12 ޖުލައި 2023 - 15:22 0
މުހައްމަދު އުޝާމް
12 ޖުލައި 2023 - 15:22 0
ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މައްސަލާގައި ދައުވާކޮށްފައިވާ ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯ ތަހުލީލުކޮށް ނިންމާފައި އަލުން މައްސަލަ ހުށަހަޅާ ގޮތަށް މި ވަގުތަށް މައްސަލަ އަނބުރާ ގެންދަން ކްރިމިނަލް ކޯޓުން ހުއްދަ ދީފި އެވެ.
ކްރިކް ރިޒާގެ މައްޗަށް ދައުވާކޮށްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ. އެ މައްސަލާގައި ކްރިކް ރިޒާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.
ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ އެ މުއާމަލާތުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ކްރިކް ރިޒާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ އޯޑިއޯ ތަހުލީލުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް އިއްޔެ ފޮނުވި އެވެ. އަދި މިއަދު އެ އޮފީހުން ވަނީ އެ ކަން ކޯޓުގައި އެދިފަ އެވެ.
ޕީޖީ އޮފީހުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ ދެންމެއަކު އެ ހުއްދަ ދީފައިވާ ކަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ކަށަަވަރުކޮށްދެއްވި އެވެ.
ސިޓީގައި ފުލުހުން އެދިފައިވަނީ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިކް ރިޒާ ހުށަހަޅާފައިވާ އެ އޯޑިއޯ ތަހުލީލުކުރަން ފުލުހުން އިތުރަށް ވަގުތު ބޭނުންވާތީ އެހާ އިރަށް މައްސަލަ މަޑުޖައްސާލުމަށެވެ. އެއީ ހެއްކާ ބެހޭ ގާނޫނުން މިހާރު ހުއްދަ ލިބޭ އިޖުރާއަތެއްކަން ފުލުހުން ފާހަގަ ކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment