10 ޖުލައި 2023 - 00:03 0
ރައީސް ސޯލިހުގެ ކެމްޕޭނު ރަސްމީކޮށް އިފުތިތާހު ކުރުމަށް މިރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ.
10 ޖުލައި 2023 - 00:03 0
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވާ ބައެއް ބޭފުޅުން އުޅުއްވަނީ "ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން" ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރިޔާސީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ރައީސް ސޯލިހު ނުކުންނަވައި، ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވިއްކާ ފިތުނަ ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.
"މިއަދަކު ދިވެހި ރައްޔިތުންނެއް އެ ފިތުނައެއް ބަލައެއް ނުގަންނާނެ. އަޅުގަނޑުމެންނާ ވާދަ ކޮށްލައްވަން ބޭނުންފުޅުވާ ކަމަށް ވަންޏާ ނިކަން ހަރުދަނާ ސިޔާސަތެއް ހިއްޕަވައިގެން ނުކުމެވަޑައިގަން ބައްލަވާ. އެހެން ނޫނީ ބޮޑުތަނުން އެ ވަނީ ބަލިވެފައި،" އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
ފިތުނަ ވިއްކަން ތިބި ފަރާތްތަކުގެ ބޭނުމަކީ ޝާހިދު ވިދާޅުވި ގޮތުގައި ގައުމުގައި ބިރުވެރިކަމާއި ނާމާންކަން އުފެއްދުމާއި ޒުވާން ޖީލު ހަލާކުކޮށްލުމެވެ. މިފަދަ ތުހުމަތުތަކެއް ކުރެއްވި ނަަމަވެސް ވާދަވެރި އެއްވެސް ފަރާތެއްގެ ނަމެއް އޭނާ ފާހަގައެއް ނުކުރައްވަ އެވެ.
"އަޅުގަނޑުމެން އަތާއި އަތް ގުޅާލައިގެން ނުކުމެ، ފިތުނަ އުފައްދަން ނުކުމެ މިތިބި މީހުން ބަލިކުރާން،" ޝާހިދު ވިދާޅުވި އެވެ.
ކެމްޕެއިން ފެށިއިރު ވެސް ވާދަވެރިން ބަލިވެފައި ކަމަށާއި މިއަދު ރައީސް ސޯލިހު ށ. އަތޮޅުން ވަަޑައިގެންނެވި ހަތަރު ރަށުން ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނެތް ކަމަށާއި ބޮޑުތިލަދުންމަތިން ވެސް ވާދަވެރިން ބޮޑުތަނުން ބަލިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ހަނދާން އާކުރައްވަމުން ޝާހިދު ވިދާޅުވީ އިންސާނުންނަކީ ހަނދާން ނެތޭ ބައެއް ކަމަށާއި ނަމަވެސް މާޒީގެ އެ ހަނދާންތައް އާކުރަންޖެހޭ ކަމަށެވެ. ކުރީގެ ރައީސް ޔާމީން ރާއްޖެ ފުރޮޅާލީ ހަރާބުގެ މަގަށް ކަމަށާއި އެ މަގަށް އަލުން ދާން ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މިސްރާބު ޖަހާފައި މިހުރީ ފުރިހަމަ އަމާން ރާއްޖެ އަކަށް. އުފާވެރި އަމާން ރާއްޖެ އަކަށް،" ރައީސް ސޯލިހުގެ ކެމްޕޭނުގެ ޝިއާރު ޝާހިދު ވިދާޅުވި އެވެ.
މިއަދު މި ފެށި މަސައްކަތް ނިންމާނީ ރައީސް ސޯލިހު ދެ ވަނަ ދައުރެއްގެ ހުވާ ކުރެއްވުމަށް ފަހު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
Comment