Advertisement

ޖޮކޮވިޗްގެ މި ފަހަރުގެ އަމާޒަކީ ފެޑެރާގެ ވިމްބަލްޑަން ރެކޯޑް!

8 ޖުލައި 2023 - 16:01 0


ޖޮކޮވިޗްގެ މި ފަހަރުގެ އަމާޒަކީ ފެޑެރާގެ ވިމްބަލްޑަން ރެކޯޑް!

8 ޖުލައި 2023 - 16:01 0

ލަންޑަން (ޖުލައި 8) - ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ އަތުން މޮޅުވެ، މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައި، ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް، ވިމްބަލްޑަން ތަށި އަށް ފަހަރު ހޯދައިގެން ލެޖެންޑަރީ ކުޅުންތެރިޔާ ރޮޖާ ފެޑެރާގެ ރެކޯޑަށް އަމާޒުހިފައިފި އެވެ.

މިދިޔަ މަަހު ފްރެންޗް އޯޕަން ތަށި އުފުލާލައި، އެންމެ ގިނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑް މުގުރާލި ޖޮކޮވިޗް ވަނީ ރޭ ކުޅުނު މެޗުން ވަވްރިންކާ އަތުން 6-3 6-1 7-6 އިން މޮޅުވެފަ އެވެ.

މި ވަގުތު ސީޑިން އަށް ބަލާއިރު، ޖޮކޮވިޗަކީ މުބާރާތުގެ ފޭވަރިޓެވެ. ޖޮކޮވިޗާ ދެކޮޅަށް މި މަހު 16 ގައި ކުޅޭ ފައިނަލުގައި ނުކުންނާނެ ކަމަށް ބެލެވެނީ ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެވެ.

ވަވްރިންކާ އަތުން މޮޅުވި މެޗަށް ފަހު ދިން އިންޓަވިއުގައި ޖޮކޮވިޗް ބުނީ މީގެ ކުރިން ވަވްރިންކާ އަތުން ބޮޑެތި މެޗުތަކެއްގައި ބަލިވެފައިވާ ކަމަށާއި އެހެންވެ، އޭނާއާ ދެކޮޅަށް އެއްވެސް އިރެއްގައި ފަސޭހަ މެޗެއް ނުޖެހޭނެކަން ކުރިން ވެސް އެނގޭ ކަމަށެވެ.

"އެއްވެސް އިރެއްގައި އޭނަ (ވަވްރިންކާ)އާ ކުޅޭ މެޗަކީ ފަސޭހަކޮށް ދާނެ މެޗެކޭ ހިތަކަށް ނާރުވަން، ޗެލެންޖިންކޮށް ކޮންމެ މެޗެއް ވެސް ދަނީ،" ޖޮކޮވިޗް، 36، ބުންޏެވެ.

ވަވްރިންކާގެ ކެރިއަރުގައި ތިން ގްރޭންޑް ސްލޭމް ތަށި ހޯދިއިރު، ދެ ތަށި އުފުލާލީ ފައިނަލުގައި ޖޮކޮވިޗް ބަލިކޮށްގެންނެވެ. އެ ގޮތުން، ވަވްރިންކާ ވަނީ 2015 ވަނަ އަހަރުގެ ފްރެެންޗް އޯޕަން އާއި 2016 ވަނަ އަހަރުގެ ޔޫއެސް އޯޕަންގައި ޖޮކޮވިޗް ބަލިކޮށްފަ އެވެ.

ތޭވީސް ގްރޭންޑް ސްލޭމް ތަށި ހޯދައި، ރެކޯޑް ހޯލްޑަރެއްގެ ގޮތުގައި މި ވަގުތު ހުރި ޖޮކޮވިޗްގެ ގްރޭންޑް ސްލޭމް ކާމިޔާބީގެ ތަފްސީލަށް ބަލާއިރު، އޭނާ ވަނީ 10 ފަހަރު އޮސްޓްރޭލިއަން އޯޕަން، ވިމްބަލްޑަން ހަތް ފަހަރު، ޔޫއެސް އޯޕަން ތިން ފަހަރު އަދި ފްރެންޗް އޯޕަންގެ ތިން ތަށްޓެވެ. މި ފަހަރުގެ ވިމްބަލްޑަން ކާމިޔާބުކޮށް، އަށް ވަނަ ފަހަރަށް މި ތަށި އުފުލާލައި، ޖޮކޮވިޗް ހުރީ ފެޑެރާގެ ރެކޯޑާ ހަމަކުރަން ކެތްމަދުވެފަ އެވެ.