Advertisement

ގޯލީ ދެކޭގޮތުގައި އިންޑިއާގެ ތަފާތަކީ ފިޓްނަސް ރަނގަޅުވުން

2 ޖުލައި 2023 - 08:43 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ އެސިސްޓަންޓް ކޯޗު ގޯލީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގޯލީ ދެކޭގޮތުގައި އިންޑިއާގެ ތަފާތަކީ ފިޓްނަސް ރަނގަޅުވުން

2 ޖުލައި 2023 - 08:43 0

އިންޑިއާ ޓީމްގެ ތަފާތަކީ ފިޓްނަސް ލެވެލް ރަނގަޅުވުން ކަމަށާއި ސެމީ ފައިނަލް މެޗުގެ 120 މިނެޓު އެއް ލެވަލެއްގައި ކުޅެވުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް އެޓީމްގެ އެސިސްޓަންޓް ކޯޗު މަހޭޝް ގޯލީ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން 13 ވަނަ ފަހަރަށް ޖާގަ ހޯދުމަށް ފަހު އިންޑިއާގެ އެސިސްޓަންޓް ކޯޗު ވަނީ ސެމީ ފައިނަލުގައި ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކޮށްފަ އެވެ. ވަކިން ހާއްސަކޮށް މި މެޗުގައި އިންޑިއާގެ ކީޕަރު ގުރްޕުރީތު ސިންގް، ޑިފެންޑަރު އަންވަރު އަލީ އަދި މިޑްފިލްޑަރު ޖެކްސަން ސިންގް ދެއްކި ކުޅުން އޭނާ ފާހަގަކުރި އެވެ.

ގޯލީ ބުނީ މުހިންމު މެޗުތަކުގައި ތަފާތަކަށްވަނީ ބައެއް ކުޅުންތެރިން ދައްކާ އާދަޔާ ހިލާފު ކުޅުންކަމަށާއި، ލެބަނަން އަތުން މޮޅުވުމުގައި ޓީމެއްގެ ގޮތުގައި ދެއްކި ކުޅުމުގެ އިތުރުން އަންވަރު ކަހަލަ ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ.

މެޗުގައި ދެއްކި ކުޅުމާ ގުޅޭގޮތުން ގޯލީ ބުނީ ފުރަތަމަ 15 މިނެޓުގައި ދަށްކޮށް ދިޔަ ނަމަވެސް ގޭމުގެ ތެރެއަށް އާދެވި ކުޅުންތެރިން ފަހުން ދެއްކީ އޭނާ ބޭނުންވާ ކަހަލަ މޮޅު ކުޅުމެއް ކަމަށެވެ.

"ފުރަތަމަ ފަނަރަ ވަރަކަށް މިނެޓު އަހަރުމެން ފެނުނީ ތަންކޮޅެއް ދަށްކޮށް، އެކަމަކު އޭގެ ފަހުން މުޅި ގޭމް ޑޮމިނޭޓްކުރީ އަހަރެމެން. މެޗުގެ އިންޓެންސިޓީއަށް ބަލައިފިއްޔާ 120 މިނެޓު އެއް ވަރެއްގައި އެ ކުޅުނީ. އަހަރުމެން މޮޅުވުން ހައްގުކަމަށް ދެކެން. އަހަރުމެންނަށް ގިނަ ފުރުސަތުތައް ލިބުނު ގޯލު ޖަހަންވެސް." ގޯލީ ބުންޏެވެ.

އޭނާ ވަނީ ސެމީ ފައިނަލް މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމުގައި ޓީމްގެ ފިޓްނަސް މުހިންމު ދައުރެއް އަދާކުރިކަން ފާހަގަކޮށްފަ އެވެ. އެ ގޮތުން 120 މިނެޓު އެއްވެސް ކަހަލަ އިންޖަރީއެއް ނެތި ކުޅުންތެރިން އޭނާ ބޭނުންވި އިންޓެންސިޓީގައި ކުޅުނު ކަން ގޯލީ ފާހަގަކުރި އެވެ. މިއީ ފައިނަލަށް ނިކުންނައިރުވެސް އޭނާ އަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް ގޯލީ ފާހަގަކޮށްފައިވެ އެވެ.

"120 މިނެޓު އެއްވެސް އިންޖަރީއެއް ނެތް، އަކުނިވަޔަށް ދިޔުމެއްވެސް ނެތް. ޓީމްގެ ފިޓްނަސް ލެވެލް ވަރަށް ރަނގަޅުކަމަށް ފާހަގަކުރެވޭ. މިއީ ފައިނަލުގައިވެސް ހުރިހާ ކުޅުންތެރިން ބޭނުންކުރަން ބަލާއިރު ލިބޭ ހިތްހަމަޖެހުމެއް" ގޯލީ ބުންޏެވެ.

ފައިނަލު މެޗުގައިވެސް އިންޑިއާ ޓީމްގެ ހެޑްކޯޗު އިގޯ ސްޓިމަކް އަށް ބެންޗުގައި ނީނދެވޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭނާއަށް ދެއްކި ރަތްކާޑާ އެކު ސާފުން ވަނީ ސްޓިމަކް ފައިނަލަށް ވެސް ސަސްޕެންޑްކޮށްފަ އެވެ.

ސްޓިމަކްގެ ސަސްޕެންޝަނާ ގުޅޭގޮތުން ގޯލީ ބުނީ ސާފުން އެފަދަ ނިންމުމެއް ނިންމީ ކީއްވެކަން ބުނަން ނޭނގޭ ކަމަށާއި، އެއީ އިންސާފުން ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. ހެޑް ކޯޗަށް ސާފުން އެޅި ފިޔަވަޅާ އެކު ކުޅުންތެރިން މިހާރު ކުޅެނީ އިތުރު ހިތްވަރަކާ އެކު ކަމަށް ވެސް ކޯޗު ގޯލީ ވަނީ ބުނެފަ އެވެ.

"ސާފުން ދެ މެޗަށް ކޯޗު ސަސްޕެންޑްކުރުން ރަނގަޅެއް ނޫން. ކޯޗު މީހެއްގައި ޖަހައިގެން ނޫން ރަތް ކާޑު ދެއްކީ. އެކަހަލަ ކޭސްތަކުގައި ގިނަ މެޗަށް ސަސްޕެންޑު ވަނީ. އިންޑިއާ ޓީމުން އިތުރު ހިތްވަރެއް ލާނެ ކޯޗަށްޓަކައިވެސް މިހާރު." އޭނާ ބުންޏެވެ.

ފައިނަލް މެޗުގެ ޕްލޭނަށް ވިސްނާނީ ރިކަވަރީގެ ކަންކަމަށް އިސްކަން ދިނުމަށް ފަހު ކަމަށް ގޯލީ ވަނީ ބުނެފަ އެވެ.