Advertisement

ވޯޓު ދޭންޖެހޭ ސަބަބު ރައީސް ސޯލިހު ދެއްކެވީ ނަޝީދާއި ޔާމީން ވެރިކަމުން

9 ޖުލައި 2023 - 23:03 2

ށ. ފޯކައިދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ލޯންޗިން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަނީ--- ފޮޓޯ: އެމްޑީޕީ


ވޯޓު ދޭންޖެހޭ ސަބަބު ރައީސް ސޯލިހު ދެއްކެވީ ނަޝީދާއި ޔާމީން ވެރިކަމުން

9 ޖުލައި 2023 - 23:03 2

ށ. ފޯކައިދޫ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ކުރިން، ފާއިތުވި ސަރުކާރުތަކުން ކަން ކޮށްފައިވާ ގޮތާއި ކަން ހިނގާފައި ގޮތާމެދު ވިސްނާ ފިކުރު ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރިޔާސީ ކެމްޕެއިނު "އުފާވެރި އަމާން ރާއްޖެ" އިފުތިތާހު ކުރުމަށް މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގެ ވާހަކަފުޅުގައި ވޯޓު ދޭންޖެހޭ ކަމުގެ މިސާލު ނެންގެވީ ނަޝީދާއި ޔާމީންގެ ވެރިކަމުންނެވެ.

"ދެހާސް އަށެއްގައި ކޯލިޝަނަކާއެކު އިންތިހާބު ކުރި އެމްޑީޕީ ވެރިކަމުގައި ކަންތައް ހިނގައިދިޔައީ ކިހިނެއްތޯ، ކޯލިޝަނަށް ވީ ކިހިނެއްތޯ، އެންމެ 21 ދުވަސް ތެރޭ ކޯލިޝަން ރޫޅުނީ، އުމުރު ހަމަ ނުވަނީސް ސަރުކާރު ވެއްޓި ދިޔައީ، އޭރުގެ ނައިބު ރައީސް ވެރިކަމަށް ވަޑައިގެންނެވީ،" އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވެ ރައީސް ސޯލިހު ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުވުމުން، އެމްޑީޕީގެ މެމްބަރުންނާއި ގައުމު ކުރިމަތިލާން ޖެހުނީ ހީވެސް ނުކުރާފަދަ ބިރުވެރިކަމެއް ކަމަށް، އޭރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ރައީސް ސޯލިހު ވިދާޅުވި އެވެ.

މިސާލު ދެން ނެންގެވީ 2013ގެ އިންތިހާބުން ވެރިކަމަށް ވަޑައިގެންނެވީ އަބްދުﷲ ޔާމީންގެ ވެރިކަމުންނެވެ. ޔާމީން ވެސް ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެން، މާ ގިނަ ދުވަހެއް ނުވެ އެ ކޯލިޝަން ރޫޅިގެން ދިއުމުން ކަން ވެެގެން ދިޔަ ގޮތުގެ ވާހަކަ ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން އިފްތިތާހުކުރަން މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގެ ތެރެއިން.


"ދެން ރާއްޖެ ކުރިމަތިލާން ޖެހުނީ ކޮން ފަދަ ބިރުވެރިކަމަކާތޯ، ސިޔާސީ ވެރިން ތިއްބަވަން ޖެހުނީ ކޮންތާކުތޯ، ނޫސްވެރިންނަށް ވީ ކިހިނެއްތޯ، ކޯޓުތަކަށް ހެދީ ކިހިނެއްތޯ،" އެ ދުވަސް ސިފަ ކުރައްވަމުން، އޭރު ޖަލަށް ވެސް ލެއްވި ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދާއި ޔާމީންގެ ވެރިކަމުގައި ކޯލިޝަން ފެއިލްވެގެން ދިޔުމުން މިސާލު ނެންގެވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކޯލިޝަން ދަމަހައްޓާފައިވާ ކަމަށެވެ.

"މި ފަސް އަހަރު ވެސް ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން، އެހެން ސަރުކާރުތަކާ ހިލާފަށް ރައްޔިތުން ނިންމި ގޮތަށް މި ކޯލިޝަން އެބައޮތް، ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު އުފަލާ ހިތްހަމަޖެހުމަކީ މި ކޯލިޝަން ދެމި އޮތުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރު މިސާލެއް ގޮތުގައި އަދި، ވޭތުވެދިޔަ އިންތިހާބުތަކާއި މިފަހަރުގެ އިންތިހާބުގެ ތަފާތެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ ވެރިކަމުގައި އޮންނަ ޕާޓީއާއެކު އެހެން ޕާޓީތަކުން ކޯލިޝަން ހަދާފައިވާ ކަމެވެ.

އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާއިރު، 2023 ގެ ކޯލިޝަން ޕާޓުނަރުންގެ ގޮތުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ އެބަ އޮތެވެ. އެއީ މީގެ ކުރިން ވެރިކަން ކުރި އެއްވެސް ވެރިޔަކަށް ވެފައި ނެތް ކަމެއް ކަމަށާއި، ވެރިކަމުގައި އޮންނަ ޕާޓީ އަބަދުވެސް އޮންނަނީ ކޯލިޝަން ހަދާނެ ބައެއް ނެތި، "އެކަނި" ވެފައި ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އވެެ.

"ވެރިކަމުގައި އޮންނަ ޕާޓީއަކާއެކު މީގެ ކުރިން ކޯލިޝަން ހަދާނެ ބަޔަކު ނުވޭ، އިންތިހާބަށް ކުރިމަތިލަނީ އެކަނި، ދެން އޮތް ހުރިހާ ޕާޓީތަކުން އަރަނީ އެކަތިގަނޑަކަށް ވެރިކަން ބަދަލުކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީއޭއަށް ތައުރީފު ކުރައްވައި ރައީސް ވިދާޅުވީ "އެއީ ގައުމަށް ހެޔޮ އެދިގެން ތިބި ބޭފުޅުން" ކަމަށާއި އެ ޕާޓީތަކުން ރައްޔިތުންނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށެވެ.