Advertisement

އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އިންޑިއާ ތަށި ނަގަންޖެހޭ

4 ޖުލައި 2023 - 09:19 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު އިންޑިއާ ތަށި ނަގަންޖެހޭ

4 ޖުލައި 2023 - 09:19 0

ބެންގަލޫރު، އިންޑިއާ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގެ ފައިނަލުގައި މިރޭ ކުވެއިތާ ދެކޮޅަށް ކުޅޭއިރު، އަމިއްލަ ފަސްގަނޑުގައި ކުޅޭ މި މުބާރާތުގެ ތަށި އެ ޓީމުން ނަގަންޖެހޭ ކަމަށް އިންޑިއާގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ ބުނެފި އެވެ.

އަށް ފަަހަރު، ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެންގޮސްފައިވާ އިންޑިއާ އިން މި ފަހަރުގެ ފައިނަލުގައި ވާދަކުރާއިރު، މިއީ އެ ޓީމުން ޖެހިޖެހިގެން ކުޅޭ ނުވަ ވަނަ ސާފް ފައިނަލެވެ. އަމިއްލަ ފަސްގަނޑުގައި މީގެ ކުރިން އިންޑިއާ އިން ސާފް ހޯސްޓްކުރި ތިން ފަހަރު ވެސް ވަނީ ތަށި ހޯދައިފަ އެވެ. އެއީ، 1999، 2011 އަދި 2015 ވަނަ އަހަރު އެވެ. އެހެންކަމުން، މި ފަހަރުގެ ފައިނަލުގައި ވެސް އިންޑިއާ އިން އޮތީ އެ އަމާޒުގަ އެވެ.

"އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި މި ކުޅެނީ އެހެންވީމަ، ކޮންމެ ގޮތެއް ވިޔަސް ތަށި ހޯދަން ބޭނުން، އެއީ އިންޑިއާ ފުޓްބޯޅަ އަށް ވެސް މުހިންމު ކަމެއް،" އިންޑިއާ ޓީމު، ބެންޗުގައި ހުރެ ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެ ހުރި ގޯލީ ބުންޏެވެ.

އެންމެ ފަހުން، 2021 ވަނަ އަހަރުގެ ފައިނަލް މެޗެކޭ އެއްގޮތަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ވެސް އިންޑިއާ ހެޑް ކޯޗު އީގޯ ސްޓިމަކް ހުރީ ސަސްޕެންޑްވެފަ އެވެ. ސްޓިމަކަށް މި ފަހަރުގެ ސާފްގައި ދެއްކި ދެ ވަނަ ރަތް ކާޑާ އެކު ވަނީ 500 ޑޮލަރުން ޖޫރިމަނާކޮށް، ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ، އިންޑިއާ އިން ސެމީ ފައިނަލުގައި ލެބަނަން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗާއި މިރޭގެ ފައިނަލުގައި ބެންޗުގައިހުރެ ޓީމު ލީޑުކުރާނީ ކުރީގެ ކެޕްޓަން މަހޭޝް އެވެ.

މަހޭޝް ބުނީ ބެންޗަށް ނާދެވޭ ކަމުގައި ވިޔަސް ސްޓިމަކްގެ ޕްލޭނާ އެއްގޮތަށް އޭނާ އަށް މަސައްކަތް ކުރެވޭނެކަން މީގެ ކުރިން މެޗުތަކުގައި ވެސް ސާބިތުކޮށްދީފައިވާނެ ކަމަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ކުވެއިތު ވަނީ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. ހޫނުކޮށް ދިޔަ މި މެޗު ނިމުނީ ފަހު ވަގުތު އިންޑިއާ އަތުން ބައިކޮޅަށް ގޯލެއް ވަދެގެން 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗަށް ވުރެ، މިރޭގެ މެޗު ފިޒިކަލް ވާނެތޯ އެހުމުން ކުވެއިތުގެ ކޯޗު ޕޯޗުގަލްގެ ރުއީ ބެންޓޯ ބުނީ މުބާރާތުގެ އެކި ކަންތައްތަކުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާާއި އޭނާ އެދެނީ "ރެފްރީންނަށް އެއްވެސް ބަޔަކު ޕްރެޝަރު" ނުކުރާނެ ކަމަށެވެ.

ބެންޓޯގެ އެ ވާހަކަތަކާ ބެހޭގޮތުން، މަހޭޝް ބުނީ އެއީ "މައިންޑް ގޭމްސް" ތަކެއް ކަމަށެވެ.

އިންޑިއާގެ ވައިސް ކެޕްޓަން، ސަންދޭޝް ޖިންގަން ބުނީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވުމުން އެކަމާ މާޔޫސްވި ނަމަވެސް ފައިނަލަށް ޓީމު ދާނެ ކަމުގެ އިތުބާރު އޮތް ކަމަށެެވެ. އަދި އިންޑިއާގައި މިހާރު އޮތީ ކޮންމެ ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ކުޅުނު ކަމަށް ވިޔަސް، އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ސިސްޓަމެއް ކަމަށެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.