Advertisement

އެމެރިކާ ޕްރޮފެސަރުގެ ތައުރީފު ސަލާހުއްދީނުގެ ޒަމާނީ ވިސްނުމާއި ލިޔުންތެރިކަމަށް

13 ޖުލައި 2023 - 10:41 4

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


އެމެރިކާ ޕްރޮފެސަރުގެ ތައުރީފު ސަލާހުއްދީނުގެ ޒަމާނީ ވިސްނުމާއި ލިޔުންތެރިކަމަށް

13 ޖުލައި 2023 - 10:41 4

މިދިޔަ މޭ މަހު އޮތް އިސްލާމީ ޔުނިވާސިޓީގެ ރިސާޗް ކޮންފަރެންސްގައި، މަރްހޫމް ހުސެއިން ސަލާހުއްދީނުގެ އަދަބީ މަސައްކަތްތަކާ ބެހޭގޮތުން އެމެރިކާގެ ޕްރޮފެސަރަކު ކީނޯޓު ތަގުރީރެއް ދެއްވާ ގޮތަށް އޮތުމުން ހައިރާންވި އެވެ. އެހެންވެ އެކަމުގެ ތަފްސީލެއް ހޯދަން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ސައިގަޑީގައި އެ ޕްރޮފެސަރާ ބައްދަލުކޮށްލީމެވެ.

ބޭރު މީހެއް ކަމުން އިނގިރޭސި ބަހުން އަޅުގަނޑު ތައާރަފުވެލީމެވެ. ހައިރާންކަން ބޮޑުވީ، އޭނާ ދިވެހި ބަހުން، ތައާރަފު ބަލައިގަތުމުންނެވެ. އޭގެ ފަހުން އޭނާއާ އަޅުގަނޑު ސުވާލުކުރީ ވެސް އިނގިރޭސި ބަހުންނެވެ. އެކަމަކު އޭނާ ޖަވާބު ދިނީ ހަމަ ދިވެހިންނެވެ.

އެއީ އެމެރިކާގެ އޮހަޔޯ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. ގެރެޓު ފީލްޑެވެ. އޭނާ އަކީ، ދިވެހި އަދަބިއްޔާތާ ގުޅޭ އިލްމީ ދިރާސާއެއް ކުރެއްވުމަށްޓަކައި، ދިވެހި ބަސް ދަސްކުރައްވައިގެން، އެ މަސައްކަތް ކުރައްވަމުން އަންނަ މީހެކެވެ. ބައެއް ދިވެހިން ވެސް، ދިވެހި ބަހާއި އަދަބިއްޔާތާ ދުރު ޒަމާނެއްގައި، ބީރައްޓެހި ގައުމެއްގެ ޕްރޮފެސަރަކު، އެކަންކަން ދިރާސާކުރެއްވުމަކީ، ޔޯލަ ވާހަކައެއް ކަމަށް ވެސް ހީވެދާނެ އެވެ.

އޮހަޔޯ ޔުނިވާސިޓީގައި ހުންނަ ގެރެޓުގެ އޮފީސްކޮޓަރީގެ ފޮތް އަލަމާރީގައި ގިނަ އަދަދެއްގެ ދިވެހި ފޮތް ރައްކާކުރައްވައިގެން، މޭޒުމަތީގައި އޭގެން ބައެއް ފޮތްތައް އަތުރައިގެން، ރަސްމީ މަސައްކަތުން އަވައްޖެއް ވުމާ އެކު އޭނާ ފަށްޓަވަނީ، ދިވެހި ބަހާއި އަދަބިއްޔާތަށް ފަހުގެ ތާރީހެއްގައި މީހަކު ކޮށްދޭނެ އެންމެ ބޮޑު ހިދުމަތުގެ މަސައްކަތެވެ.

