Advertisement

ނޭޕާލް ކުރިއަށްދާނީ ވިސްނުންތެރިކަމާ އެކު: ވިންޗެންޒޯ

21 ޖޫން 2023 - 07:39 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނޭޕާލްގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނޭޕާލް ކުރިއަށްދާނީ ވިސްނުންތެރިކަމާ އެކު: ވިންޗެންޒޯ

21 ޖޫން 2023 - 07:39 0

ބެންގަލޫރު، އިންޑިއާ

އިންޑިއާގައި މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް ޓީމުން ކުރިއަށްދާން ޖެހޭނީ ތިބި ކުޅުންތެރިން ގޮވައިގެން ވިސްނުންތެރިކަމާ އެކު ކަމަށް މީގެ ތިން މަހެއްހާ ދުވަސް ކުރިން ނޭޕާލްގެ ކޯޗަކަށް ހަމަޖެއްސި އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ އާނެސީ ބުނެފި އެވެ.

ކުރިން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ގޯކުލަމް ކެރަލާ އަށް ދެ ފަަހަރު ހޯދައިދިނުމުގެ އިތުރުން އިންޑިއަން ސުޕަ ލީގުގައި ނޯތު އީސްޓް ޔުނައިޓެޑަށް ކޯޗުކޮށްދިން ވިންޗެންޒޯ، ނޭޕާލް ކޯޗުކަމާ ހަވާލުވީ މިދިޔަ މާޗް މަހު އެވެ.

ވިންޗެންޒޯ އަށް ޓީމު ދެނެގަންނަން ފަސޭހަ އަކަށް މިދިޔަ މާޗް މަހު ނޭޕާލުގައި ތުރީ ނޭޝަންސް ކަޕެއް ކުޅުނުއިރު، އެ ޓީމުން ވަނީ ލާއޯސް އާއި ބޫޓާން ބަލިކޮށް އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ޓީމާ ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ، ފުރަތަމަ ސާފް ޗެމްޕިއަންޝިޕަށް ނުކުންނައިރު، ތިން ވަރަކަށް ދުވަސް ކުރިން ނޭޕާލުން ވަނީ އެކުވެރިކަމުގެ މެޗެއްގައި ފިލިޕީންސާ ކުޅެ 1-0 އިން ބަލިވެފަ އެވެ.

"އަހަރެން މި ދަނީ ދުވަހަކަށް ފަހު ދުވަހެއް ކުޅުންތެރިން ދަސްކުރަމުން، ފަސޭހައެއް ނޫން ތިން މަހާއި ބައި ތެރޭގައި ޓީމެއް ތައްޔާރުކޮށްގެން މުބާރާތަކަށް ނުކުންނަން. ކޯޗެއްގެ ގޮތުގައި މިއީ އަހަރެން ގައުމީ ޓީމެއް ގޮވައިގެން ކުރާ ފުރަތަމަ ތަޖުރިބާ، އަނެއް ކޮޅުން ބަލާއިރު، ނޭޕާލުގައި އެބަތިބި މި ފަހަރު މުޅިން އަލަށް ގައުމީ ޓީމުގައި މި ފަދަ މުބާރާތެއްގައި ކުޅޭ ކުޅުންތެރިން ވެސް، މީގެ އޮތީ ވިސްނުންތެރިކަމާ އެކު ކުރިއަށް ދިއުން،" ވިންޗެންޒޯ ބުންޏެވެ.

ނޭޕާލް ހިމެނެނީ އިންޑިއާ އާއި ޕާކިސްތާން އަދި ކުވެއިތާ އެކު ގްރޫޕް އޭގަ އެވެ.

ވިންޗެންޒޯ ބުނީ ނޭޕާލް ހިމެނެނީ ވަރަށް ވަރުގަދަ ގްރޫޕެއްގައި ކަމަށާއި ފުރަތަމަ މެޗުގައި ކުވެއިތާ ކުޅެން ޖެހުމަކީ ވެސް ޗެލެންޖިން ކަމެއް ކަމަށެވެ.

"ނޭޕާލުގައި އެބަތިބި ރަނގަޅު ކުޅުންތެރިން، ދެން، އަހަރެމެންގެ ކިރަން (ގޯލްކީޕަރު) އާއި އަންޖަން (ފޯވާޑް) އަކީ އިންޑިއާގައި ކުޅުމުގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން. ދެން، އަނެއްކޮޅު ބަލާއިރު ކުވެއިތުގައި މި ތިބީ ދުނިޔޭގެ ލެވަލްގައި ވެސް ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން، މިއީ ފަސޭހަވާނެ ކަމެއް ނޫން،" ވިންޗެންޒޯ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން، ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނު ނޭޕާލުން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ކުވެއިތާ ދެކޮޅަށް ނުކުންނާނީ މިއަދު ރާއްޖެ ގަޑިން ތިނެއް ޖަހާއިރު އެވެ.