Advertisement

ނާއިންސާފު ނިންމުންތަކެއްގެ ސަބަބުން ނީލާ ގައުމީ މުބާރާތާ ދުރަށް

3 ޖުލައި 2023 - 09:26 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މި އަހަރުގެ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެެލެންޖްގެ މެޗެއްގެ ތެރެއިން ނީލާ.--- ފޮޓޯ: އަބްުދުﷲ އިޔާން/ އަދަދު


ނާއިންސާފު ނިންމުންތަކެއްގެ ސަބަބުން ނީލާ ގައުމީ މުބާރާތާ ދުރަށް

3 ޖުލައި 2023 - 09:26 2

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، ނީލާ އަހުމަދު ނަޖީބާ، މެދު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ނިންމަމުން އަންނަ ނާއިންސާފު ނިންމުންތަކުގެ ސަބަބުން އޭނާ މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަނުކުރަން ނިންމައިފި އެވެ.

މި މަހު އެއް ވަަނަ ދުވަހު ފެށި 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ނީލާ ވާދަނުކުރަން ނިންމީ އޭނާއާ ދެކޮޅަށް ނިންމި ނިންމުންތަކެއްގެ ޖަވާބު ދޭން ވެސް އެސޯސިއޭޝަނުން ދެކޮޅު ހަދާފައިވާތީ އެވެ.

ފޭސްބުކްގައި ނީލާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާ މި ގޮތަށް ނިންމަން ޖެހުނު ހަ ސަބަަބެއް ހިމަނައިފަ އެވެ. އެއީ:

1 - ގިނަ ދުވަސްތަކެއް ނީލާ ވަންދެން އެއްވެސް ވަރަކަށް ތަމްރީން ނަހަދާ ހުންނަން ޖެހުން.

2 - އަމިއްލަ ގޮތުން ތަމްރީން ހަދަން ބޭނުންވި ނަމަވެސް ތަމްރީންތަށް ކުރިއަށް ގެންދިއުމަށް ކޯޓު ހޯދުމުގައި ވެސް އެކި ކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހުމާއި ކޯޓު ލިބުމުގެ ދަތިތަށް ވެސް ވަރަށް ބޮޑަށް ދިމާވުން.

3 - ދިވެހި ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި ނީލާ މިކްސް ޑަބަލްސް ހަދަން ހަމަޖެހިފައިވާ ކުޅުންތެރިޔާ ވެސް ގައުމީ ބެޑްމިންޓަން ކޯޗުގެ ނުފޫޒުން އެހެން ކުޅުންތެރިއަކާއި އެކު ޕާޓްނަރު ހެދުމަށް ނިންމުން.

4 - އިންސާފާއި ހަމައިގެ ބޭރުން ނީލާއާ ދޭތެރޭ ފިޔަޅު އެޅުމާއި، އެ ފިޔަވަޅު ތަށް އެޅި ސަބަބު ހޯދުމަށްޓަކައި ލިޔުނު އެއްވެސް ސިޓީއަކަށް މިއަދާ ހަމަށް ވެސް އެސޯސިއޭޝަނުން ޖަވާބެއް ވެސް ލިބިފައި ނެތުން.

5 - ގައުމީ ޓީމުން ނީލާ ބާކީކުރަން އެޅި ފިޔަވަޅުގެ ސަބަބުން ނީލާ އަށް ނަފްސާނީ ގޮތުން ކޮށްފައިވާ ނޭދެވޭ އަސަރުތަކާއި އުދަނގޫ ތަކުގެ ސަބަބުން.

6 - ނީލާ އަކީ މުބާރަތަކަށް ތައްޔާރުނުވެ މުބާރާތް ތަކުގައި ވާދަ ނުކުރާ ފަރާތަކަށް ވެފައި، ހާއްސަކޮށް ގައުމީ މުބާރާތުގައި ވާދަކޮށް، 25 އަހަރުގެ ދިގު ކާމިޔާބު ބެޑްމިންޓަން ހަޔާތެއް އޮތް ކުޅުންތެރި އަކަށްވެފައި، އަދިވެސް އެއް ފަހަރު ބޭނުންވާ މަގާމު ﷲ އިރާދަފުޅާއި އެކު ހާސިލްކޮށްފައި ނޫނީ ބެޑްމިންޓަން ކެރިއަރު ނިންމާލަން ބޭނުން ނުވުން.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އިން ނީލާ އަށް އަންގާފައިވަނީ ކުޅުންތެރިންތަކަކާއި ކޯޗުގެ ފަރާތުން އައި ޝަކުވާތަކެއްގެ ސަބަބުން އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ނީލާ ގައުމީ ޓީމުން ބާކީކޮށްފައިވާ ކަމަށެވެ. މިއާ އެކު، މި އަހަރު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސްގެ ފުރުސަތު ނލާ އަށް ވަނީ ގެއްލިފަ އެވެ.

އެސޯސިއޭޝަންގެ މި ނިންމުން ދެކޮޅު ނުޖެހޭތީ އާއި މީގެ ކުރިން ވެސް މި ގޮތަށް ގައުމީ ޓީމުން އެހެން ކުޅުންތެރިން އެކަހެރި ކޮށްފައިވާތީ، ނީލާ އަންނަނީ އެސޯސިއޭޝަންގެ މި ނިންމުމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ. އެ ގޮތުން، ނީލާ ވަނީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަރިތަކުރާ ސްކޮޑު ނެގުމުގައި ވެސް އިންސާފުން ބޭރުން ކަންކަން ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އެ ގޮތުން، ރަނގަޅު ސިލެކްޝަނެއް ނުކުޅެ، ގައުމީ ސްކޮޑެއް ނެގުމަކީ އެއް މައްސަލަ އެވެ. އެއީ ސިލެކްޝަނެއް ކުޅުނު ނަމަ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން ޝިޔާމް އާއި ހައިޝަމް އިބްރާހިމް އަލީ ފަދަ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް ނީލާ ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު، އެސޯސިއޭޝަންގެ ހަމައެއް ނެތް ނިންމުންތަކާ ހެދި ބައެއް ކުޅުންތެރިންގެ ކެރިއަރަށް ބޮޑު ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށް ނީލާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ނީލާ، މިއަދު ކުރި ޕޯސްޓެއްގައިވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގެ ކްރައިޓީރިއާ އެއް ބެޑްމިންޓަން އެސޯސިއޭޝަނުން ހަދާފައި އޮތްނަމަ އެ އާންމުކުރަން ގޮވާލައިފަ އެވެ. ނީލާ ވަނީ ޓީމަށް އެރުމުގައި ވެސް ނުފޫޒު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނީލާ އަކީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖަރެވެ.