Advertisement

ޕޭމަންޓު ސިސްޓަމްގެ ޓެސްޓު ބުރުގައި ތިން ބޭންކެއް، ލޯންޗުކުރުން އޮގަސްޓުގައި

10 ޖުލައި 2023 - 12:29 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓު ސިސްޓަމް ގާއިމުކުރުމަށް އެމްއެމްއޭއިން ތިން ބެންކަކާއެކު ސޮއިކުރަން ބޭއްވި ހަފުލާގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕޭމަންޓު ސިސްޓަމްގެ ޓެސްޓު ބުރުގައި ތިން ބޭންކެއް، ލޯންޗުކުރުން އޮގަސްޓުގައި

10 ޖުލައި 2023 - 12:29 2

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރާ އިންސްޓަންޓް ޕޭމަންޓު ސިސްޓަމު ގާއިމުކުރުމަށް ތިން ބޭންކަކާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ސޮއިކޮށްފި އެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި އެ އިދާރާއިން 'ޕާޓިސިޕަންޓު އެގްރީމެންޓު' ގައި ސޮއިކޮށްފައިވަނީ ބީއެމްއެލް، އެމްއައިބީ، އަދި އެސްބީއައި އާ އެކު އެވެ. އެ އިދާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެސިސްޓެންޓު ގަވަރުނަރު މަރިޔަމް ހުސެއިން ދީދީ އެވެ.

ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ކުމްރީ އެވެ. އަދި، އެސްބީއައި ގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުން މާލޭގައި ގާއިމުކޮށްފައި ހުންނަ ބްރާންޗުގެ ސީއޯއޯ އެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ޕޭމަންޓް ސިސްޓަމްގެ މަސައްކަތްް މިއަދު އޮތް ހިސާބަށް ގެނެވުނީ، ބޭންކުތަކާއި އެމްއެމްއޭގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން, މިއަދު ސޮއިކުރި ތިން ބޭންކާއި އެމްއެމްއޭގެ އެކި ޑިޕާޓްމަންޓުތަކުން ކުރި މަސައްކަތް ގަވަރުނަރު ފާހަގަކުރެއްވި އެވެ.

ހާޝިމް ވިދާޅުވި ގޮތުގައި މި ތިން ބޭންކަކީ ބޭނުންވާ ޓެސްޓުތައް ފުރިހަމަކުރި ތިން ބޭންކު ކަމަށާއި އަދި އެ ޓެސްޓުތައް ފުރިހަމަ ނުވެ ބައެއް ބޭންކުތައް އެބަހުރި ކަމަށެވެ. އެ ބޭންކުތަކުންވެސް ކުރިއަށް އޮތް ތަނުގައި މި ސިސްޓަމާ ގުޅޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ދެން އޮންނާނީ ސިސްޓަމުގެ ޕައިލެޓު ޓެސްޓިން ފޭސް، މި ތިން ބޭންކުން އެ ފޭސްގައި ބައިވެރިވާނެ، އެއަށްފަހު އޮގަސްޓު މަހުގެ ތެރޭގައި ޕޭމަންޓު ސިސްޓަމް ފުލީ ލޯންޗުކުރެވޭނެ ކަމަށް މި ބަލަނީ" ހާޝިމް ވިދާޅުވި އެވެ.

އާ ޕޭމަންޓު ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ފެށީ އޮންލައިން ޕޭމަންޓު ސިސްޓަމެއް ނެތުމުން ރާއްޖޭގައި އެކި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާތައް އިންތިހާއަށް ގޮސްފައި އޮއްވަ އެވެ. އެގޮތުން، އެ އޮތޯރިޓީން އެ މަސައްކަތް ފެށި އިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ފޮނުވުމުގައި ދިމާވާ ދަތިތަކާއި، ރާއްޖޭގައި އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމުގައި ހުރި ދަތިތަކުގެ ޝަކުވާ އޮތީ ފުނި ޖެހިފަ އެވެ.

އާ ޕޭމަންޓު ސިސްޓަމާއި އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެއްމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މި ޕުރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި އިސްކަން ދެނީ ޑޮމެސްޓިކް ޓުރާންސެކްޝަން ތަކަށެވެ.

ނަމަވެސް، ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތައް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެގޮތުން ޕޭޕަލް ފަދަ ޕޭމަންޓު ސިސްޓަމްތައް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްތައް ހިންގުމުގެ މަގު ރާއްޖޭގައި ފަހިވެގެންދާނެ އެވެ.