20 ޖޫން 2023 - 07:49 2
މުހައްމަދު އުޝާމް
ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރާނެކަން އިއުލާންކުރަން ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
20 ޖޫން 2023 - 07:49 2
ރައްޔިތުންގެ މަޖިލިސް މަރުތަޅު އެޅުވިފައި އޮތް ނަމަވެސް މަޖިލިސް ކުރިއަށް ގެންދިއުމަށް ގޮވާލައި، މާދަމާ ތަޅުމަށް ވަދެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން އިހުތިޖާޖު ކުރާނެ ކަމަށް އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮންނަ ދަނޑިވަޅުގައި މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި އޮތުމުން އެމަނިކުފާނު ވަނީ ޖަލްސާތަކުގެ ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާ ކަމަށް މަޖިލިހުގެ އިދާރާއަށް ވަނީ އަންގައިފަ އެވެ. އެ ފަހުން ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތު އެހެން މެންބަރަކަށް ބެލެހެއްޓެވެނީ ގިނަވެގެން ވެސް ޖެހިޖެހިގެން ތިން ޖަލްސާއަށެވެ. އަފީފު ތިން ދުވަހަށް އެ ގޮތަށް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވާތީ، މަޖިލިހުގެ ޖަލްސާތައް ދެން ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.
އެ ފަހުން މިއަދު މަޖިލިހުގެ ޖަލްސާ ބާއްވާފައިނުވާއިރު އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މާދަމާ މަޖިލިހުގެ ތަޅުމަށް ވަންނަ ގޮތަށް ރާވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން، ސެކްރެޓަރީ ޖެނެރަލްއަށް ވެސް ދަންނަވާފައި އޮންނާނެ، މަޖިލިސް ތަޅު އަޅުވާފައި ބެހެއްޓިޔަސް އަޅުގަނޑުމެން ތަޅުމަށް ވަންނާނެ ކަމަށް،" ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ސައީދު ވިދާޅުވި އެވެ.
މިއީ އިހުތިޖާޖެއްގެ ގޮތުން ކުރުމަށް ރާވާ ކަމެއްތޯ "އަދަދު" ނޫހުން ސުވާލުކުރުމުން މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މެޖޯރިޓީ އޮތް އެމްޑީޕީން ދޫދޭން ބޭނުން ނުވާތީ، މައިނޯރިޓީއަށް އޮތް ކަމަކީ އިހުތިޖާޖު ކުރުން ކަމަށެވެ.
ސަލީމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކޮށް ފާރަވެރިވުމަށް އޮންނަ މަޖިލިހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލައިގެން މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އޭގައި އެމްޑީޕީން އެއްވެސް ވަރެއް ދުލެއް ދޭން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން ކޮމިޓީއެއް ނަމަވެސް ވާދަވެރި ޕާޓީތަކަށް މެޖޯރިޓީ ލިބޭ ގޮތަށް ނޫނީ ޕާޓީތަކަށް ހަމަހަމަ ގޮތަކަށް ދީބަލާށޭ، މި ދުވަސްވަރަށް ސަރުކާރު ޖަވާބުދާރީކުރަން، ދެން އަހަރުމެންގެ އެކަކު ވެސް ނުލައި ވެސް ހަދައިށޭ، އެ ގޮތަށް ވެސް ދޫދެވިއްޖެ،" ސަލީމް ވިދާޅުވި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހިފައިވަނީ އެމްޑީޕީގެ 13 މެންބަރަކު އެ ޕާޓީން ވަކިވުމުން މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްވާ ނިސްބަތަށް ބަދަލު އައުމުން، ކޮމިޓީތަކުގެ ނިސްބަތަށް ބަދަލު ގެންނަން ޖެހިގެެނެވެ.
މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ގޮތެއް ނުހޯދުމުން ދެން ކޮމިޓީތައް އެކުލަވައިލުމާ މެދު ގޮތެއް ނިންމުން އޮންނާނީ މަޖިލިހުގެ ތަޅުމަށެވެ.
ނަމަވެސް, މަޖިލިހުގެ ރައީސް މަޖިލީހުގެ ތަޅުމަށް އެ މައްސަލަ އެޖެންޑާ ނުކުރާތީ އެ ކަން ކުރިއަށް ނުގެންދެވި ހުއްޓިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާތައް ދެން މި ދައުރަށް ނުބޭއްވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އަސްލަމް ވިދާޅުވެފައިވަނީ މަޖިލިހުގެ ޖަލްސާ ނަޝީދު ފެއްޓެވުމަށް ފަހު ވެސް ރިޔާސަތު އެހެން ބޭފުޅަކަށް ހަވާލު ވެސް ކުރެވިދާނެ ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖަލްސާ ބާއްވަން ނަޝީދު ބޭނުންފުޅުނުވެ އެވެ.
މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ދެވަނަ ދައުރު ޖޫން މަހުގެ ނިޔަލަށް ނިމޭނެ އެވެ. ކުރިއަށް އޮތީ ސަރުކާރު ބަންދު ހަފުތާ ދުވަސްތަކަށް ވެފައި މިއީ މި ދައުރުގެ ޖަލްސާތައް ބާއްވާ ފަހު ހަފުތާ އެވެ. އަހަރުގެ ތިންވަނަ ދައުރަށް މަޖިލިހުގެ ޖަލްސާތައް ފަށާނީ އޮގަސްޓް 15 އިން ފެށިގެންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ތެފައާސާ.
over 1 year ago
"މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތު އެހެން މެންބަރަކަށް ބެލެހެއްޓެވެނީ ގިނަވެގެން ވެސް ޖެހިޖެހިގެން ތިން ޖަލްސާއަށެވެ..." މިއީ ރަގަޅު މައުލޫމާތެއް ނޫން. މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގައި ބުނަނީ ރިޔާސަތާ ހަވާލުވާ 5 މެމްބަރުންގެ ތެރެއިން ކޮންމެ މެމްބަރަކަށް ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާކަމަށް. އަފީފުގެ 3 ޖަލްސާ ހަމަވީމާ ދެން އެހެން މެމްބަރަކާ ހަވާލުކުރަން ޖެހޭނީ. 5 މެމްބަރުން ނަގާފައިތިބީ އެކަމަށް.
ޑިމޮކްރެޓްސް
over 1 year ago
ޑިމޮކްރެޓްސްގެ މެންބަރުން ކޮމިޓީތަކުން ވަކިކޮށް އައުލާދާއި އައުވާނުން އެކަނި އެޔަށް ލައިގެން ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް ނަގަން ކުރާ މަސައްކަތް. ޗެކް އެންޑް ބެލްންސް އުވާލުން. މީ މިހާރު ތަހްޒީބް ޑިމޮކްރެޓިކް ގައުމެއް ނަމަ ރައްޔިތުން ނިކުމެ މަޖިލިސެއް ނޫން، ގައުމު ވެސް ހުއްޓުވާލާނެ. އިޒްރޭލްގެ ރައްޔިތުން ނިކުމެ މުޒާހަރާކޮށް އެއަރޕޯޓާއި ފްލައިޓްތައް ހުއްޓުވި ތަން ފެނުނު ތަ. ނަޝީދަށް ސާބަސް. 100%
Comment