10 ޖުލައި 2023 - 17:00 1
އައްޒާމް އަލިފުޅު
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ވެލެންސިއާ ކުޅުނު މެޗެއްގެ ތެރެއިން ބޯހަސް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
10 ޖުލައި 2023 - 17:00 1
ކްލަބް ވެލެންސިއާ އިން މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގެ މެޗަށް ހާޒިރުނުވާތީ ޖޫރިމަނާގެ ގޮތުގައި 20،000 ޑޮލަރު، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ އަށް ދައްކަން ޖެހިފައިވާއިރު، މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި އޮތް 82،000 ޑޮލަރު ދޭން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އަންގައިފި އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހުގައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރު (ކޮލިފިކޭޝަން) ގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ކުޅެން ޖެހޭ މެޗަށް ބަންގްލަދޭޝަށް ވެލެންސިއާ އަށް ނުދެވި، ޕްލޭއޮފް މެޗުން އޮޓޮމެޓިކުން އަބަހާނީ އަށް ވަނީ ފުރުސަތު ދީފަ އެވެ. ވެލެންސިއާ މެޗަށް ހާޒިރުނުވީތީ، އޭއެފްސީން ވަނީ އެ މައްސަލައިގައި ވެލެންސިއާ އަށް ފިޔަވަޅު އަޅައިފަ އެވެ.
އެ ގޮތުން، ޑިސިޕްލިނަރީ ގަވާއިދުގެ ދަށުން ވެލެންސިއާ އަށް އޭއެފްސީން އެޅި ފިޔަވަޅަކީ 20،000 ޑޮލަރުގެ ޖޫރިމަނާ އެކެވެ. އެ މައްސަލަ އެޕީލްކޮށްގެން ވެސް ވެލެންސިއާ އަށް ކާމިޔާބުނުވިއިރު، މިހާތަަނަށް ވެސް އެ ޓީމުން އެ ފައިސާ ދައްކައިފައިނުވެ އެވެ.
ބަންގްލަދޭޝްގެ ސިލްހެޓު ސިޓީގައި ކުޅެން އޮތް މެޗަށް ވެލެންސިއާ އަށް ނުދެވުނީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަންތައްތައް ހަމަނުޖެހި ހުރުމުން ކަމަށް އެ ކްލަބުން އޭރު ބުނެފައިވެ އެވެ. ވެލެންސިއާ އިން ބަންގްލަދޭޝަށް ފުރަން މަސައްކަތް ކުރި އެވެ.
އެކަމަކު، ޔޫތު މިނިސްޓްރީން ވެލެންސިއާ އަށް ޓިކެޓް ދިން ނަމަވެސް، ބަންގްލަދޭޝަށް ގޮސް، އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސަން ބޭނުންވާ ފައިސާ އާއި މާލީގޮތުން ހަމަޖެހިފައި ހުންނަން ޖެހޭ އެހެނިހެން ކަންކަން ފުރިހަމަނުވާތީ ވެެލެންސިއާ ޓީމުން ނިންމީ ބަންގްލަދޭޝަށް ދަތުރުކުރެވެން ނެތް ކަމަށެވެ. އެހެންވެ، އެ ކަމާ މިނިސްޓްރީ ވެސް ހިތްހަމަނުޖެެހި، ވެެލެންސިއާ އަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އެއީ، ކްލަބްތަކަށް ޔޫތު މިނިސްްޓްރީން ދޭން ހަމަޖެހިފައި އޮންނަ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ދޭ ބައިން ޓިކެޓް ފައިސާ އުނިކުރުމަށެވެ.
މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ވަނީ ވެލެންސިއާ އަށް ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން، ފީފާ އިން މިހާރު ނިންމާފައިވަނީ، އިންޓަނޭޝަނަލް އަދި ލޯކަލް ޓްރާންސްފާ ބޭން އެއް ވެލެންސިއާ އަށް ދިނުމަށެވެ. މާނަ އަކީ ވެލެންސިއާގެ ހުރި މުސާރަ މައްސަލަތައް ހައްލުނުކޮށް ކުރިއަށް އޮތް (މި މަހު ހުޅުވޭ) ޓްރާންސްފާ މާކެޓްގައި ވެސް އެއްވެސް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވުމެވެ.
މި ސީޒަނުގައި ވެލެންސިއާ އިން އެހެން ކްލަބްތަކުން ގެނައި ކުޅުންތެރިންނަށް ވެސް އަދި މިހާތަނަށް އެ ޓީމަށް މެޗެއް ނުކުޅެވެ އެވެ. އެ ގޮތުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ކްލަބް ގްރީން ސްޓްރީޓްސް އިން ގެނައި، ރިލްވާން ވަހީދު (ރިލޭ)، ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް މެޗެއް ކުޅެވޭ ގޮތެއްނުވި އެވެ. އެނގިފައިވާ ގޮތުގައި އިއްބެ އާއި ރިލޭ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި އެހެން ޓީމަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
އަދަދު" އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވެލެންސިއާ އިން ބޯހަސް އަށް ދޭން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 62000 ޑޮލަރަށް އަރަ އެވެ. ބޯހަސް ގެނައީ 5000 ޑޮލަރުގެ މުސާރައެއް ދޭ ގޮތަށެވެ.
ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅެފައިވާ ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަަލަ ވެސް ވަނީ އެފްއޭއެމަށް ހުށަހަޅައިފަ އެވެ. ވެލެންސިއާ އިން މުސާރަ ނުލިބިގެން އެފްއޭއެމަށް ސިޓީ ހުށަހަޅާފައިވާ ކުޅުންތެރިންނަށް އެފްއޭއެމް އިން ވަނީ މިދިޔަ އޭޕްރީލް މަހު ޖަވާބު ދީފަ އެވެ. އެ ސިޓީގައި އެފްއޭއެމުން ބުނެފައިވަނީ "މި އެސޯސިއޭޝަންގެ (އެފްއޭއެމްގެ) ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް، ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ކްލަބަށް މި އެސޯސިއޭޝަނުން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ތިޔަ ފަރާތަށް އެ ފައިސާ ފޯރުކޮށްދިނުމަށެެވެ." މިހެނެވެ. އެކަމަކު، މިހާތަނަށް އެ ފައިސާ ކުޅުންތެރިންނަށް ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.
މީގެ ކުރިން، އެފްއޭއެމުން ވަނީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ރާއްޖޭގެ އެންމެ ޒަމާންވީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކޮށްފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ދިން ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ އަހަރު އެވެ.
Comment