2 ޖުލައި 2023 - 08:57 0
2 ޖުލައި 2023 - 08:57 0
ޗެލްސީގެ ކޮންޓްރެކްޓް މިދިޔަ މަހު ހަމަވި ސެޒާ އަޒްޕިލިކުއޭޓާ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވިއިރު، ވިޔަރެއާލްގެ ޒުވާން ފޯވާޑް ނިކޮލަސް ޖެކްސަން ޗެލްސީ އަށް ސޮއިކޮށްފި އެވެ.
އާ ސީޒަނަށް ކުލަބުތަކުން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުން އަންނައިރު އިނގިރޭސި ކުލަބު ޗެލްސީ އަކީ އެންމެ ހަލަބޮލިކޮށް އުޅެމުން އަންނަ އެއް ކުލަބެވެ. މިހާތަނަށް އެކުލަބުން ވަނީ ކުލަބުގެ ފަސް ކުޅުންތެރިއަކު އެކި ކުލަބުތަކަށް ވިއްކާލައިފަ އެވެ. އެންމެ ފަހުން ޗެލްސީ ދޫކޮށްލި ކުޅުންތެރިއަކީ މިދިޔަ މަހުގެ ނިޔަލަށް އެކުލަބުގެ ކޮންޓްރެކްޓް ހަމަވި އަޒްޕިލިކުއޭޓާ އެވެ.
ޗެލްސީއަށް މިދިޔަ 11 ސީޒަންގައި ކުޅުނު އަޒްޕިލިކުއޭޓާ، 33، ސޮއިކުރީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ. އޭނާ އެ ކުލަބާ އެކު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ.
އަޒްޕިލިކުއޭޓާ ހޯދަން އިޓަލީގެ އިންޓަ މިލާނުން ވެސް މަސައްކަތްކުރި އެވެ. ނަމަވެސް އަޒްޕިލިކުއޭޓާ ބޭނުންވީ ކެރިއަރުގެ ފަހު ދުވަސްކޮޅު އޭނާގެ އުފަން ގައުމު ސްޕެއިންގައި ހޭދަކުރާށެވެ.
އަޒްޕިލިކުއޭޓާ އަކީ އާ ސީޒަނަށް ޗެލްސީ ދޫކޮށްލި ފަސްވަނަ ކުޅުންތެރިއާ އެވެ. އެކުލަބުގެ ކަލީދޫ ކޫލިބަލީ އާއި އެންގޯލޯ ކާންޓޭ އަދި ކީޕަރު އެޑުއާޑް މެންޑީ ސައުދީ ލީގަށް ބަދަލުވިއިރު، މިޑްފިޑަރު މޭސަން މައުންޓް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އަދި ކައި ހަވާޓްސް ވަނީ ވާދަވެރި އާސެނަލަށް ބަދަލުވެފަ އެވެ.
އާ ސީޒަން ފެށުމުގެ ކުރިން ޗެލްސީން ވިއްކާލަން ބޭނުންވާ އިތުރު ކުޅުންތެރިންނަށް ބަލާއިރު ރޮމެލޫ ލުކާކޫ، ޕިއޭ އެމެރިކް އޮބާމަޔަން އަދި ކްރިސްޓިއަން ޕުލިސިކް ހިމެނެ އެވެ.
ޗެލްސީއާ އަލަށް ގުޅުނު ވިޔަރެއާލްގެ ނިކޮލަސް ޖެކްސަން ސޮއިކުރީ 30 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ އެ ކުލަބާ އެކު ސޮއިކުރީ އަށް އަހަރުގެ އެގްރީމެންޓެއްގަ އެވެ.
ޖެކްސަން އަކީ މިދިޔަ ސީޒަންގެ މެދުތެރެއިން އިނގިރޭސި ކުލަބު ބޯންމައުތަށް ސޮއިކުރަން އުޅުނު ފޯވާޑެކެވެ. ނަމަވެސް އެ ފަހަރު އެ ޓްރާންސްފާ ކާމިޔާބުނުވީ މެޑިކަލް އިން ނިކޮލަސް ފެއިލް ވުމުންނެވެ. ސެނެގާލްގެ ފޯވާޑް ނިކޮލަސް ޖެކްސަން ވަނީ ސީޒަންގެ ފަހު ބައިގައި ވިޔަރެއާލް އަށް 12 ގޯލު ޖަހައިދީފަ އެވެ.
ޗެލްސީން ވަނީ ޖެކްސަންގެ އިތުރުން ރެޑްބުލް ލެއިޕްޒިގަށް ކުޅުނު ސްޕެއިންގެ ފޯވަޑް ކްރިސްޓޮފާ އެންކޫކޫ ވެސް އެކުލަބަށް ގެނެސްފަ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްބަސްވި ޑީލެކެވެ.
Comment