ގެރެޓުގެ ދިރާސާ ބިނާކުރައްވަނީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ވާހަކަ އާއި، މިއުޒިކީ އަދަބިއްޔާތުގެ ތެރެއިން ލަވަ އާއި، ޅެމާއި، ރައިވަރަށެވެ. ގެރެޓު މިހާރު ލިޔުއްވަމުން އަންނަނީ އެ ދިރާސާގެ ތިން ވަނަ ބާބެވެ. އިތުރު ތިން ބާބު ލިޔުއްވައި ނިންމާލެއްވުމާ އެކު، އެ ދިރާސާގައި ފޮތެއްގެ ސިފަ ޖެހި، ޗާޕުގެ ހޫނުކަން ވެސް ލިބިގެންދާނެ އެވެ.

އުފެދޭ ސުވާލަކީ، ދުރުގައި، މާ ދުރުގައި އޮތް ގައުމެއްގެ މީހެއްގެ ޝައުގު، މި ކުޑަކުޑަ ގައުމުގެ ރަމްޒެއް ކަމުގައިވި ދިވެހި ބަހަށް އުފެދުނީ ކިހިނެއް ހެއްޔެވެ؟

ގެރެޓު (ކ) ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް ޢަޝްރަފް އަލީއާ އެކު.


އެމެރިކާ އިން އެތުނޯ މިއުޒިކޮލޮޖީ ކިޔަވާ ވިދާޅުވީ ގެރެޓު، މާސްޓާސް ތީސީސް ބިނާކުރެއްވީ އިންޑިއަން ކްލެސިކަލް މިއުޒިކަށެވެ. އެއަށް ފަހު ޕީއެޗްޑީ ދިރާސާ ހައްދަވަން ނިންމެވީ، ސްރީ ލަންކާގެ ސިންހަޅަ ބަހުގެ ލަވަތަކަށެވެ. އެ ދިރާސާ ކުރެއްވުމަށް ފަހު ލަންކާގައި އުޅުއްވި ދުވަސްވަރު އެ ގައުމުގެ މީހަކާ ކައިވެނިކުރެއްވި އެވެ. ގްރެޖުއޭޓް ސްކޫލުގައި އުޅުއްވި ދުވަސްވަރު ރާއްޖޭގެ ސަގާފާތާ ބެހޭގޮތުން ކަރުދާހެއް ލިޔުއްވި ގެރެޓުގެ، މާމުއިހަނދުގެ މަންޒިލަކަށް އިހުތިޔާރުކުރެއްވީ މި ގައުމެވެ.

އިލްމީ ވެށިން ހިސާބަކަށް ބޭރުވެލައި، ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ތެރޭގައި، އަންހެނުންނާ އެކު ގެރެޓު ހޭދަކުރި އެ އުފާވެރި ދުވަސްތަކުގެ ތެރޭގައި، އޭނާގެ ލޮލުގައި ތާނައަކުރު ވަރަށް ބޮޑަށް އަޅައިގަތެވެ. އެ އަކުރުތަކުގެ ފަހަތުގައިވާ ކަންކަން ހޯދައި ބެލުމުގެ ތެރޭ އޭނާ ހިތް ދޫކޮށްލެއްވުނީ ދިވެހި ބަހަށެވެ.

"އެ ހިސާބުން އަޅުގަނޑު ނިންމައިފިން، ސިންހަޅަ ބަހުގެ ލަވަތަކުގެ ދިރާސާ ނިމި ޝާއިއުވުމާ އެކު، ދިވެހި މިއުޒިކީ އަދަބިއްޔާތާ ބެހޭ ދިރާސާއެއް ކުރުމަށް،" ގެރެޓު ވިދާޅުވި އެވެ.

