Advertisement

ސާފް 2023: ކުވެއިތުން ނޭޕާލް ބަލިކޮށް ވަރުގަދަކޮށް ފަށައިފި

21 ޖޫން 2023 - 16:59 0

ލަނޑު ޖެހުމަށް ފަހު ކުވެއިތު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސާފް 2023: ކުވެއިތުން ނޭޕާލް ބަލިކޮށް ވަރުގަދަކޮށް ފަށައިފި

21 ޖޫން 2023 - 16:59 0

ބެންގަލޫރުގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް، ނޭޕާލް އަތުން 3-1 އިން މޮޅުވެ، ކުވެއިތުން ވަރުގަދަކޮށް މުބާރާތް ފަށައިފި އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސަރަަހައްދުން ބޭރުން ދެ ގައުމެއް ވާދަކުރާއިރު، ކުވެއިތުގެ އިތުރުން ދެން ވާދަކުރަނީ ލެބަނަން އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅޭއިރު، މިއަދު ހަވީރުގެ މެޗު ފަށައިގެން ލެބަނަން އިން ކުޅެން ފެށީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. މަޑުމަޑުން ނޭޕާލްގެ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، ކުވެއިތުން އެޓޭކްތަކެއް ކުުރެވޭތޯ ބެލިއިރު، އަރިމަތިން ލިބޭ ބޯޅަތަކުގައި ނޭޕާލުން ވެސް ދިޔައީ ފުރުސަތެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 12 ވަނަ މިނިޓްގަ އެވެ. ކުވެއިތުގެ ފޯވާޑް، މުހައްމަދު އަބްދުﷲ އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން، ކުވެއިތުން ނެގި ހުރަހެއް ހުއްޓުވުމުގައި ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ވަނީ ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ.

ކުވެއިތަށް ލީޑުނަގައިދިނީ މެޗުގެ 23 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ހާލިދު ހަޖީއާ އެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ކުޑައޭރިއާތެރޭގައި ހުރި ހާލިދަށް ލިބުމާ އެކު އޭނާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނޭޕާލުން އެޓޭކެއް ކޮށް، ކުވެއިތު ހާސްކޮށްލެވޭތޯ ބަަލަމުންދިޔައިރު، މެޗުގެ 34 ވަަނަ މިނިޓްގައި ނޭޕާލްގެ ލާކެން ލިމްބޫ އަށް ގޯލަށް ހަމަލާއެއް ފޮނުވާލަން ލިބުނު ފުރުސަތު ގެއްލުނީ ރަނގަޅު ވަގުތުގައި ފޮނުވާނުލެވިގެންނެވެ. އޭގެ ދެ މިނިޓް ފަހުން، ކުވެއިތުގެ އަބްދުﷲ އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުވެއިތުން ވަނީ ލީޑުފުޅާކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި ތަނަވަސްކުރި ފުރުސަތަކުން މި ގޯލު ޖަހައިދިނީ ކުވެއިތުގެ ޝަބައިބު އަލްހާލްދީ އެވެ. މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ޝަބައިބް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ކުވެއިތުން ތަނަވަސްކުރި ފުރުސަތެއްގައި އެ ޓީމުގެ އީދު އަލްރާޝިދީ ޖެހި ބޯޅަ ތިރިތިރިން ދިޔައީ ބޭރުންނެވެ.

މުޅި މެޗުގައި ނޭޕާލްގެ ފަރާތުން ފެނުނު ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ 57 ވަަނަ މިނިޓްގަ އެވެ. ނޭޕާލްގެ އަޔޫޝް ގަލާން އަރިމަތިން ނެގި ހުރަހަކަށް އަރައި، ސަނީޝް ޝްރެސްތާ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލަން ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ.

މި ހާފު ފެށިގެން ނޭޕާލުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 65 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ކުވެއިތުން ވަނީ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ މުހައްމަދު އެވެ. މިއީ ކުވެއިތުން ނެގި ހުރަހެއް ނޭޕާލްގެ ޑިފެންޑަރު، އަނަންތާ ތަމަންގް އަތުން ބޯޅަ ބްލޮކްކުރުމުން ދިން ޕެނަލްޓީ އެކެވެ.

ކުވެއިތުން ތިން ވަނަ ގޯލު ޖެހުމަށް ފަހު ފަސޭހަކޮށްލައިގެން ތިބުމުގެ ފައިދާނަގައި މެޗުގެ 68 ވަަނަ މިނިޓްގައި ނޭޕާލުން ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. ކުވެއިތު ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، އަންޖަން ބިސްޓާ އެ ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި ނޭޕާލުން އޭރިއާތެރެއަށް ކުރި ހުރަހަކަށް އަރައި އެ ޓީމުގެ އަޔޫޝް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ދެ ވަނަ މެޗެވެ. އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.