Advertisement

އާއިލީ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ކުރި 10 އަހަރުގެ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި

11 ޖުލައި 2023 - 12:39 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު


އާއިލީ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުން ކުރި 10 އަހަރުގެ ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި

11 ޖުލައި 2023 - 12:39 0

އާއިލާގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކަށް އއ. މާޅޮހު ކޯޓުން ކުރި 10 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްޔެ ދަމަހައްޓައިފި އެވެ.

އުމުރުން 75 އަހަރުގެ އެ މީހާގެ މައްޗަށް 10 އަހަރުގެ ހުކުމެއް ކުރީ، އޭނާގެ ދަރިފުޅުގެ އަނބިމީހާއަށް ބޮޑުދައިތަ ކިޔާ ކުއްޖަކު ޗުއްޓީއަށް އޭނާ ދިރިއުޅު ރަށަށް ޑިސެމްބަރު 2020 ގައި ގޮސް އެ ގޭގައި އުޅެމުން ދަނިކޮށް، އެ ކުއްޖާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި ޖިންސީ ވާހަކަތަކެއް ދެއްކި މައްސަލައެއްގައި ކުރި ދައުވާ ސާބިތުވުމުންނެވެ. ހާދިސާ ހިނގި އިރު ކުއްޖާގެ އުމުރުން އަށް އަހަރެވެ.

ދައުލަތުން އެ މީހާގެ މައްޗަށް އުފުލި، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދައުވާއާ ގުޅިގެން ޖެނުއަރީ 4، 2022ގައި މާޅޮހު ކޯޓުން ކުރި ހުކުމް އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، އެ ކޯޓުގައި ބުނެފައި ވަނީ އެ ކުއްޖާ ދައްކާފައި ހުރި ވާހަކަތަކުގައި ފުށޫއެރުންތަކެއް ހުރި ކަމަށެވެ. އެހެންވެ، އޭނާގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލު ކޮށްދިނުމަށެވެ.

އެހެންނަމަވެސް, ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައި ވަނީ ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވަނީސް ކުއްޖާ ބޮޑުދައިތަކަށް ކިޔައިދިން ކިޔައިދިނުމާއި ތަހުގީގު ކުރި ފަރާތަށް ކިޔައިދިން ގޮތާއި ހާދިސާ ހިނގިތާ އެއް މަސް ފަހުން ސައިކޮލޮޖިކަލް އެސެސްމެންޓް ހެދި އިރު ކިޔައިދިން ކިޔައިދިނުމުގައި މައިގަނޑުގޮތެއްގައި ހުރީ އެއް ވާހަކަތަކާއި ތަފްސީލުތަކެއް ކަމަށެވެ.

އޭގެ އިތުރުން، ކުއްޖާގެ ކިޔައިދިނުމާއި ބޮޑުދައިތައާއި މަންމަގެ ބަޔާނަށް ވެސް ބަލާއިރު، ވެސް ކުއްޖާގެ ކިޔައިދިނުން ގަބޫލުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.

ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމާއި އިޖުތިމާއީ ހާލަތު ވަޒަން ކުރި ރިޕޯޓުގައި ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ.

"މި މައްސަލައިގެ ތަހުގީގު ރިޕޯޓުގައ،ި ކުއްޖާ [ދައުވާ ލިބުނު މީހާ] އާ މެދު ދޮގު ވާހަކައެއް ދައްކާނެ ސަބަބެއް ހޯދިފައިނުވާތީ، ކުއްޖާ ބުނާ މިންވަރަށް ޖިންސީ އަމަލެއް ހިންގި ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މި މައްސަލައިގައި [ދައުވާ ލިބުނު މީހާ]އާ މެދު އެވާހަކަ ދެއްކުމުގައި ކުއްޖާގެ ނުނިޔަތެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތެވެ." ހުކުމުގައިވެ އެވެ.

ހާދިސާ ހިނގި އިރު ގޭގައި ނުހުންނާނެ ކަމަށް ދައުވާ ލިބުނު މީހާ ބުނި ނަމަވެސް، އެކަން ސާބިތު ކުރަން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން ވެސް ހައި ކޯޓުން ފާހަގަކުރި އެވެ.

އެ މީހާގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ސުވާލު ކުރަން ދަށު ކޯޓުގައި ފުރުސަތު ނުލިބޭ ކަމަށެވެ. އެހެންނަމަވެސް، ހައި ކޯޓުން ފާހަގަކުރީ ހެކިބަސް ނެގުމަށް އެ އަންހެން މީހާ ދަށު ކޯޓަށް ހާޒިރު ކުރި ދުވަހު ސުވާލު ކުރުމުގެ ފުރުސަތު ދިފާއަށް ދިން ނަމަވެސް އެ ފުރުސަތު ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ދެން ތިއްބެވީ ފަނޑިޔާރުން މުހައްމަދު ނިޔާޒު އަދި ދީބަނާޒު ފަހުމީ އެވެ.