އެކަމަކު އުފެދުނު ޝައުގުވެރިކަން ބޮޑުވެ، ޕީއެޗްޑީ ތީސީސް ޝާއިއުނުވަނީސް، އެ ދިރާސާގެ މަސައްކަތް އޭނާ ފެށްޓެވި އެވެ. ފުރަތަމަ ކުރެއްވީ ދިވެހި ބަސް ދަސްކުރެއްވުމުގެ މަސައްކަތެވެ. ބައެއް ފޮތްތަކާއި، ފޭސްބުކުގައި އޮންނަ 'ބަސް ޖަގަޖަ' އިންނާއި، ބައެއް ދިވެހިންގެ ފަރާތުން އޭނާ އިސާހިތަކު ދިވެހި ބަސް ދަސްކުރެއްވި އެވެ.

އަދި ދިވެހި އަދަބީ ތާރީހުގެ ފިކުރެންފެށި ދައުރުގެ ދެ އަދީބުން ކަމަށްވާ ނައިބުތުއްތު އާއި ސަލާހުއްދީނާއި ހިނގައިގަނެވުނު ދައުރުގެ އަދީބު މުހައްމަދު އަމީން ދީދީ އާއި ފަހުގެ ޅެންވެރިޔާ ޔޫސުފް މުހައްމަދުފުޅުގެ މަސައްކަތްތައް ދިރާސާކުރައްވަން ފެށްޓެވި އެވެ. އޭގެ ތެރެއިން ވެސް ގެރެޓު އެންމެ ބޮޑަށް ޝައުގުވެރިވީ، އަދި އެ ބޭފުޅަކަށް ދިރާސާގެ ބާބެއް ހާއްސަކުރެއްވީ ދީނީ އިލްމުވެރިޔާ އަދި ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު ސަލާހުއްދީނުގެ އަދަބީ މަސައްކަތްތަކަށެވެ.

އިނގިރޭސި ބަހުން ލިޔުއްވަމުން ގެންދަވާ އެކަމަކު ދިވެހި ބަހަށް ތަރުޖަމާކުރަން ނިންމަވާފައިވާ، މި ދިރާސާ ފޮތުގައި، ގެރެޓު ވަނީ ސަލާހުއްދީނުގެ އަދަބީ މަސައްކަތްތަކުގެ ފެންވަރަށާއި، ލިޔުއްވުމުގައި ގެންގުޅުއްވާފައިވާ ވިސްނުންތެރި އުކުޅުތަކާއި، އެމަނިކުފާނުގެ ޒަމާނީ ހިޔާލުތަކަށް ތައުރީފުކުރައްވައިފަ އެވެ.

ދިވެހިރާއްޖެ ދުށް އެންމެ ހިދުމަތްތެރި އެއް އަދީބު ސަލާހުއްދީން.


ސަލާހުއްދީނުގެ އަދަބީ މަސައްކަތްތަކުގެ ތެރެއިން ގެރެޓުގެ ބޮޑުވާ ބިއްލޫރިގަނޑު ދިމާކުރައްވާފައިވަނީ، އެމަނިކުފާނު 1934 ވަނަ އަހަރު ލިޔުއްވި ދިގު ވާހަކަ 'ރިވާޔަތު ނުއުމާން ވަމަރްޔަމް' އަށެވެ. ފުރަތަމަ ގާނޫނު އަސާސީ ވީދާލައި، މާލޭގައި ހިންގި ސިޔާސީ ހައިޖާނުގެ ތެރެއިން މޮޓަރުބޯޓުގައި ލަންކާ އަށް އަރުވާލެއްވިގެން ހުންނެވި ދުވަސްވަރު ސަލާހުއްދީން ލިޔުއްވި މި ވާހަކައަކީ، މި ޒަމާނުގައި ރާއްޖެ އޮންނާނެ ގޮތް ސަލާހުއްދީން ހިތަށް ތަސައްވަރުކުރައްވައިގެން ކުރެއްސެވި ގަލަމީ ތަސްވީރެކެވެ.

