Advertisement

ދިވެހި ފިލްމު ފެސްޓިވަލާއި ފިލްމު އެވޯޑްސްއަށް ކުރިމަތިލާން ހުޅުވާލައިފި

7 ޖުލައި 2023 - 10:21 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގެ ތެރެއިން: މިފަހަރުގެ އެވޯޑްސް އޮންނާނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި -- ފޮޓޯ: އެންސީއޭ


ދިވެހި ފިލްމު ފެސްޓިވަލާއި ފިލްމު އެވޯޑްސްއަށް ކުރިމަތިލާން ހުޅުވާލައިފި

7 ޖުލައި 2023 - 10:21 0

ދިވެހި ފިލްމު ފެސްޓިވަލް އަދި ފިލްމު އެވޯޑްސްއަށް ކުރިމަތިލާން ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އިން ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.

ދިވެހި ފިލްމު އެވޯޑްސް 10 އެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހުގެ ތެރޭގައި ކަމަށް އެންސީއޭއިން ބުނެ އެވެ. މިފަހަރުގެ އެވޯޑުތަކަށް ހުށަހެޅޭނީ 2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފިލްމު އެވޯޑްސްއަށް ކުރިމަތިލުމަށް އެންސީއޭއިން ދިނީ ނުވަ ދުވަހުގެ ފުރުސަތެކެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 16، ގެ މެންދުރު 1:30 ކަމަށް އެންސީއޭއިން ބުނެ އެވެ.

ދިވެހި ފިލްމު ފެސްޓިވަލާއި އެވޯޑްް ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. ނަމަވެސް އެންމެ ފަހުން އެ ފެސްޓިވަލާއި އެވޯޑްސް ބާއްވާފައި ވަނީ 2019 ވަނަ އަހަރެވެ. އޭގެ ފަހުން އޮލިމްޕަސް ބަންދުކޮށްގެން ފިލްމުތައް ނޭޅުވުމާއި ކޮވިޑުގެ ސަބަބުން ހަފުލާ ބާއްވާފައެއްނުވެ އެވެ.

ދިވެހި ފިލްމު ފެސްޓިވަލުގައި މައިގަނޑު ދެ ކެޓަގަރީއެއް އޮވެ އެވެ. އެއީ ކޮމްޕެޓެޓިވް ކެޓަގަރީއަކާއި ނޮން ކޮމްޕެޓެޓިވް ކެޓަގަރީއެކެވެ. ފިލްމު އެވޯޑްސްގައި ވާދަ ކުރާ ހުރިހާ ފިލްމެއް އެ ބައިގައި ހިމެނޭނެ އެވެ. ދެ ވަނަ ކެޓަގަރީގައި ވާދަ ކުރެވޭނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފީޗާ ފިލްމުތަކެވެ.

ފިލްމު އެވޯޑްސްގައި 60 މިނެޓަށްވުރެ ދިގު ފީޗާ ފިލްމު، 60 މިނެޓަށްވުރެ ކުރު، ކުރު ފިލްމު އަދި 90 މިނެޓަށްވުރެ ދިގު ނޫން ޑޮކިއުމެންޓްރީ ފިލްމު ބައިވެރި ކުރެވޭނެ އެވެ.

ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމާއި އެކްޓަރު އަދި އެކްޓްރެސް، ސްކްރީންޕްލޭ، ހޮވުމާއެކު ޖުމްލަ 26 ބަޔަކުން އެވޯޑު ދޭނެ އެވެ. އޭގެ އިތުރުން، ލައިފްޓައިމް އެވޯޑެއް ވެސް ދޭނެ އެވެ.

ދިވެހި ފިލްމު ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ 1995 ވަނަ އަހަރެވެ. އެ އަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވުނީ މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ "ދެރިޔާ" އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ އިސްމާއިލް ވަޖީހެވެ. އަދި އެންމެ މޮޅު އެކްޓްރެސްއަކަސް ހޮވުނީ ދެރިޔާގެ ހައްވާ ޒާހިރާ އެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ޓެޑްރީ އެވެ.