Advertisement

ސާފް 2023: ޕާކިސްތާން ބަލިކޮށް ނޭޕާލް މޮޅަކުން މުބާރާތް ނިންމާލައިފި

27 ޖޫން 2023 - 16:54 0

ލަނޑު ޖެހުމަށް ފަހު ނޭޕާލް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސާފް 2023: ޕާކިސްތާން ބަލިކޮށް ނޭޕާލް މޮޅަކުން މުބާރާތް ނިންމާލައިފި

27 ޖޫން 2023 - 16:54 0

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕާކިސްތާން 1-0 އިން ބަލިކޮށް ނޭޕާލުން މޮޅަކުން މި ފަހަރުގެ މުބާރާތް ނިންމާލައިފި އެވެ.

މިއަދުގެ މެޗަށް ނޭޕާލާއި ޕާކިސްތާން ނުކުތްއިރު ވެސް އެ ދެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރަަނަރަޕް ނޭޕާލް މި ފަހަރުގެ މުބާރާތް މި ނިންމާލީ ގްރޫޕް އޭގެ ތިން ވަނައިގައި ތިން ޕޮއިންޓާ އެކު އެވެ. ޕާކިސްތާނުން، އެއް މުބާރާތުގެ މެދުކެނޑުމަކަށް ފަހު، ސާފް ޗެމްޕިއަންޝިޕްގައި ކުޅޭއިރު، އެ ޓީމު ކަޓާފައި މިވަނީ ތިން މެޗުން ބަލިވިއިރު، ގޯލެއް ވެސް ނުޖެހި އެވެ.

މި ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ ފުރަތަމަ ދެ މެޗުން މޮޅުވި، އިންޑިއާ އާއި ކުވެއިތު އެވެ. އެ ދެ ޓީމު މިރޭ ކުޅޭ މެޗު ވެގެންދާނީ ގްރޫޕްގެ އެއް ވަނަ އާއި ދެ ވަަނައިގެ ގޮތުގައި ސެމީ އަށް ދާ ޓީމު ކަނޑައަޅާ މެޗަށެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޖުމްލަކޮށް، ފުރަތަމަ ހާފުގައި މާގިނަ ނުރައްކާތެރި ހަމަލާތަކެއް ނުފެނެ އެވެ. އެ ގޮތުން، މެޗުގެ 10 ވަނަ މިނިޓްގައި ޕާކިސްތާންގެ ކުޅުންތެރިއަކު ފަހަތަށް ދިން ބޯޅައެއް ހޯދައި، ނޭޕާލްގެ ފޯވާޑް ބިމަލް ގާތީ މަގަރު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަންނަން އުޅުުމުގެ ތެރޭގައި ޕާކިސްތާން ޑިފެންޑަރުން ވަނީ ފައުުލުކޮށްފަ އެވެ. އެ ތަނުން ލިބުނު ހިލޭ ޖެހުމުން ބިމަލް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޕާކިސްތާނުން އަރިމަތިން ހުރަސްތަކެއް ނަގައިގެން، ގޯލެއް ޖެހޭތޯ ބަލަމުންދިޔައިރު، މެޗުގެ 30 ވަަނަ މިނިޓްގައި ގޯލާ އަމާޒުކޮޮށް އެ ޓީމުގެ ފުރަތަމަ ޝޮޓް ފެނިގެންދިޔަ އެވެ. ޕާކިސްތާންގެ މެދުތެރެއަށް ކުޅޭ އަލަމްގީރް އަލީ ހާން ޖެހި ބޯޅަ އަމާޒުވީ ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން އަތަށެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ނޭޕާލްގެ ބިމަލް އަށެވެ. މެޗުގެ 41 ވަނަ މިނިޓްގައި ނޭޕާލްގެ ވިންގް، މަނީޝް ދަންގީ ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށް ފަހު، ބިމަލް ތިރިތިރިން ޖެހި ޝޮޓް ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ނޭޕާލުން ބަދަލަކަށް ކުޅެން އެރުވި ނަވަޔޫގް ޝްރެސްތާ އަށް މި ހާފު ފެށިގެން ފަސް މިނިޓް ތެރޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ބޮލުން ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ނޭޕާލްގެ މަނީޝް އޭރިއާތެރެއަށް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ލިބުނު ހިލޭ ޖެހުމެއްގައި ނޭޕާލުގެ ދެވެންދުރާ ތަމަންގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ.

ގޯލެއް ޖަހަން ނޭޕާލުން ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އާޝިޝް ޗޯދުރީ އެވެ. އޭރިއާބޭރުން ލިބުނު ބޯޅަ އާޝިޝް ވަނީ އެއް ފަަހަރުން ފޮނުވާލައިފަ އެވެ. އެ ބޯޅަ ފެނުގައި ޖެހިފައި ގޯލަށްވަންއިރު، ކީޕަރު ޔޫސުފް ބަޓް އަށް އެ ހުއްޓުވޭނެ ގޮތެއް ނެތެވެ.

މެޗުގެ ފަހުކޮޅުގައި ޕާކިސްތާނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. ޕާކިސްތާނުން ކުރިއަށް ޖެހިގެން ކުޅުނު ވަގުތެއްގައި ކައުންޓަ އެޓޭކެއްގައި ނޭޕާލަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާތައް ހުއްޓުުވުމުގައި ޕާކިސްތާން ޑިފެންޑަރުންގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

މި މެޗުގެ ރެފްރީ އަކަށް ހުރި ރާއްޖޭގެ ސިނާން ހުސެއިންގެ ބައެއް ނިންމުންތަކަށް ޕާކިސްތާނާއި ނޭޕާލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޕާކިސްތާނުގެ އޮފިޝަލަކުގެ އަމަލު ހުރި ގޮތުން އޭނާ އަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކައިފަ އެވެ.