މިއީ އޭރުއްސުރެ މިއަދާ ހަމަޔަށް ވެސް އެތައް ދިވެހިންގެ ތައުރީފު އޮހެމުން އަންނަ ވާހަކައެކެވެ. ޒުވާން ދިވެހި ލިޔުންތެރިޔާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބަހުން ނަމަ، މި ވާހަކައިގައި، 'ކޮޅުނބު ގާލްފީސް' ގެ ނަމުގައި ސަލާހުއްދީން ލިޔުއްވާފައިވާ ފަޞްލަކީ ދިވެއްސެއްގެ ގަލަމުން އެހެން ގައުމެއްގެ ސިފަކުރުން ގެނެސްދީފައިވާ ގޮތުގެ ފުރިހަމަ ނަމޫނާއެކެވެ.

އެކަމަކު ގެރެޓު މި ވާހަކައިގެ ފޮޅުވަތްތަކުގެ ތެރެއިން، ސަލާހުއްދީން ސިފަކުރެއްވީ، އާއްމު ދިވެހިން ފަހަރުގައި ވިސްނާފައިވާ ނުވާ ގޮތަކަށެވެ. ގެރެޓު ހީކޮށްގެން ހުންނެވީ ސަލާހުއްދީނަކީ، އޭރާ ބަލާއިރު ވެސް ވެސް އިހުގެ، ބޯދާ ވިސްނުން ހުންނެވި ކޮންސަވޭޓިވް ލިޔުންތެރިއެއް ކަމަށެވެ.

"އެކަމަކު 'ރިވާޔަތު ނުއުމާން ވަމަރްޔަމް' ކިޔުމުން އެނގުނު އެއީ ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނެވި، އޭރާ ބަލާއިރު ވެސް ވަރަށް ޒަމާނީ ބޭފުޅެއްކަން،" ގެރެޓު ވިދާޅުވި އެވެ.

އެކަމުގެ ހެކި ގެރެޓު ދެއްކެވީ، އެ ވާހަކައިގެ ބަތަލާ މަރްޔަމް މަނިކެގެ ކެރެކްޓަރުންނެވެ. އެއީ ރާއްޖޭގައި ތައުލީމުގެ ފުރުސަތު މަދު، އަމުދުން އަންހެނުންނަށް އެ ފުރުސަތު ނެތް ދުވަސްވަރެކެވެ. ނަމަވެސް ވާހަކައިގައި މަރްޔަމް މަނިކެ އަކީ، ރާއްޖޭން ބޭރުން ކިޔަވާފައިވާ މީހެކެވެ. އޭނާ އަކީ، ރާއްޖެ އާއި ރާއްޖޭންބޭރުގެ ނޫސްމަޖައްލާތަކަށް، އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތަކާ ބެހޭގޮތުން ލިޔުއްވި ކުޅަދާނަ ކޮލަމިސްޓެއް ވެސް މެ އެވެ. އެއީ ފިރިހެން ޖެހިލުންވި އަންހެން ޝަހުސިއްޔަތެކެވެ. އެއީ ކައިވެނިކުރާނެ މީހަކު ކަނޑައެޅުމުގެ ބާރު އަމިއްލަ އަށް އޮތް އަންހެނެއް ވެސް މެ އެވެ.

"އަޅުގަނޑު ވަރަށް ހައިރާންވި އެފަދަ ޒަމާނެއްގައި ސަލާހުއްދީނުގެ އެ ވިސްނުންފުޅު ހުންނެވުމުން. އަޅުގަނޑު ދަންނަވާނީ އެމަނިކުފާނުގެ ލިޔުއްވުންތަކުން ފެންނަނީ އެއީ ވަރަށް ލިބެރަލް ބޭފުޅެއްގެ ގޮތުގައޭ،" ގެރެޓު ވިދާޅުވި އެވެ.

ގެރެޓު (ކ) ނައިބް ރައީސް ފައިސަލް ނަސީމްއާ ވާހަކަދައްކަވަނީ.


