Advertisement

ކުޅުދުއްފުށިން؛ "ގެއްލުނު" ފޯޅަވައްސާއެކު ސިޔާސީ ހުރިހާ ޖޯކެއްގެ ފުރިހަމަ ޕެރޭޑެއް

29 ޖޫން 2023 - 18:36 4

ހދ. ކުޅުދުއްފުށި

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުޅުދުއްފުށި މަށިމާލި ޕެރޭޑުގައި ޗާގޯސް މައްސަލައިގެ ފުޅަނދެއް؛ ސިޔާސީ މަސްރަހުގެ ހުރިހާ ޖޯކެއް ހަމަވާ ޕެރޭޑެއް ދައްކާލައިފި - ފޮޓޯ: ކުޅުދުއްފުށި އޮންލައިން


ކުޅުދުއްފުށިން؛ "ގެއްލުނު" ފޯޅަވައްސާއެކު ސިޔާސީ ހުރިހާ ޖޯކެއްގެ ފުރިހަމަ ޕެރޭޑެއް

29 ޖޫން 2023 - 18:36 4

ހދ. ކުޅުދުއްފުށި

ހުޅަނގު ފަރާތު އޮންނަ މަށި ކުޅިން މަށި ނެގުމަށް ފަހު ގައިގައި އުގުޅައިގެން މާލި ހެދިގެން ބާއްވަމުން އައި ޕެރޭޑް، ޒަމާންތަކަށް ފަހު ބަދަލު ވެގެން އައީ ރަށު މީހުންގެ ޝުއޫރުތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނަ ކަންކަމަށް ޖޯކު ޖަހައި ކުޅޭ ތަމްސީލެއް ގޮތުގަ އެވެ.

އަބަދުވެސް ވަޅު އީދު ދުވަހު ހަވީރު ފަށާ ގޮތަށް ތާވަލުގައި އޮންނަ ޕެރޭޑު މިއަދު ހަވީރު ހަތަރެއް ޖެހުމާއެކު ކުޅުދުއްފުށި ސިޓީގެ ބޮޑު މަގުގެ އުތުރުކޮޅުން ފެށި އެވެ. ޕެރޭޑު ފެށޭ ގަޑިއަށް ވުރެ ގަޑިއިރެއް ވަރު ކުރިން ފެށިގެން މާލިތައް ތައްޔާރުވެގެން ކުޅުދުއްފުށީ އަމީނީ މަގުގެ އުތުރުކޮޅަށް ޖަމާވި އެވެ.

ކުރީ އަހަރުތަކެކޭ އެއް ގޮތަށް، އަހަރުގެ މިހާތަނަށް އައި އިރު ސިޔާސީ މަސްރަހުގައި ހިނގައި ދިޔަ ގިނަ ކަންކަން ތަމްސީލުވާ ފުޅަނދުއް ތައްޔާރުކޮށްފައި ހުއްޓެވެ. ކުޅުދުއްފުށީ މީހުންގެ ސަމާސާ އަދި ލާނެތް ވައްޓަފާޅިއަށެވެ.

ސިޔާސީ މަސްރަހުގައި މި އަހަރު އެންމެ ބޮޑު އެއް ބަހުސަކަށް އޮތީ އައްޑުއާއި ފޯޅަވަހީގެ ފުށު އެރި ކަނޑުގެ ސަރަހައްދު ބެހި މައްސަލަ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރުން އޭގައި ގެންގުޅުނު ސްޓޭންޑްގެ ސަބަބުން ކަނޑުގެ ބައެއް ގެއްލިއްޖެ އެވެ. އަދި ފޯޅަވަހި ވެސް މިލްކު ވަނީ ރާއްޖެއަށް ކަމަށް ބުނެ ފުރަތަމަ ފަހަރަށް ވަކާލާތު ކުރަން ފެށި އެވެ.

ކުޅުދުއްފުށި މަށި މާލި ޕެރޭޑުގައި "ގެއްލުނު" ފޯޅަވައްސާއި ޑިއޭގޯ ގާސިއާ އެއާޕޯޓާއި އެ ސަރަހައްދުގެ ރަށްތައް ދައްކުވައިދޭ ފުޅަނދެއް ވެސް ހިމެނި އެވެ. އޭގައި ހަރުކޮށްފައިވާ ފްލައިވުޑް ފިލާގަނޑެއްގައި ރަތް ކުލައިގެ ސްޕްރޭއަކުން "ގެއްލުނު ޗަކަގޯސް" ލިޔެފައި އޮތެވެ.

