Advertisement

ނައީމާ މަރާލި ކަމަށް އިއުތިރާފުވި އަހުޒަމް ޝަރީއަތް ނިމެންދެން ބަންދު

21 ޖޫން 2023 - 10:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނައީމާ މަރާލި ކަމަށް އިއުތިރާފުވެފައިވާ އަހުޒަމް؛ އަހުޒަމްގެ ބަންދު ހަމަވެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ނައީމާ މަރާލި ކަމަށް އިއުތިރާފުވި އަހުޒަމް ޝަރީއަތް ނިމެންދެން ބަންދު

21 ޖޫން 2023 - 10:19 0

އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި ކަމަށްް އެއްބަސްވެފައިވާ އަހުޒަމް އަބްދުލްޝަކޫރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް (23 އ) ބަންދުގެ މުއްދަތު ޖެހުމަށް މި ޖޫން 11، ގައި ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން ދިން މުއްދަތަކީ ފަސް ދުވަހުގެ މުއްދަތެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ފަސް ދުވަހުގެ މުއްދަތު ހަމަވެގެން ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އ.) 30 ދުވަހަށް ބަންދު ކުރުމަށް ޖޫން 11، ގައި ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު (21 އ.) ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ނައީމާ މަރާލި މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އަހުޒަމެވެ. އެއީ މިދިޔަ މެއި މަހުގެ 26، ގަ އެވެ. ހަމަ އެ ދުވަހު ރިފާސް ވެސް ހައްޔަރުކުރި އެވެ. އޭގެ ތިން ދުވަަސް ފަހުން، މެއި 29، ގައި ފަވާޒު ހައްޔަރުކުރީ ހުޅުމާލޭންނެވެ.

އަދި، އެ މީހުން އެ ރަށުތެރޭގައި އުޅުނު ޕްރައިވެޓު ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މައްސަލައާ ގުޅުން ހުރި އެހެނިހެން ހެކި ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ ވަޅުލައި، އަންދާލާފައި ހުއްޓަ އެވެ.

މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.

ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.