ސަލާހުއްދީނުގެ އެ ވާހަކައިން، ގެރެޓަށް ދެން ފާހަގަކުރެއްވުނު ކަމަކީ، ފާރިސީ ބަހުގެ ޅެންވެރިކަމުގެ ތެރެއަށް އެމަނިކުފާނަށް ވެންނެވިފައި ހުންނެވި ވަރެވެ. އެގޮތުން، އޭރުގެ ދުނިޔޭގެ ކުޅަދާނަ އެހެން އަދީބުން ފަދައިން، ސަލާހުއްދީން ވެސް އެމަނިކުފާނުގެ ލިޔުއްވުންތަކުގައި، އެ ބަހުގެ ޅެންވެރިކަން ބޭނުންކުރައްވަ އެވެ. މި ވާހަކައިގެ ދީބާޖާ ފަށްޓަވާފައިވަނީ، ފާރިސްކަރައިގެ އެފަދަ ދެ ވަނަ އެއް ނެތް ޅެންވެރިޔާ ޝޭހު މުސްލިހުއްދީން ސައުދީ ޝީރާޒީގެ ބައިތުތަކުންނެވެ.

"ކިހާ މޮޅުތޯ އެބޭފުޅާ؟" ސަލާހުއްދީން ގަލަމީ ނަމެއްގެ ގޮތުގައި 'މިރްޒާ ޝަކީބް' ނުވަތަ 'ޕްރިންސް އޮފް ޕޭޝަންސް' ބޭނުންކުރައްވައިގެން ލިޔުއްވި އެ ވާހަކަ އަށް ތައުރީފުކުރައްވައި ގެރެޓު ވިދާޅުވި އެވެ.

ގެރެޓު ވިދާޅުވި ގޮތުގައި އޭނާ އަށް ފާހަގަކުރެއްވެނީ، ސަލާހުއްދީން ފަދަ ބޭފުޅުން އޭރު ލިޔުއްވީ ހަމައެކަނި ލިޔުއްވުމުގެ ހިތްޕުޅުހަމަޖެހުމަކަށް ނޫން ކަމެވެ. އެ ބޭފުޅުން ލިޔުއްވީ ރާއްޖޭގައި އޭރު އިލްމުގެ އަލިކަން އެހާ ބޮޑަށް ނެތުމުން، އަދަބިއްޔާތުގެ ތެރެއިން އިލްމު ފެތުރުއްވުމަށް ކަމަށް ގެރެޓު ދެކެވަޑައިގަނެވެ.

އެގޮތުން 'ރިވާޔަތު ނުއުމާން ވަމަރްޔަމް' ގައި، އޭގެ ކަރެކްޓަރެއް ކަމަށްވާ ނުއުމާންދީދީގެ ގިނަ އަދަދެއްގެ، ދިގު މޮނޮލޮގްތަކެއް ހިމަނުއްވައި، އެ ބޭނުންކުރެއްވީ އިލްމުގެ މުހިއްމުކަން ކިޔުންތެރިންނަށް އަންގަވައިދެއްވުމަށް ކަމަށް ގެރެޓު ގަބޫލުކުރައްވަ އެވެ.

"ފުރަތަމަ ބާބުގައި މޫސާ ކަލޭފާނު އައްސަވަނީ އިލްމަކީ ކޮބައިތޯ؟ ދެން ނުއުމާން ދީދީ ދެއްވަނީ އިލްމާ ބެހޭގޮތުން ދިގު ތަގުރީގެއް،" ގެރެޓު ހެކިދެއްކެވި އެވެ.

