Advertisement

ރެފްރީ އަށް ފާޑުކިޔައިގެން މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑް

22 ޖޫން 2023 - 14:51 0


ރެފްރީ އަށް ފާޑުކިޔައިގެން މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑް

22 ޖޫން 2023 - 14:51 0

ލުޒޭން، ސްވިޒަލެންޑް (ޖޫން 22) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސެވިއްޔާ އަތުން ރޯމާ ބަލިވި މެޗުގައި އެ ޓީމުގެ ކޯޗު، ހޯސޭ މޮރީނިއޯ، އެ މެޗުގެ ރެފްރީ އެންތަނީ ޓޭލާ އަށް ފާޑުކިޔައި އަމަލު ކުރި ގޮތުން ވަނީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ވަނީ މެޗުގެ ރެފްރީ ޓޭލާ އަށް ފާޑުކިޔައިފަ އެވެ. އަދި މެޗަށް ފަހު ކާރު ޕާކު ސަރަހައްދުގައި ވެސް މޮރީނިއޯ ވަނީ ޓޭލާއާ ދިމާކޮށްލައިފަ އެވެ. އޭގެ ފަހުން، ޓޭލާގެ އާއިލާ އަށް ހަންގޭރީގެ ބުޑަޕެސްޓް އެއާޕޯޓުގައި ރޯމާ ސަޕޯޓަރުން ވަނީ ފުރައްސާރަކޮށްފަ އެވެ.

މޮރީނިއޯގެ މައްސަލަ ބެލުމަށް ފަހު، ޔުއެފާ އިން ނިންމާފައިވަނީ ޔުއެފާގެ މުބާރާތްތަކުގެ ހަތަރު މެޗަށް މޮރީނިއޯ ސަސްޕެންޑް ކުރުމަށެވެ. މޮރީނިއޯގެ ސަސްޕެންޝަން ބޮޑުވި އެއް ސަބަަބަކީ ބޭއަދަބީ ބަސްތައް ބޭނުންކޮށް، ރެފްރީއާ ދިމާކޮށްފައިވާތީ އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުން ރޯމާ އަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

އެ ގޮތުން، ފައިނަލް މެޗު ކުޅުނު ބުޑަޕެސްޓް އެރީނާގައި އަލިފާން ބޯޅަ އެރުވުމާއި ދަނޑަށް އެއްޗެހި އުކާފައިވާތީ ޔޫރަޕްގައި ރޯމާ ދެން އެންމެ އަވަހަށް ރަށުންބޭރުގައި ކުޅޭ މެޗަށް ސަޕޯޓަރުން ނުވެއްދޭނެ އެވެ. އަދި ރޯމާ ވަނީ 54،744 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

އޭގެ އިތުރުން، ބުޑަޕެސްޓް އެރީނާ އަށް ރޯމާ ސަޕޯޓަރުން ދީފައިވާ ގެއްލުންތަކާ ހެދި 5000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ރޯމާ އަށް ވަނީ ހަންގޭރީ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު، ދަނޑަށް ލިބުނު ގެއްލުންތައް ފޫބައްދަން އަމަލުކުރާނެ ގޮތުގެ އެއްބަސްވުމެއް ހަދަން 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ.