Advertisement

ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ދެ ކޮމަންޑޫ ހިއްކާ ނިމޭނެ ކަމަށް

9 ޖުލައި 2023 - 12:02 0

ށ. ކޮމަންޑޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު ކޮމަންޑޫ ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ؛ ވިދާޅުވީ މި މަހުގެ ތެރޭގައި ދެ ކޮމަންޑޫ އެއް ކޮށްލެވޭނެ ކަމަށް-- ފޮޓޯ: އެމްޑީޕީ


ރައީސް ވިދާޅުވީ މި މަސް ނިމޭ އިރު ދެ ކޮމަންޑޫ ހިއްކާ ނިމޭނެ ކަމަށް

9 ޖުލައި 2023 - 12:02 0

ށ. ކޮމަންޑޫ

މި ހިނގާ ޖުލައި މަސް ނިމޭއިރު، ކޮމަންޑު އާއި އެރަށާ ޖެހިގެން އޮންނަ މަތި ކޮމަންޑޫ އެއްކޮށްލުމުގެ މަސައްކަތުގެ ތެރެެއިން ދެ ރަށް ހިއްކާ ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫއާ ގާތްގަނޑަކަށް އެއް ފަޅެއްގައި އޮތް މަތިކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހާބާ ދިމާކޮށް، ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖެނުއަރީ 12، 2022 ގަ އެވެ،

އެހެންނަމަވެސް ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަކަށް ނުދެ އެވެ. އެންމެ ބޮޑު މައްސަލައަކަށް ދިމާވީ މަޝްރޫއު ހިންގާ އެމްޓީސީސީގެ މައި ޑްރެޖަރު މަހާޖައްރާފު ހަލާކު ވުމެވެ.

މަޝްރޫއު އިއުލާނުކުރެއްވިތާ ދޮޅު އަހަރު ފަހުން މި ރަށަށް ވަޑައިގެން ރައީސް މިއަދު ވިދާޅުވީ ދެ ކޮމަންޑޫގެ ވާހަކަ ދެން އަޑު އިވޭނީ އެއް ކޮމަންޑޫގެ ގޮތުގައި ކަމަށެވެ.

އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު މާދާމާ ހއ. އިހަވަންދުއަށް ދާނެ ކަމަށާއި އެ ރަށުގެ ބިން ހިއްކުމަށްފަހު ދެން އަމާޒު ހިފާނީ މި ރަށަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ޖުލައި މަހުގެ ފަހު ދިހައެއްގައި ޑްރެޖަރު އަންނާނެ، އިރާދަކުރެއްވިއްޔާ މި ޖުލައި މަސް ނިމިގެން ދާނީ އަޅުގަނޑުމެން ވައުދު ވީ ގޮތަށް ދެ ކޮމަންޑޫ ގުޅާލެވިގެން،" ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫއަކީ ބިން ކުޑަ އެކަމަށް އޮންނަ ބޭޏުން ބޮޑު ރަށެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަތި ކޮމަންޑޫގެ އަސާސީ ހިދުމަތް ގާއިމް ކުރުމަކީ ސަރުކާރުގެ ޕްލޭނުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅައިދޭނަން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އަޅައިދޭނަން،" ރައީސް ވިދާޅުވި އެެވެ.

ކޮމަންޑޫއަށް ރައީސް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި ރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އިތުރުން ކޮމަންޑޫ ރައްޔިތުން އެދޭ ގޮތަށް ކޫޑަފަރުގައި އެއާޕޯޓެއް އަޅައިދިނުން ހިމެނެ އެވެ.

ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގައި އެމްޓީސީސީއާއެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެ ކޮމަންޑޫ ގުޅާލަން އަޅާ ފާލަމުގެ ދިގުމިނުގައި 200 މީޓަރުގެ (656.1 ފޫޓްގެ) އަދި ފުޅާ މިނުގައި ހުންނާނީ 9.6 މީޓަރު (31.4 ފޫޓު) އެވެ. އެ ފާލަން ގޮސް ގުޅޭނީ ދެ ކޮމަންޑޫގެ ވެސް ހިއްކި ބިމާ އެވެ.

ގުޅާލައި ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.