28 ޖޫން 2023 - 08:50 0
އިސްމާއީލް އަޒްމީން
ޮާޕާކިސްތާން އަތުން މޮޅުވި މެޗަށް ފަހު ނޭޕާލްގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ ދަނޑަށް އައި ނޭޕާލް ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
28 ޖޫން 2023 - 08:50 0
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނު ވަގުތަށް ބަލާއިރު ނޭޕާލުން ނެރުނު ނަތީޖާތައް ގޯސް ނޫންކަމަށާއި ޕާކިސްތާން އަތުން ހޯދި މޮޅަކީ ޒުވާން ޓީމާ މެދު ބޮޑެތި އުއްމީދުތަކެއް ކުރެވޭ ކަމެއް ކަމަށް ނޭޕާލްގެ އިޓަލީ ކޯޗު، ވިންޗެންޒޯ އަލްބާޓޯ އަނެސޭ ބުނެފި އެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް ކުޅުނު މެޗުތަކުގެ ތެރެއިން އެ ޓީމް އިންޑިއާ އާއި ކުވެއިތު އަތުން ބަލިވިއިރު، ޕާކިސްތާން އަތުން އިއްޔެ ހަވީރު މޮޅުވީ 1-0 އިންނެވެ. ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނަ އެޓީމަށް ލިބުނުއިރު، ކޯޗު ހުރީ ވިންޗެންޒޯ ހުރީ ޖުމްލަކޮށް ބަލާއިރު ހިތްހަމަޖެހިފަ އެވެ.
ވިންޗެންޒޯ ބުނީ ހުރިހާ ޓީމަކުން ވެސް މި މުބާރާތަށް އައީ އެކުގައި ޕްރެކްޓިސް ކުރަން ވަގުތު ލިބި އެކުވެރިކަމުގެ މެޗުތައްވެސް ކުޅެފައި ކަމަށެވެ. އެ ގޮތުން އެ ޓީމް ވާދަކުރި ގްރޫޕްގައި ހިމެނޭ އަނެއް ތިން ޓީމުގެ ތައްޔާރީތައް ވެސް ރަނގަޅު ކަމަށާއި ގާތް ގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތަމްރީންތަކަށްފަހު މި މުބާރާތަށް ނުކުމެ ނޭޕާލުން ނެރުނު ނަތީޖާ ރަނގަޅުކަމަށެވެ.
"ލިބުނު ވަގުތާ ބަލާ ނޭޕާލުން ނެރުނު ނަތީޖާ ރަނގަޅު. އަހަރެން ހިތްހަމަޖެހޭ. ނޭޕާލް ޓީމަކީ މި މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން އެއް ޓީމު. އަހަރުމެންނަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާއިރު އަހަރުމެން ދެއްކި ކުޅުން ރަނގަޅު." މިދިޔަ މާޗް މަހު ނޭޕާލް ކޯޗުކަމާ ހަވާލުވި ވިންޗެންޒޯ ބުންޏެވެ.