ޕެރޭޑުގެ އެންމެ ކުރީގައި ސިފައިންގެ އިސް ކޮމާންޑަރަކު، ހުދުމުހުތާރު ވެރިޔަކު ސިފަވާ ގޮތަށް ހެދުން އަޅައިގެން މީހަކު ހުއްޓެވެ. އޭނާ ވަށައިގެން ބޮޑީގާޑުންގެ ފައުޖެއް ތިއްބެވެ. އޭނާގެ ފަހަތުން ކަޅު ކުލައިގެ ސްޕްރޭއަކުން "ދުސްތޫރު" ލިޔެފައިވާ ރޮކެޓެއްގެ ފުޅަނދެއް ވެސް އޮތެވެ.

ހަންޑިއެއް ގޮތަށް ކަޅު ކުލައިގެ ހެދުމެއް އަޅައިގެން، އެކަހަލަ މާސްކެއް އަޅައިގެން ހުރި މީހަކު ޕެރޭޑު މެދު ތެރެއިން ފެނުނެވެ. ބަރޮއެއް މަތީ ގޮނޑިއެއް ބަހައްޓާފައި، ދެ މީހަކު އޭނާ ދުއްވާފައި "އިއްޒަތާއެކު" ގެންދެ އެވެ. އަދި ކުޑައެއް ވެސް އޭނާ ހިޔާވާ ގޮތަށް ބަހައްޓާފައި ހުއްޓެވެ. ބަރޯ ވަަށައިގެން އަޅާފައި ހުދު ކުލައިގެ ފޮތި ގަނޑުގައި ކަޅު ސްޕްރޭއަކުން "މުގާބޭ" ލިޔެފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މަސައްކަތްތައް ނުކުރެވި "މަރުތަޅަކަށް" ދިޔުމުން، ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރާ ބޭފުޅުން ތުހުމަތު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސް ސޯލިހުއަށް ތާއީދުކުރާ ބޭފުޅުން ތުހުމަތު ކުރެއްވީ ނަޝީދަށެވެ. ރިޔާސަތުގެ ބާރު ނަޝީދަށް އޮތް އިރު، މެޖޯރިޓީ އޮތީ ރައީސަށެވެ. އެ ދުވަސްވަރު ނަޝީދަށް "މުގާބޭ" އޭ ގޮވައި އެމްޑީޕީ މެންބަރުން އަޑުގަދަކޮށް ހެދި އެވެ.

އޭގެ އިތުރުން "ރާގޮނޑި ރާޖާ" އާއި "ޗޯރު" ގެ ލަގަބު ލިޔެފައިވާ މާލިތަކެއް ވެސް ފެނުނެވެ. "ރާގޮނޑި ރާޖާ" އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ކިޔާ ވަނަމެކެވެ. "ޗޯރު" އަކީ ރައީސް ސޯލިހަށް ނިސްބަތްކޮށް، އެމަނިކުފާނަށް ފާޑުކިޔާ މީހުން ގޮވާ ނަމެކެވެ.

ސިޔާސީ ވެރިންނަށް ދީފައިވާ ލަގަބެއްގެ މާއްޔެއް - ފޮޓޯ: ކުޅުދުއްފުށި އޮންލައިން


ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލުކުރައްވާ ދެމެންބަރުންގެ ތެރެއިން އެއް މެންބަރަކާއި، ހުރިހާ ކައުންސިލަރުން ނަޝީދު އުފައްދަވާ ޕާޓީއަށް ބަދަލުވި އެވެ. އެ ވެރީން ތަމްސީލްކުރަމުން އައި ސަރުކާރުގެ ޕާޓީން ފެޔަށް ޖެހި އާ ޕާޓީއެއް ހެދުމުގައި ބައިވެރިވާއިރު އެ ކަމަށް ވެސް ޖޯކު ޖަހާފައި ފުޅަނދުތަކެއް ނެރެފައި ހުއްޓެވެ.

ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން މީހުން ސަރުކާރަށް އަމާޒުކުރި ފާޑުކިޔުންތައް ތަމްސީލްވާ ފުޅަނދުތަކެއް ވެސް އޮތެވެ. މި ފަހުން ނ. މާފަރުން ފެނުނު "މިނިކާ ވަގު" ޖަނަވާރާއި، ޓައިޓޭނިކް ބޯޓު އޮތް ހިސާބަށް ދަތުރުކުރަނިކޮށް މި ފަހުން ގެއްލުނު "އޯޝަން ގޭޓް" ސަބްމެރިންގެ ފުޅަނދުތަކެއް ވެސް އުޅުނެވެ.

