Advertisement

މޮރިޝަސްއަށް ރައީސް ފޮނުވި ސިޓީގެ މައްސަލަ ހުށަހެޅޭނީ ހައި ކޯޓަށް، އެ ކަމަށް ތައްޔާރުވަނީ

20 ޖޫން 2023 - 13:05 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފޯޅަވަހި މައްސަލާގައި ސަރުކާރު ސްޓޭންޑާ ދެކޮޅަށް ބޭއްވި ޕްރެސްއެއްގައި އުމަރު؛ ރައީސް މޮރިޝަސްއަށް ފޮނުވި ސިޓީގެ މައްސަލަ ހައި ކޯޓަށް ހުށަހަޅަން ތައްޔާރުވާ ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މޮރިޝަސްއަށް ރައީސް ފޮނުވި ސިޓީގެ މައްސަލަ ހުށަހެޅޭނީ ހައި ކޯޓަށް، އެ ކަމަށް ތައްޔާރުވަނީ

20 ޖޫން 2023 - 13:05 1

ޗާގޯސް ޖަޒީރާ ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ގަބޫލުކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހުށަހަޅަން ޖެހޭނީ ހައި ކޯޓަށްކަން ސާފުވުމުން އޭގެ ތައްޔާރީތައް ފަށައިފި އެވެ.

އެޕްރީލް 27, ގައި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން، މުހައްމަދު މުސްތާގް އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަހުމަދު މަނިކުގެ ނަމުގަ އެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގައި ރަޖިސްޓްރީ ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރަޖިސްޓްރާއިން ނިންމި އެވެ. ރެޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި އުމަރުގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް މައްސަލަ ހުށަހެޅި އެވެ.

އުމަރު ނަސީރު "އަދަދު" ނޫހަށް ވިދާޅުވީ ސުޕްރީމް ކޯޓުން އިތުރަށް ސާފުކުރުމުން އެނގުނީ އެ ދުސްތޫރީ މައްސަލަ ފުރަތަމަ މަރުހަލާގެ ބެލުމުގެ އިހުތިސޯސް އޮންނާނީ ހައި ކޯޓަށް ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަނީ ހައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށެވެ.

"އަޅުގަނޑުމެން ލޯޔަރުން އެ ކަމަށް ޕްރެޕިއާވެ، ތައްޔާރުވަމުން އެބަދޭ، ހައި ކޯޓަށް ވީހާ ވެސް އަވަހަކަށް މައްސަލަ ހުށަހެޅޭތޯ،" އުމަރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކީ ގާނޫނު އަސާސީއާ ހިލާފު ސިޓީއެއް ކަމަށް ކަނޑައެޅުމަށެވެ.

މައްސަލައިގެ ލިޔެކިޔުމުގައި ފާހަގަކޮށްފައި އޮތް ގޮތުން އެ ކަމަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ނުކުތާއަކީ ގާނޫނު އަސާސީގެ ތިން ވަނަ މާއްދާ އެވެ. އޭގައި ބުނާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުންނެވެ.

"ސަރަހައްދަށް ބަދަލު ގެނައުމުގެ ތެރޭގައި، ސަރަހައްދުން ބައެއް އުނި ކުރުން، ސަރަހައްދަށް ބައެއް އިތުރު ކުރުން، އަދި ސަރަހައްދާ ގުޅިގެން ދިވެހީންނަށް ބައިނަލްއަގްވާމީ ކަނޑާ ގުޅޭ ގޮތުން ލިބޭ ހުރިހާ ހައްގުތަކަކަށް އުނިއިތުރު ގެނައުން ވެސް ހިމެނޭނޭ ކަމާ މެދަކު ޝައްކެއް ނެތެވެ،" ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވެ އެވެ.

މައްސަލައިގެ ފަސްފަހަތް؛

ފޯޅަވަހި ހިމެނޭހެން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖެއިން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

އިޓްލޮސްގެ ނިންމުން؛

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ވެސް އޮތުމުން، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.