Advertisement

ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ކައުންސިލަރުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި

22 ޖޫން 2023 - 20:39 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރ. ދުވާފަރު ކައުންސިލް؛ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްތެރިވުމުގެ އެއްބަސްވުމެއް ހަދާފައިވާކަމަށް ޕީޖީއިން ބުނި.


ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ކައުންސިލަރުންނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި

22 ޖޫން 2023 - 20:39 1

ރ. ދުވާފަރު ކައުންސިލުން ހިޔާނާތްތެރިވިކަމަށް އެއްބަސްވުމުން ދައުވާނުކޮށް ނަސޭހަތް ދިނުމަށް ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ކައުންސިލުގެ މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަން ތަހުގީގުކޮށް، ހަތް މުވައްޒަފަކަށް ދައުވާކުރުމަށް ފޮނުވި މައްސަލާގައި ދައުވާ ކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން އޮތީ ކުރިން ހާމަކޮށްފަ އެވެ.

ހިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުން:

  1. ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް
  2. ދުވާފަރު ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު
  3. ދުވާފަރު ކައުންސިލްގެ މެންބަރު މުހައްމަދު ޝާމް
  4. ދުވާފަރު ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް
  5. ދުވާފަރު ކައުންސިލްގެ މެންބަރު އާމިނަތު ސޮލާހު
  6. ދުވާފަރު ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލް މުހައްމަދު ނާސިހު
  7. ދުވާފަރު ކައުންސިލްގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ

ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ނިންމީ ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރާއި އެމީހުން އަދާކުރަމުންދާ ޒިންމާތަކާއި ދައުލަތަށް ހިދުމަތްކޮށްދިން މުއްދަތު އަދި ބަދަލު ލިބިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

"މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ," ޕީޖީ އޮފީހުން ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާ


(ހ) ތަހްގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ. (ށ) ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ މައްސަލަ ނިންމަންވާނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެގޮތަށް އެ މައްސަލަ ނިންމުނ ކަމުގައިވާނަމައެވެ. އެގޮތުން، މި ގާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިއާޔަތްކުރަންވާނެއެވެ.

މައްސަލައިގެ ފަސްފަހަތް

މޮނިޓަރިން އޮޑިޓުން ފާހަގަވި ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ރަށު ކައުންސިލްގެ މެމްބަރުން ސަސްޕެންޑުކޮށްފައިވެ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓުގައި ވަނީ ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ. އަދި ކޮރަޕްޝަނަށް ތުހުމަތުވާ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅީ ވެސް އެލްޖީއޭ އިންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ ލާމަރުކަޒީ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.

ހަމަ އެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.