ސަލާހުއްދީނުގެ އަދަބީ އެހެން މަސައްކަތްތަކުގެ ތެރެއިން ގެރެޓުގެ ތައުރީފު ދެން އެންމެ ބޮޑަށް ލިބޭ މަސައްކަތަކީ، ސައްތައިން ސައްތަ އިލްމީ މަސައްކަތެއްގެ ގޮތުން އެމަނިކުފާނު ލިޔުއްވި ކީރިތި ރަސޫލާގެ ސީރަތެވެ. ސަލާހުއްދީން ސީރަތު ދިވެހި ބަހަށް ތަރުޖަމާކުރެއްވީ، އަރަބި އެނގޭ ދިވެހިން މަދުކަމުން، ރަސޫލާގެ ސީރަތު އުނގެނުމުގެ ފުރުސަތު ގިނަ ދިވެހިންނަށް ލިބިފައިނުވާތީވެ، އެކަން ފަހިކޮށްދެއްވުމަށެވެ.

"މި ނިކަމެތި އަޅާ އަށް މާތް ދޭވަތާއިންގެ ފަޞްލަވަންތަވެރިކަމުން އަރަބި ކަލާމުން ކޮންމެވެސް ހިސާބަކަށް އަންގަވައި ދެއްވައިފައިވާތީވެ މި ފަރުލު އަދާކުޅައުމުގެ ތައުފީގު ދެއްވަތޯ އެސުވާމީންގެ ކިބައިން އެދި ދުއާކުރާތާ އެތައް ދުވަހަކަށް ފަހު މިކަމަށް ފަށައިފީމެވެ،" ސިޔަރަތުގެ އިސްބަހުގައި ސަލާހުއްދީން ލިޔުއްވާފައިވެ އެވެ.

ގެރެޓަށް އެންމެ ފާހަގަކުރެއްވުނީ އެމަނިކުފާނު ސީރަތު ތަރުޖަމާކުރެއްވިއިރު، ދިވެހިންނަށް ފަހުމުވާނެ ފަދައިން، ދިވެހި ކޮންޓެކްސްޓް އަށް ބައެއް އިބާރާތްތަކާއި ލަފުޒުތައް ބަދަލުކުރެއްވި ކުރެއްވުމެވެ.

"އަސްލު ފޮތުގައި މި އޮންނަނީ ﷲ ވިޔަސް، އާދަމްގެފާނު ވިޔަސް އެއް ގޮތަކަށް މުހާތަބުކޮށްފައި. އެކަމަކު ސަލާހުއްދީން ދިވެއްސަށް ތަރުޖަމާކުރައްވާއިރު ލިޔުއްވަނީ ﷲ ނަމަ، ވަހީކުރެއްވީއޭ، އާދަމްގެފާނު ނަމަ ދެންނެވީއޭ. މިކަމުން ދިވެހި ބަހުގެ މުއްސަނދިކަން ހާމަވޭ،" ގެރެޓު ވިދާޅުވި އެވެ.

ގެރެޓުގެ އަންނަނީ ދިވެހި އަދީބުންގެ ލިޔުއްވުމުގެ އިސްޓައިލާއި، ވިސްނުންފުޅުގެ އިތުރުން ދިވެހި އަދަބިއްޔާތުގައި ބާވަތްތަކުގައި ހިމެނޭ ހާއްސަ ސިފަތައް ވެސް ދިރާސާކުރައްވަމުންނެވެ. އެހެންވެ އެމެރިކާގައި ޝާއިއުކުރާ މި ދިރާސާއާ އެކު، ދިވެހި ބަހާއި އަދަބިއްޔާތަށް ދުނިޔޭގެ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މިއީ އެހެން ބަހެއްގެ އަހުލުވެރިއެއްގެ ލޮލުން، ދިވެހި ބަހާއި އަދަބިއްޔާތު ދެކިލުމަށް، ދިވެހިންނަށް ވެސް ލިބޭނެ ފުރުސަތެކެވެ.

"އަޅުގަނޑު ވަރަށް އުފާވާނެ، މިކަމުން ދިވެހި ބަހަށާއި އަދަބަށް ކުރިއެރުން ލިބިއްޖެ ނަމަ،" ގެރެޓު ވިދާޅުވި އެވެ.