10 މޭ 2024 - 02:35 0
އިތުރު ވަގުތުގައި ލަނޑު ޖެހުމަށް ފަހު ލެވަކޫސަން ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
10 މޭ 2024 - 02:35 0
ބާލިން (މެއި 10) - ފަހަތުން އަރައި 2-2 އިން ރޯމާއާ އެއްވަރުކޮށް، ޔޫރަޕްގެ ފުޓްބޯޅަ ތާރީހުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް މުގުރާލައި، ޖަރުމަނުގެ ބަޔާ ލެވަކޫސަނުން ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެެވެ.
މިރޭގެ ނަތީޖާއާ އެކު ލެވަކޫސަނުން ވަނީ ބަލިނުވެ 49 މެޗު ހަމަކޮށްފަ އެވެ. މިއީ، މީގެ ކުރިން ޕޯޗުގަލްގެ ބެންފީކާ އަތުގައި އޮތް ރެކޯޑެކެވެ. އެ ޓީމުން ރެކޯޑް ހެދީ 1963-1965 އަށެވެ. އެހެންކަމުން، ލެވަކޫސަނުން މި މުގުރާލީ 59 އަހަރުވެފައި އޮތް ރެކޯޑެކެވެ.
ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދާފައިވާ ލެވަކޫސަނުން މިރޭގެ މެޗު ފެށީ ބަދަލުތަކާ އެކު އެވެ. އޭގެ ފައިދާ ރޯމާ އިން ނެގި އެވެ. ރޯމާ އިން ވަނީ ލެއަންޑްރޯ ޕަރޭޑޭސް ޖެހި ދެ ޕެނަލްޓީން ދެ ލަނޑުގެ ލީޑެއްނަގައި، އެގްރިގޭޓް ވެސް އެއްވަރުކޮށްފަ އެވެ.
ފުރަތަަމަ ލެގުގައި ރޯމާ ދަނޑުގައި ލެވަކޫސަން މޮޅުވީ ދެ ގޯލުންނެވެ.
ރޯމާ އިން އެގްރިގޭޓް އެއްވަރުކުރުމާ އެކު، ބަދަލުތައް ގެނެސްގެން ލެވަކޫސަނުން އެޓޭކް ވަރުގަދަކުރި އެވެ. ލެވަކޫސަނުން ޖެހި ފުރަތަމަ ގޯލަކީ، 82 ވަނަ މިނިޓްގައި ރޯމާގެ ޖިއަންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލެވަކޫސަންގެ އަލެކްސް ގްރިމާލްޑޯ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މަންޗިނީ ގައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ.
އިތުރު ވަގުތުގެ ހަތް ވަަނަ މިނިޓްގައި ލެވަކޫސަން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ގްރޭނިޓް ޝަކާ ދިން ބޯޅައަކުން ޖޯސިޕް ސްޓަނިސިޗް އެވެ. ސްޓަނިސިޗް ކުޅެން އެރީ ބަދަލަކަށެވެ.
ޒަބީ އަލޮންސޯ ކޯޗުކޮށްދޭ އަލޮންސޯ ވަނީ، ޖަރުމަނު ކަޕްގެ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެެވެ. ތިން ތަށްޓާ އެކު ސީޒަން ނިންމާލުމުގެ ފުރުސަތު އޮތް ލެވަކޫސަނުން ވަނީ މި ސީޒަނުގައި، 11 މެޗެއްގެ އިތުރުވަގުތުގައި ލަނޑު ޖަހައި، މޮޅެއް ހޯދުން ނޫނީ ބަލިނުވެ ސަލާމަތްވެފަ އެވެ.
މި މަހު 22 ވަނަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ލެވަކޫސަން ކުޅޭނީ އިޓަލީގެ އެޓަލަންޓާއާ އެވެ. އެޓަލަންޓާ އިން ވަނީ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 3-0 އިން ފްރާންސްގެ މާސޭ ބަލިކޮށްފަ އެވެ.
އެޓަލަންޓާ އަކީ، 2015 ވަނަ އަހަރުގައި ޔޫރޮޕާ ލީގުގެ ފައިނަލުން ފުރުސަތު ހޯދި ޔޫކްރެއިންގެ ޑިނިޕްރޯ އަށް ފަހު، ޔޫރަޕްގެ މުބާރާތެއްގައި އަލަށް ކުޅެ، ފުރަތަމަ ފަހަރުން ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމެވެ.
އެޓަލަންޓާ އިން ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ.
މި ފަހަރުގެ ޔުއެފާ ކޮންފަރެންސް ފައިނަލުގައި ކުޅޭނީ ފިއޮރެންޓީނާ އާއި އޮލިމްޕިއާކޯސް އެވެ. މިއީ ފިއޮރެންޓީނާ އިން މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ފައިނަލުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ފިއޮރެންޓީނާ ވީ ބައްޔެވެ.
އޮލިމްޕިއާކޯސް ފައިނަލަށް ދިޔައީ، ދެ ވަނަ ލެގުގައި ވެސް އެސްޓަން ވިލާ ބަލިކުރުމަށް ފަހު އެވެ. ރޭ އޮލިމްޕިއާކޯސް ދަނޑުގައި އެ ޓީމުން އެސްޓަން ވިލާ ބަލިކުރީ، 2-0 އިންނެވެ.
Comment