Advertisement

ހަމްޕުގެ ހެޓްރިކާ އެކު ޓީސީ އަތުން މާޒިޔާ އަށް ފަސޭހަ މޮޅެއް

15 ޖުލައި 2023 - 09:27 0


ހަމްޕުގެ ހެޓްރިކާ އެކު ޓީސީ އަތުން މާޒިޔާ އަށް ފަސޭހަ މޮޅެއް

15 ޖުލައި 2023 - 09:27 0

މެޗުގެ ފުރަތަމަ ހާފުގައި ހަމްޒާ މުޙައްމަދު (ހަމްޕު) ހެދި ހެޓްރިކާއެކު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް އަތުން 6-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެެވެ.

މިއީ ދިވެހި ލީގު ފާއިތުވި ތިން ސީޒަންގައި ވެސް ކާމިޔާބުކުރި މާޒިޔާގެ އާ ކޯޗު ބޮސްނިއާގެ މިލޮމިރް ސެސްލިޖާ (މިލޯ)ގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗެވެ.

ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް މޮޅުވި މާޒިޔާ އިން މެޗުގެ 22 ވަނަ މިނިޓުގައި ލީޑު ނެގީ ޕެނަލްޓީއަކުން ހަމްޕު ކާމިޔާބުކުރި ލަނޑުންނެވެ. މާޒިޔާ އަށް ޕެނަލްޓީއެއް ލިބުނީ އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލަށް ޓީސީގެ އަހްމަދު ފައްރާހް (ފައްރަ) ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ 42 ވަނަ މިނިޓުގައި ހަމްޕު ވަނީ އިތުުރު ލަނޑެއް ކާމިޔާބުކޮށް މާޒިޔާގެ ލީޑު ފުޅާކޮށްފައެވެ. ޓީސީގެ އޭރިޔާ ބޭރުން އެ ޓީމުގެ ޑިފެންޑަރެއް ކައިރިން ސަލާމަތްވުމަށް ފަހު، ހަމްޒާ ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ފުރަތަމަ ހާފު ނިމެނިކޮށް، ހަމްޒު ވަނީ އިތުރު ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު، ހަމްޒާ ވާތު ފައިން ފޮނުވާލި ޝޮޓް މި ފަހަރު އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ މިޑްފީލްޑަރު އިބްރާހިމް އައިސަމްއެވެ. މާޒިޔާގެ ފޯވަޑް ހަސަން ރާއިފް އަޙްމަދު (ހަންނަ) މުޅިން ހުސްކޮށް ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެނާ ހުއްޓުވުމަށް ކުރިއަށް އެރި ވަގުތު ހަންނަ ވަނީ އައިސަމް އަށް ބޯޅަ ޕާސްކޮށްފައެވެ. އައިސަމް އަށް ދިން ބޯޅަ އޭނާ ގޯލުގެ ތެރެއަށް ވައްދާލިއިރު ޓީސީގެ ޑިފެންޑަރުނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

މެޗުގެ 56 ވަނަ މިނިޓުގައި މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އަލީ ފާސިރު (ސެންޓޭ)އެވެ. ޓީސީގެ އޭރިޔާ ބޭރުން ހަމްޒުއާއެކު "ވަން-ޓޫ" އަށް ކުޅެލުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ، ވަރަށް ހަމަޖެހިލައިގެން ސެންޓޭ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހުއެވެ.

މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ ހަ ވަނަ ލަނޑު ޖެހީ ހަންނައެވެ. އަރިމަތިން ހަސަން ނަޒީމް (ޗޯޓު) ހުރަސްކޮށްލި ބޯޅައަކަށް އަރައި، ހަންނަ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސްއެވެ.