11 ޖުލައި 2023 - 06:31 0
ނިމާ ހަސަން
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު; އޭނާ މިއަދު ރާއްޖެ އަންނަނީ -- ފައިލް ފޮޓޯ
11 ޖުލައި 2023 - 06:31 0
ކުރީގެ ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު, މިއަދު ރާއްޖެއަށް ވަޑައިގަންނަވާ ކަން އެނގިއްްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެއަށް ވަޑައިގަންނަވަނީ ތުރުކީގެ އިސްތަންބޫލުން މިއަދު މެންދުރު ފަހު އަންނަ ފްލައިޓަކުންނެވެ. އަލީ ވަހީދުގެ ގާތް މީހަކު ވަނީ މިކަން 'އަދަދު' އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ރާއްޖެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަލީ ވަހީދު ރާއްޖެއަށް އެނބުރި ވަޑައިގަންނަވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމި ފަހުންނެވެ. ދައުވާތައް ކުރިއަށް ނުގެންދިއުމަށް ދައުލަތުން ނިންމީ މިދިޔަ ޖޫން މަހު 14ގަ އެވެ.
އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދަނިކޮށް، އޭނާ ރާއްޖެއިން ބޭރަށް ފުރި ގޮތަށް އަނބުރާ އައިސްފައި ނުވާތީ، މައްސަލަ ކުރިއަށްނުގެންދެވިގެން، ކޯޓުން ވަނީ ސެޕްޓެމްބަރު 22، 2022 ގައި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފަ އެވެ. އަދި, ޕީޖީ އޮފީހުން ވަނީ އޮކްޓޯބަރު 6، 2022 ގައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވައިލީ ، އަނިޔާ ލިބުނު ކަމަށް ބުނާ މީހުންނާއި ހެކީންގެ ގޮތުގައި ބަޔާން ދިން މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާ ކަމަށް ބަޔާންކޮށް، އެ އޮފީހަށާއި ފުލުހުންނަށް ސިޓީއެއް ފޮނުވުމުން ކަމަށެވެ.
ދައުވާތައް އަނބުރާ ގެންދިޔަސް، މީގެ ކުރިން އަލީ ވަހީދު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފީ އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައިގައި އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ. އެހެންވެ، އޭނާ އަނބުރި ރާއްޖެެއަށް ވަޑައިގެންނެވުމުން އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ.
އަލީ ވަހީދު ރާއްޖޭން ފިލީ ފެބްރުއަރީ 10، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ޝަރީއަތަށް ހާޒިރު ކުރުމަށް ނޮވެމްބަރު 28، 2021 ގައި ކޯޓުން އަމުރެއް ނެރުނު ނަމަވެސް މިހާތަނަށް އޭނާ ރާއްޖެއަށް ގެނެވިފައެއް ނުވެ އެވެ.
އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.
އޭގެ ފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.
އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.
އެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި ނުވައެއް، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment