުންނަވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ. ސަބަބަކީ ކޮވިޑުގެ ހާލަތަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިތާ ތިން އަހަރު ފުރޭ ދުވަހު މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ފުރުސަތު ލިބުމުން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަށް ދިއުމުގެ މަގު މިހާރު މިވަނީ ތަނަވަސްވެފައި. މި އަހަރު އަޅުގަނޑުމެން ފަތުރުވެރިންގެ އަދަދު ގުނި ކަމުގައިވިޔަސް ސަރުކާރުން ބޮޑަށް ސަމާލުކަމެއް މި ދެނީ ފަތުރުވެރިކަމުން ރައްޔިތުންނާ ދައުލަތަށް ލިބޭ ނަފާއަށް," މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މީގެ ކުރިން މި އަހަރަށް ކަނޑައަޅާފައި އޮތް ފަތުރުވެރިންގެ ޓާގެޓު މިހާރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި ވާހަކަފުޅަށް މިނިސްޓަރު އިޝާރާތް ކުރެއްވި އެވެ.

"މިއަދުގެ ތަސައްވަރަކީ މި އަހަރު ނިމޭއިރު 1.9 މިލިއަން ޓުއަރިސްޓުން ރާއްޖެއަށް ގެނައުން، އިރާދަކުރެއްވިއްޖިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން," މިވަގުތު ރިޔާސީ ކެމްޕޭނުގައި މ. އަތޮޅުގައި ހުންނެވި ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 13.6 އިންސައްތަ ކުރީގަ އެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާގެ ފަހަތުން އުޅެނީ ރަޝިއާ އަދި އިނގިރޭސިވިލާތާއި ޗައިނާ އެވެ.