20 ޖޫން 2023 - 09:44 0
މުހައްމަދު ނަސީމް
20 ޖޫން 2023 - 09:44 0
"ނިއުޒީލޭންޑްގެ ބޮޑުވަޒީރުގެ ޕާޓީއަށް ފާހަގަ ވެއްޖެ މީނާ ގޮވައިގެން ކުރިއަށް އޮތް އިންތިހާބުން މޮޅެއް ނުވެވޭނެކަން. އެހެންވީމާ ބުއްދިވެރި ގޮތަކީ، ޑިމޮކްރެޓިކް ތަންތަނުގައި އަމަލުކުރާ ގޮތަކީ އޭނާ އެއްކައިރީގައި މަޑުކޮށްލާފައި އެހެން މީހަކާ އެކީގައި ނުކުމެ އިންތިހާބުން މޮޅުވުން،" މިއީ ނިއުޒީލޭންޑްގެ ކުރީގެ ބޮޑުވަޒީރު ޖެސިންޑާ އާޑާން އިސްތިއުފާ ދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ސިފަކުރެއްވި ގޮތެވެ.
ޖެސިންޑާގެ ނިންމެވުން އެމަނިކުފާނު ސިފަކުރެއްވީ އިހުލާސްތެރި އަމަލެއްގެ ގޮތުގަ އެވެ. ވިދާޅުވީ އެއީ ޕާޓީއަކަށްޓަކައި ކުރަންޖެހޭ ވެސް ކަމެއް ކަމަށެވެ.
ނިއުޒީލޭންޑްގެ ބޮޑުވަޒީރުކަމުން ޖެސިންޑާ އިސްތިއުފާދެއްވި އިރު ރާއްޖޭގައި ކުރިއަށް ދިޔައީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނެވެ. ނަޝީދު އޭރު ވަޑައިގެން އުޅުއްވީ ހުވަދުއަތޮޅުގަ އެވެ. " ޖެސިންޑާ އަށް ވީގޮތް،" ނަޝީދު އެންމެ ފުރަތަމަ ވިދާޅުވެދެއްވީ ކޮލަމާފުށީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނަށެވެ.
އެެމަނިކުފާނު ވިދާޅުވި ގޮތުގައި ޖެސިންޑާގެ އިސްތިއުފާއާ ބެހޭ މައުލޫމާތު އެމަނިކުފާނު ސީދާ ގޮތުން އޮޅުން ފިލުއްވި އެވެ. އެއީ އެގައުމުގެ ހެލްތު މިނިސްޓަރަކަށް އޭރު ހުންނެވީ ދިވެހި މަންމައެއްގެ ދަރިއަކަށް ވެފައި އެމަނިކުފާނު ވާހަކަ ދައްކަވައި އުޅުއްވާ ބޭފުޅަކަށް ވާތީ އެވެ.
"މިވީ ގޮތަކީ އެމީހުންނަށް ވިސްނުނީ މި ބޮޑުވަޒީރު ގޮވައިގެން ކުރިއަށް މިއޮތް އިންތިހާބު ކާމިޔާބުނުވާނެކަން. ދެން އެމީހުން ބޮޑުވަޒީރު ކައިރީ ރީތިކޮށް ބުނީ، ކޮބާ މަޑުމަޑުން ގޭގައި ހުންނަންވީނުންހޭ،" ނަޝީދު ވިދާޅުވި އެވެ.
ޖެސިންޑާގެ މިސާލު އެމަނިކުފާނު އޭރު ނެންގެވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ "ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ބޭފުޅަކަށް ނުވާތީ" އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅަކަށް ފުރުސަތު ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޭރު ދައްކަވަމުން ގެންދެވި ވާހަފުޅަށް ބާރު ދެއްވުމަށެވެ.
