Advertisement

މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

26 ޖޫން 2023 - 20:04 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ގޮތް ނޭނގޭ ޖަނަވާރެއް ދުރުން ދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް


މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން ސިފައިން ހަރަކާތްތެރިވަނީ

26 ޖޫން 2023 - 20:04 1

މާފަރު އެއާޕޯޓުން ގޮތް ނޭނގޭ ޖަނަވާރެއް ފެނިގެން، އެއީ ކޯއްޗެއްތޯ ބެލުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މާފަރު އެއާޕޯޓު ރަންވޭ ކައިރިން އިމާރާތްތައް ނުހުންނަ ސަރަހައްދެއްގައި ހަތަރުފައި ހުރި ޖަނަވާރެއް ހިނގާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ބަޔަކު ދުރުގައި ތިބެގެން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ފެނުމުގައި އެ ޖަނަވާރު ބުޅަލަކަށް ވުރެ ބޮޑެވެ.

މާފަރު ކައުންސިލުގެ ރައީސް މުހައްމަދު އަދުނާން "އަދަދު"އަށް ވިދާޅުވީ، އެ ވީޑިއޯ ނަގާފައި ވަނީ މާފަރު އެއާޕޯޓުގެ މަސައްކަތެއްގައި އުޅޭ މުވައްޒަފުންތަކެއް ކަމަށެވެ. އަދި އެއީ ކޯއްޗެއްކަން ނޭނގުމުން ސިފައިންނަށް މިއަދު މެންދުރު އެކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ، ގޮތް ނޭނގޭ ޖަނަވާރެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެއީ ކޯއްޗެއްކަން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް އަދުނާން ވިދާޅުވި ގޮތުގައި، ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ޖަނަވާރު އޭގެ ފަހުން ފެނިފައެއް ނުވެ އެވެ. ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

"ސިފައިންނާ ހަމައަށް އެކަމުގެ ރިޕޯޓު ލިބުމުން އެ މީހުން އެއާޕޯޓުގެ އެ ސައިޑުގައި އޭތި އުޅޭތޯ ވަރަށް ބޮޑަށް ދަނީ ބަލަމުން،" އަދުނާން ވިދާޅުވި އެވެ.

ރާއްޖޭގައި ދިރިނޫޅޭ ބާވަތްތަކުގެ ޖަނަވާރުތައް މީގެ ކުރިން ވެސް ބައެއް ރަށްރަށަށް ލައްގާފައި އެބަ ހުއްޓެވެ. އެގޮތުން ކިނބުލާއި ސީލް ފަދަ ޖަނަވާރުތައް ލައްގާފައިވާއިރު، އެފަދަ ޖަނަވާރުތައް ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށަށެވެ. އެހެން ނަމަވެސް ވީޑިއޯއިން ފެންނަ ފާޑު ޖަނަވާރެއް ކަނޑުން އޮޔާ އައިސް ސަލާމަތުން ލައްގާނެ ކަމަކަށް ނުބެލެވެ އެވެ.