ހިތްހަމަނުޖެހުނު "ހަ ވާ" އިވެންޓަށް ޖޯކު ޖަހާފައި ފުޅަނދުތަކެއް

ކުޅުދުއްފުށީ މީހުންގެ ލާނެތް ސަމާސާގައި، އީދާ ދިމާކޮށް މި ފަހަރު ކުރި ކަމަކީ ސަމާސާ ސްޓައިލަކަށް ފެޝަން ޝޯއަކާއެކު "ހަ ވާ އެރުވުން" ނަމުގައި ރަށުގެ ބަންޑާރަ މައިދާނުގައި ރޭ އިވެންޓެއް އޮންނާނެ ކަން ރަށުގެ ކައުންސިލުން ކުރިއާލާ އިއުލާން ކުރުމެވެ.

ދިހަ ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށީގެ އެންމެން ކަހަލަ ގޮތަކަށް ރަށުގެ ހިއްކި ބިމުގައި އޮންނަ އެ ތަނަށް ގޮސް ތިއްބެވެ. ބަޑިބޭސް ބޭނުންކޮށްގެން ކުލަކުލައިން މި އަރުވާ ހަވާގެ ބަދަލުގައި ފެނުނީ، ސްޓޭޖަކަށް ވާ ޖަހައި ދަމާފައި އެކަކުން ހަޔަކަށް ނަމްބަރު ޖަހާފައި ހުރި ހަ ވާ އެރުވި ތަނެވެ.

މި ސަމާސާއާ ގުޅިގެން ރަށުގެ ގިނަ ބަޔަކު ވެސް ތިބީ ކައުންސިލާއި އެ އިވެންޓު އިމްތިޒާމު ކުރި ގްރޫޕާ މެދު ހިތްހަމަނުޖެހިފަ އެވެ. މިއަދު ހަވީރު ކުރިއަށް ދިޔަ މަށިމާލި ޕެރޭޑުގައި އެންމެ ގިނައީ ވެސް އެ އިވެންޓަށް ޖޯކު ޖަހައި، ކައުންސިލަށް ފާޑުކިޔާފައިވާ ފުޅަނދުތަކެވެ.

ކުޅުދުއްފުށީގައި އީދު ދުވަހުގެ ރޭ ބޭއްވި "ހަ ވާ އެރުވުން" އިވެންޓަށް ޖޯކު ޖަހަން ހެދި ފުޅަނދެއް - ފޮޓޯ: ކުޅުދުއްފުށި އޮންލައިން


މި ޕެރޭޑުގައި ސަރުކާރުތަކުން ކުޅުދުއްފުއްޓަށް ކޮށްދޭނެ ކަމަށް ވެފައިވާ ވައުދުތަކުގެ ފުޅަނދުތައް ވެސް ހިމެނެ އެވެ. މިއިން ގިނަ ވައުދުތައް ނުފުދޭއިރު، އިޖުތިމާއީ މެސެޖުތަކެއް ދައްކުވައިދޭ ގޮތަށް ވެސް ގިނަ ފުޅަނދުތަކެއް އަބަދުވެސް ނުކުމެ އެވެ.

މިއަދު އޮތް ޕެރޭޑުގައި ވެސް، އެސްޓީއޯއިން މި ރަށުގައި އަޅަން ބުނި ކާޑު ފެކްޓަރީއާއި، ޓާޝަރީ ހޮސްޕިޓަލާއި، ޒޯން ސްޓޭޑިއަމްގައި އަޅަން ބުނި ސިންތެޓިކް ޓްރެކާއި، ހދ. އަތޮޅުގައި ޓުއަރިޒަމް ފަށަން ވެފައިވާ ވައުދާއި، ނުހެދި ކޮންނަން ފަށާފައިވާ މަގުތައް ދައްކުވައިދޭ އެތައް ފުޅަނދެއް ނުކުމެ ތިއްބެވެ.

ކުޅުދުއްފުށީގެ މަށި މާލި ޕެރޭޑަކީ މިހާރު ރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އީދު ހަރަކާތެވެ. މި ފަހަރު ވެސް އެ ހަރަކާތުގައި ސިޔާސީ މަސްރަހުގެ ހުރިހާ ޖޯކެއް ފުރިހަމައަށް ދައްކައިލި އެވެ. ރަށުގެ ބޮޑު މަގުގެ ކަންމަތިތައް ފުރާލައި ކުދިބޮޑު އެންމެން މަށިމާލި ޕެރޭޑު ބަލަން ނުކުމެ ތިއްބެވެ.