Advertisement

ރެއާލަށް ޔޫރަޕްގެ ރަސްކަން އަލުން ފެށުނީ މޮރީނިއޯއާ ހެދި

7 މޭ 2024 - 16:33 0


ރެއާލަށް ޔޫރަޕްގެ ރަސްކަން އަލުން ފެށުނީ މޮރީނިއޯއާ ހެދި

7 މޭ 2024 - 16:33 0

މެޑްރިޑް (މެއި 7) - ޔޫރަޕްގައި ކާމިޔާބު ޓީމެއްގެ ގޮތުގައި ރެއާލް މެޑްރިޑް އަލުން ފެންނަން ފެށުމުގައި ހޯސޭ މޮރީނިއޯ އަށް ކްރެޑިޓް ހައްގުވާ ކަމަށް ރެއާލްގެ ކުރީގެ ގޯލްކީޕަރު، ޑިއޭގޯ ލޮޕޭޒް ބުނެފި އެވެ.

އިންޓަ މިލާނާއި ޕޯޓޯ އަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިން މޮރީނިއޯ ވަނީ، 2010-2013 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. މޮރީނިއޯ، ރެއާލާ ހަވާލުވުމުގެ ކުރިން، އެ ކްލަބުން ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު، ހަ ސީޒަނުގައި ވެސް ކެޓީ ގަދަ 16 ބުރުންނެވެ.

މޮރީނިއޯ ހަވާލުވުމަށް ފަހު ވަނީ ޖެހިޖެހިގެން ތިން ސީޒަނުގައި ރެއާލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. އޭގެ ފަހުން، ރެއާލުން ވަނީ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެ ފަސް ފަހަރުގެ ތެރެއިން ފުރަތަމަ ފަހަރު ތަށި ހޯދީ މޮރީނިއޯ ދިޔަ ސީޒަނަށް ފަހު، ދެން ޖެހިގެން އައި އަހަރު، ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގަ އެވެ.

މޮރީނިއޯގެ ކޯޗުކަމުގައި ރެއާލަށް ކުޅުނު ލޮޕޭޒް، ބުނީ ރެއާލުން މޮރީނިއޯއާ އެކު ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުކުރިޔަސް، ގިނަ ކަންތައްތަކެއް ބަދަލުކުރި ކަމަށެވެ.

"ނިއުސްޕޭޕަރު ލައިބްރަރީއެއް ހަދައި، ކުޅުންތެރިން ލައްވައި އެ ކިޔުއްވައި، ކްލަބް އޮންނަން ޖެހޭ ހިސާބު ބުނެދީ، މެޗުން މެޗަށް ކަންކަން ދިރާސާކޮށް، ވަރަށް ގިނަ މަސައްކަތްތަކެއް މޮރީނިއޯ ކުރި، ރެއާލް އުނދަގޫތަކެއްގެ ތެރެއިން އަރައިގަންނަން މޮރީނިއޯ ދައްކައިދިނީ ރަނގަޅު މަގެއް،" ލޮޕޭޒް ބުންޏެވެ.

"އެހެންވެ، އަހަރެން ދެކޭގޮތުގައި ރެއާލުން އެ ހޯދަމުން އަންނަ ކާމިޔާބީގައި މޮރީނިއޯގެ ކޮންމެ ވެސް ޕަސެންޓެއް އޮންނާނެ،"

ޒަމާންތަކެއް ވަންދެން ރެއާލަށް އަނބުރާ ނުހޯދި އޮތް ސަގާފަތަކާއި ރޫހެއް އަލުން ލިބިގެންދިޔައީ، މޮރީނިއޯ ޓީމެއް ބިނާކުރި ގޮތުން ކަމަށް ލޮޕޭޒް ބުންޏެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް މޮރީނިއޯ ވަނީ ކްލަބެއްގައި ކަމެއް ހާސިލްނުވެގެން އެންމެ ދެރަވި އެއް ދުވަހަކީ، ރެއާލާ އެކު ޗެމްޕިއަންސް ލީގެއް ނުލިބުން ކަމަށެވެ.