ނޭޕާލްގެ ޒުވާން ޓީމާ ގުޅޭގޮތުން ވިންޗެންޒޯ ބުނީ މި ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަކީ ކުރިމަގު އުޖާލާ ކުޅުންތެރިން ކަމަށާއި، ނޭޕާލްގެ ފުޓްބޯޅަ ހާލަތު އޮތް ގޮތުން އޭނާ ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް އެކަށީގެންވާ ފުރުސަތުތައް ހޯދައިދެވިއްޖެ ނަމަ ނޭޕާލަކީ ސަރަހައްދުގައި އެންމެ ވަރުގަދަ ޓީމްތަކުގެ ގޮތުގައި ގުނާލެވޭ ޓީމަކަށް ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޕާކިސްތާން އަތުން ހޯދުނު މޮޅާ މެދު، ވިންޗެންޒޯ ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނު ނަމަވެސް ދެ ވަނަ ހާފުގައި ފޯމޭޝަނަށް ގެނައި ބަދަލުން ތަފާތު ފެނުނު ކަމަށެވެ. ފުރަތަމަ ހާފުގައި ހުސް ފުރުސަތުތައް ލިބި ބޭކާރުވިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ބޭނުންވާ ޓެމްޕޯގައި ކުޅެލަން ފުރުސަތު ލިބުނު ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ ހާފުގައި އަހަރުމެންގެ ކުޅުން އެހަ ރަނގަޅެއް ނޫން. މާ ފަސޭހަކޮށްލައިގެން ކުޅުނީ. އިދިކޮޅު ޓީމަށް މާ ރަނގަޅަށް ކުޅެން ފުރުސަތު ދެވުނީ. އެކަމަކު ވެސް އަހަރުމެންނަށް ލިބުނު ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް. ބިމަލް އަށް ލިބުނު ޗާންސް ވެސް އެއީ ހަމަ ގޯލެއް ޖަހަން ލިބޭނެ އެންމެ ރަނގަޅު އެއް ފުރުސަތު. ދެ ވަނަ ހާފުގައި އަހަރުމެން ފޯމޭޝަން ބަދަލުކޮށްލައިގެން ކުޅުނީ އޭގެ ސަބަބުން އަހަރުމެންނަށް ވަރަށް ފައިދާވި. އަަހަރުމެން ބޭނުންވާ ސްޕީޑުގައި ކުޅެލަން ފުރުސަތު ލިބުނު."
ވިންޗެންޒޯ ބުނީ ޕާކިސްތާނަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމަކީ ވެސް ރަނގަޅު މުސްތަގްބަލެއް އޮތް ޓީމެއް ކަމަށެވެ. އެ، ގޮތުން ޕާކިސްތާނުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިސްކޮޅުން ދިގު، ފިޒިކަލީ ވަރުގަދަ ވުމުގެ އިތުރުން ހުނަރުވެރި ކުޅުންތެރިން ކަމަށް ވިންޗެންޒޯ ވަނީ ފާހަގަކޮށްފަ އެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އަދި ކުރިން ދެ މެޗުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުން ކަމަށާއި، ފަހު މެޗުގައި ފޯވާޑް އަންޖަން ނެތްތަން ވެސް ވަރަށް ދެއްކި ކަމަށް އޭނާ ބުންޏެވެ.
ވިންޗެންޒޯ ބުނީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަކީ މިދިޔަ ހަތް ވަރަކަށް މެޗަށް ބަލާއިރު ނޭޕާލް ޓީމުން ޖެހި ގޯލުގެ 50 އިންސައްތަ ހިއްސާވާ އަންޖަން ކަމަށާއި، އެހެންކަމުން އޭނާ މި މެޗުގައި ނެތުމަކީ އެ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށެވެ.
"މި މޮޅަކީ ނޭޕާލްގެ ފުޓްބޯޅައަށް މުހިންމު މޮޅެއް. ޓީމްގެ ކުރިއެރުމަށްވެސް މުހިންމު މޮޅެއް މިއީ. އަހަރުމެންގެ މައްސަލަކީ ލަނޑު ޖެހުން. ކުރިން ލަނޑު ޖަހަނީ އަންޖަން. އަނިޔާގައި އޭނަ ހުރި ދަނޑިވަޅުގައި އެހެން ކުޅުންތެރިއަކު އަރާ ގޯލު ޖެހުމަކީ ލިބޭ ހިތްހަމަޖެހުމެއް." ވިންޗެންޒޯ ބުންޏެވެ.
މުޅި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށް ބަލާއިރު ވެސް އެންމެ ނޫސްވެރިންނާ ގުޅުން ބޮޑު ކޯޗުގެ ގޮތުގައި ފާހަގަކުރެވޭ ވިންޗެންޒޯ ވަނީ މި ސަރަހައްދުގެ ގައުމީ ޓީމެއްގެ އަލަތު ތަޖުރިބާ އަކީ ޗެލެންޖިން ތަޖުރިބާއެއް ކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އޭނާ އަށް ކުރެވުނު މަސައްކަތާ މެދު ވިންޗެންޒޯ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
Comment