20 ޖޫން 2023 - 18:01 1
މުހައްމަދު ނަސީމް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ
20 ޖޫން 2023 - 18:01 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅި މައްސަލައާ ގުޅިގެން މަސައްކަތް ހުއްޓިފައި އޮތް އޮތުން ހައްލުކުރަން ސުޕްރީމްކޯޓަށް ދިއުމަކީ އެންމެ ފަހު ގޮތް ކަމަށާއި އެ ގޮތަށް ކަންތައް ކުރަން ޖެހިއްޖެ ނަަމަ އެއީ ދެރަކަމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މިޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހަކީ ދައުލަތުގެ ބާރަށް ވާތީ، މަޖިލީހުގެ ކަންތައްތައް މަޖިލީހުގެ ތެރެއިން ހަމަޖެއްސޭތޯ އެމްޑީޕީން ބަލާނެ ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމްކޯޓަށް ދާން ޖެހިއްޖެ ނަމަ ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ކަންކަން ރިޒޮލްވް ނުވެގެން ކޯޓާ ހިސާބަށް ދާން ޖެހުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ތަންކޮޅެއް ދެވަރު ކަމެއް. އެެހެންވީމާ އެކަން ނުކޮށް ވޭތޯ ވެސް ބަލަން. އެހެން ނަމަވެސް އެހިސާބަށް ވެސް އަޅުގަނޑުމެން ދާން ޖެހިއްޖެއްޔާ އެހިސާބަށް ވެސް ދާނަން،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހެން ނަމަވެސް އެއީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި މަޖިލީހަކީ ވަރަށް ބާރުވެރި ތަނެއް ކަމަށެވެ. އެކަމުގެ ހެއްކަކީ ގާނޫނު އަސާސީގައި އެހެން ހުރިހާ ބާބަކަށް ވުރެ ފުޅާކޮށް، ރައްޔިތުންގެ މަޖިލީހާ ބެހޭ ބާބެއް އޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި ދުވަސްކޮޅަކު އުޅެވުނު މީހަކަށް ވެފައި އަދި މިހާރު އޮތް ގާނޫނުއަސާސީ އިސްލާހުކުރުމުގައި ވެސް ބައިވެރިވެވުނު މީހަކަށް ވެފައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިން ބާރަކަށް ދައުލަތް ބެހިގެން ދާއިރު، އަދި ދައުލަތުގެ އެންމެ މަތީވެރިއަކީ ރައީސުލްޖުމްހޫރިއްޔާއަށް ވީކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބާރުވެރިކޮށް އޮތް މަޖިލީހެއް. ގާނޫނުއަސާސީން އެ ބާރުވެރިކަން ވަރަށް ސާފުކޮށް [މަޖިލީހަށް] ދޭ،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް މުޅިން ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ. އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
އެހެން ނަމަވެސް އެގޮތަށް ރިޔާސަތު ހަވާލުކުރާ މެމްބަރަކަށް ވިދިވިދިގެން ތިން ޖަލްްސާއަށް ވުރެ އިތުރަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަން އެހެން އޮތް އިރު ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭ ގޮތުން ނަަޝީދު އާ ނިންމެވުމެއް ނުނިންމަވަ އެވެ. އެހެންވެ މަޖިލީހުގައި މިއަދު އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
Comment