Advertisement

އޭއައި ބޭނުންކޮށްގެން ޝެއިން އިން ޑިޒައިންތައް ވަގަށް ނަގާކަމުގެ ތުހުމަތު

16 ޖުލައި 2023 - 08:18 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އޭއައި ބޭނުންކޮށްގެން ޝެއިން އިން ޑިޒައިންތައް ވަގަށް ނަގާކަމުގެ ތުހުމަތު

16 ޖުލައި 2023 - 08:18 0

އޭއައި ބޭނުންކޮށްގެން ޑިޒައިނަރުންގެ ޑިޒައިންތައް ވަގަށް ނަގައިގެން ބޭނުންކުރާކަމުގެ ތުހުމަތުކޮށް، މަޝްހޫރު ބްރޭންޑް ޝެއިން އާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މީގެ ކުރިންވެސް އެކި ކަންކަމުގެ ފާޑުކިޔުމާއި ތުހުމަތުތައް އަމާޒުވެފައިވާ ޝެއިން އަށް، އާ ގާނޫނީ ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ އެ ކުންފުނިން, ރެކެޓީއާ އިންފްލޫއެންސްޑް އެންޑް ކޮރަޕްޓް އޮގަނައިޒޭޝަންސް އެކްޓް (ރިކޯ) އާ ހިލާފުވެފައިވާ ކަމަށް ބުނެ ޑިޒައިނަރުންތަކެއް ދައުވާ ކުރުމުންނެވެ.

ކްރިސްޓާ ޕެރީ، ލަރިސާ މާޓީނޭޒް އަދި ޖޭ ބެރޮން ހިމެނޭ ހެން ތިން ޑިޒައިނަރަކު ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، ޝެއިންގެ "ޑިޒައިން އަލްގަރިދްމް" އިން ފަންނުވެރިންގެ މަސައްކަތްތައް ކޮޕީކޮށް ވިއްކަމުން ދާތީ، މިކަމުގެ ސަބަބުން ފަންނުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

އަދި ހުށަހަޅާފައިވާ ދައުވާގައި ވަނީ، އެމީހުން ތައްޔާރުކޮށްފައިވާ ޑިޒައިންތަކާއި، ޝެއިން އިން ވިއްކަން ޖަހާފަ ހުރި ބައެއް ތަކެތީގައި އެ ޑިޒައިން ބޭނުންކޮށްފައިވާކަން ދައްކުވާދޭ ފޮޓޯ ވެސް ހިމަނާފަ އެވެ.



ދައުވާގައި ހިމެނޭ ފޮޓޯއެއް


މި ދައުވާގެ ފަހަތުގައި ތިބި ޑިޒައިނަރުން އެދިފައިވަނީ ޖޫރީ ޕެނަލްއެއް ހިމެނޭ ޝަރީއަތެއް ހިންގުމަށެވެ. އެފަރާތްތަކުން ބުނެފައިވަނީ މިއީ އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން ހިންގަމުންދާ އަމަލެއް ކަމަށެވެ. އަދި ރީކޯ މި މައްސަލައަށް އެކަށީގެންވަނީ، އެއީ ބޮޑު ވިޔަފާރިއެއްގެ ތެރޭގައި ބަޔަކު ހިންގާ ކުށްވެރި އަމަލުތަކަކަށް ވާތީ ކަމަށެވެ.

ތުހުމަތުތަކުގެ ރައްދުގައި ޝެއިން އިން ވަނީ ބައިނަލްއަގްވާމީ ނޫސް މީޑިއާ "ޓެކް ކްރަންޗް" އަށް ބަޔާނެއް ފޯރުކޮށްދީފަ އެވެ. އެ ބަޔާނުގައި، ދައުވާތަކުގެ ސީރިއަސްކަން ގަބޫލުކުރާކަމަށާއި، ދައުވާއާ ދެކޮޅަށް ވަރުގަދައަށް ދިފާއުވުމަށް ވައުދުވެފައިވެ އެވެ.

ދައުވާގައި ހިމެނޭ ފޮޓޯއެއް


ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޮންލައިން ރީޓެއިލް ވިޔަފާރިވެރިތަކުގެ ތެރޭގައި ހިމެނޭ ޝެއިން އަށް، މީގެ ކުރިން ވެސް ވަނީ ފަންނާނުންނާއި، މަސައްކަތްތެރިންނާއި، ތިމާވެށްޓާ މެދު ގޯސްކޮށް އަމަލުކުރާ ކަމުގެ ތުހުމަތުތަކެއް ކުރިމަތިވެފަ އެވެ. އަދި ލޯކަލް ލޭބަރ ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް އެކުންފުން ވަނީ ކުރިން އެއްބަސްވެސް ވެފަ އެވެ.

އެއަށް ފަހު ޝެއިން އިން ވަނީ ތިމާވެށްޓަށް ހޭލުންތެރި އަދި އިޖުތިމާއީ ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި ދައްކާލުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އިމޭޖް ވަރުގަދަ ކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންފްލޫއެންސާ މާކެޓިން ކެމްޕޭނެއް ނިމުނީ، އާންމުން ކުންފުންޏާއި މެދު ދެކޭގޮތް އިތުރަށް ގޯސްވެގެންނެވެ.

1970 ވަނަ އަހަރު ފާސްކުރި ރިކޯ ގާނޫނު ފަރުމާކޮށްފައި ވަނީ އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. އަދި މި ގާނޫނުގެ ބޭނުން އެންމެ ފުރަތަމަ ކޮށްފައިވަނީ އިޓަލީގެ މާފިއާ އާއި ދެކޮޅަށެވެ. ފެޝަން ބްރޭންޑަކާއި ދެކޮޅަށް މި ގާނޫނު ބޭނުންކޮށްފައިވާ މިއީ ފުރަތަމަ ފަހަރެވެ.