ހުވަދު އަތޮޅުގައި ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީން އެދުމުން އިސްތިއުފާ ދެއްވުމަކީ ޖެސިންޑާ ކުރެއްވި އިހުލާސްތެރި އަމަލެކެވެ. އެހެން ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގައި އެމަނިކުފާނަށް މިހާރު އެންމެ އިސްދައުރެއް އަދާކުރެއްވެން އޮތް ގުނަވަން ކަމަށްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު އެމަނިކުފާނަށް ވެސް އެވަނީ ވަރަށް ސާފުކޮށް ވާހަކައެއް ދަންނަވައިފަ އެވެ. އެއީ އެ ގްރޫޕުން އެމަނިކުފާނަށް އެރުވި މަގާމު ކަމަށްވާ "ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ދެން ހުންނަވާނެ ކަމެއްނެތް" ކަމުގެ މެސެޖެވެ.
"ފަންސާސް ހަތަރު މެމްބަރުންގެ ސޮޔާއި އެކު އަޅުގަނޑުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުނީމާ، އަދި އަޅުގަނޑުގެ އަމިއްލަ ޕާޓީގެ ފަރާތުން، އަޅުގަނޑަކީ އެމްޑީޕީގެ ރައީސް، އެ ޕާޓީގެ ފަރާތުން 54 އިއްޒަތްތެރި މެމްބަރުން އެހެން ވިދާޅުވީމާ ދެން އަޅުގަނޑު ބަލަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލު، ބެސްޓް ޕްރެކްޓިސްގައި މިކަން އޮތީ ކިހިނެތްތޯ،" ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާ ބައްދުލުކުރައްވައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް ބަލާއިރުގައި މަޖިލީހުގެ ރިޔާސަތުގައި އިތުރަށް އިންނެވުމަކީ އެއްގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް އެމަނިކުފާނަށް ނުސީދާކޮށް ވިދާޅުވެވުނީ އެ ވިދާޅުވި ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް އަމަލު ނުކުރައްވާނެ ކަމަށެވެ. މިހާލަތުގައި ބެސްޓްޕްރެކްޓިސް އަކީ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވުމެވެ.
އޭގެ ބަދަލުގައި އެމަނިކުފާނު ދެއްކެވީ މުޅިން ތަފާތު ހުއްޖަތެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިތުބާރު ނެތްކަމަށް މައްސަަލަ ހުށަހަޅަން ސޮއިކުރެއްވި މެމްބަރުން ފަހުން ވަނީ އެމަނިކުފާނަށް މެސެޖްކުރައްވައިފަ އެވެ.
"ފަންސާސް ހަަަތަރު މެމްބަރުންގެ ތެރެެއިން ވަރަށް ގިނަ އަދަދެއްގެ މެމްބަރުން އަޅުގަނޑަށް ޓެކްސްޓްކުރައްވާފައި ވިދާޅުވޭ ރައީސްްއޭ ތިމަންނައަށް މިވެނި ޕްރެޝަރެއް ހުރެގެން، ތިމަންނައަށް މިވެނިކަމެއް ދިމާވެގެން މިހެން ވެގެން، އެހެން ވެގެން ސޮއިކޮށްފައޭ ތިއޮތީ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ސިފަކުރެއްވި ގޮތުގައި އެއީ ހެއްވާ ވާހަކަ އެކެވެ.
"އެއީ މުޅިން ހެއްވާ ވާހަކަ އިނގޭތޯ، ހަގަޑިއިރުގެ ތެރޭގައި 54 މީހުން އައިސް އިތުބާރުނެތް ކަމުގެ މައްސަލާގައި ސޮއިކުރި އިނގޭތޯ،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާ ސާފުކޮށް މި ވާހަކަ ދައްކާ އިރު، ނިއުޒީލޭންޑްގެ ޖެސިންޑާ އަމަލުކުރެއްވިހެން އަމަލުކުރައްވައި ޕާޓީން އެދޭ ގޮތަށް ދީލައިލެއްވުމުގެ ވިސްނުމެއް ނަޝީދުގެ ނެތެވެ. މިސާލެއްގެ ގޮތުގައި ޖެސިންޑާގެ ވާހަކަ ގެންނަވާފައިމެ އެ މިސާލަކަށް އަމަލެއް ނުކުރެއްވުނެވެ.
Comment