Advertisement

ފްރާންސްގައި ބުރުގާ އަޅައިގެން ފުޓްބޯޅަ ނުކުޅެވޭ ގޮތަށް ނިންމި ނިންމުން ދަމަހައްޓައިފި

1 ޖުލައި 2023 - 07:16 0


ފްރާންސްގައި ބުރުގާ އަޅައިގެން ފުޓްބޯޅަ ނުކުޅެވޭ ގޮތަށް ނިންމި ނިންމުން ދަމަހައްޓައިފި

1 ޖުލައި 2023 - 07:16 0

ޕެރިސް (ޖުލައި 1) - އަންހެން ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ފުޓްބޯޅަ ނުކުޅެވޭ ގޮތަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައި އޮތް ނިންމުމަށް ތާއީދުކޮށް، އެކަން ދަމަހައްޓަން ފްރާންސްގެ ކޯޓަކުން ނިންމައިފި އެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން، އެފްއެފްޕީން ހަދާފައި އޮތް ބުރުގާ އަޅައިގެން ފުޓްބޯޅަ ނުކުޅެވޭ ގަވައިދާ ދެކޮޅަށް ފްރާންސްގެ މުސްލިމް އަންހެން ކުޅުންތެރިންގެ ގްރޫޕަކުން ތެދުވެ، އެ މައްސަލަ އެންމެ ފަހުން ކޯޓާ ހަމައަށް ވެސް ވަނީ ގެންގޮސްފަ އެވެ.

އެކި އެކި ޕްލެޓްފޯމްތަކުގައި މިކަމާ ގުޅޭގޮތުން ބަހުސް ކުރިއަށްދިޔައިރު، ފްރާންސްގެ އެޑްމިިނިސްޓްރޭޓިވް ކަންތައްތަކާ ބެހޭ ކޯޓުގައި އެ މައްސަލަ ވެސް ދިޔައީ ހިނގަމުންނެވެ. އެންމެ ފަހުން، ސިޔާސީ ނުފޫޒާ އެކިއެކި، ޕްރެޝަރުތަކާ ހެދި އަަވަސް އަރުވާލައިގެން ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން، ގޮތެއް ކަނޑައަޅައިފަ އެވެ.

އެ ގޮތުން، ކޯޓުން ނިންމާފައިވަނީ ފަސޭހައިން ފުޓްބޯޅައިގެ ތެރޭގައި ކުޅުންތެރިންނަށް އުޅެން ފަސޭހަވާނީ ކުރިން ވެސް އޮތް ގޮތަށް ބުރުގާ ނާޅައި ކުޅެގެން ކަމަށްވާތީ، ބުރުގައި އަޅައިގެން ކުޅެން ހުއްދަ ދެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެހެންވެ، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ބުރުގާ އަޅައިގެން ކުޅެން ހުއްދަ ނުދޭން ހަދާފައި އޮތް ގަވާއިދަށް ތާއީދުކުރާ ކަމަށެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

އިސްލާމްދީނުގެ އެކިއެކި އުސޫލުތަކާ ބީރަށްޓެހި ގޮތްތަކެއް ނިންމުމުގައި ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މީގެ ކުރިން ވެސް އަމަލުކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ރޯދަ މަސްތެރޭ ޔޫރަޕްގެ ވަރުގަދަ ގިނަ ގައުމުތަކުން ވަނީ އެ ގައުމެއްގެ މައި ލީގުގައި ރޯދަ ވިއްލަން ކުޅުންތެރިންނަށް ފުރުސަތު ދޭން މެޗު މެދުކަނޑާލާން، ރެފްރީގެ އިހުތިޔާރަށް ދޫކޮށްލައިފަ އެވެ. އެކަމަކު، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ރެފްރީންނަށް އެންގީ އެ ގައުމުގެ ލީގުތަކުގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.