22 ޖޫން 2023 - 13:59 0
ނަޖާހު މަސްއޫދު
22 ޖޫން 2023 - 13:59 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 14 ދުވަސް ދީފި އެވެ.
މެއި 1، ވަނަ ދުވަހު ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ (ކުރީގެ އޮރެގާނޯ)ގައި ޒަރީރު އިންނަވަނިކޮށް ގްރޫޕަކުން އޭނާއަށް ހަމަލާ ދިން މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ގައްބަރޭ، 32، ހޯދަން އިއުލާނު ކުރުމުން އޭނާ ވަނީ މެއި 23 ގައި އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.
ގައްބަރޭ ހައްޔަރުކޮށް، ތަހުގީގަށް އޭނާ ބަންދު ކުރަން ކޯޓުން އެންމެ ފުރަތަމަ ދިން 30 ދުވަހުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި ކޯޓުން މިއަދު ނިންމީ އޭނާގެ ބަންދަށް އިތުރު 14 ދުވަސް ދިނުމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްކަން ކުރައްވާ ގައްބަރޭ، ހޯދަން ފުލުހުން ކުރި އިއުލާނުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލަން އުޅުމުގެ ތުހުމަތެެވެ.
ގައްބަރޭ އަކީ މާރާމާރީ ހިންގުމާއި މަރުގެ ދައުވާގެ ރެކޯޑު އޮތް މާލޭގެ ކުރީގެ ގޭންގު ލީޑަރެކެވެ. މީގެ ކުރިން އޭނާ ހުކުމެއްގައި ހުރެ ބޭހަށް ފޮނުވުން އިންޑިއާގައި ފިލައިގެން ވެސް އުޅުނެވެ.
ހ. ކުބުރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި ގައްބަރޭ ވަނީ އިއުތިރާފުވެފަ އެވެ. 2007 ވަނަ އަހަރު އެ ހާދިސާ ހިނގި އިރު އޭނާގެ އުމުރަކީ 16 އަހަރެވެ.
އިޝާރު މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ގައްބަރޭގެ މައްޗަށް ދައުލަތުން އުފުލި ނަމަވެސް 2010 ވަނަ އަހަރު ކުޑަކުދިންގެ ކޯޓުން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.
މެމްބަރު ޒަރީރަށް ދިން ހަމަލާގައި އޭނާގެ ބޮލަށް ޒަހަމްވި ނަމަަވެސް، ސީރިއަސް އަނިޔާއެއް ނުވެ އެވެ.
Comment