Advertisement

ދިވެހިން ފަރުމާކުރި ދެ "އެގްރިބޯޓު" ބަންނަން ޖަޕާނުގެ އެހީގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި

19 ޖޫން 2023 - 20:37 0

އެގްރިބޯޓު ބަންނަން ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން: ބަންނަނީ 65 ފޫޓާއި 45 ފޫޓުގެ ބޯޓެއް -- ފޮޓޯ: ޔޫއެންޑީޕީ


ދިވެހިން ފަރުމާކުރި ދެ "އެގްރިބޯޓު" ބަންނަން ޖަޕާނުގެ އެހީގައި ދިވެހި ކުންފުންޏަކާ ހަވާލުކޮށްފި

19 ޖޫން 2023 - 20:37 0

މެރިން ފުލުހުން އެގްރޯނެޓަށް ފަރުމާކުރި ދެ "އެގްރިބޯޓު" ބަންނަން ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެގްރިބޯޓުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ތަރުކާރީ އާއި މޭވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބާޒާރުތަކަށް ފޯރުކޮށްދިނުމެވެ. މިއަދު ހަވާލު ކުރީ 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ ބޯޓެއް ބަނުމަށެވެ.

"އެގްރިބޯޓުން ދަނޑުވެރިންގެ އުފެއްދުންތައް އަވަހަށް ބާޒާރަށް ގެންދަން ފެށުމުން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަވެ، އިގްތިސާދީ ފުރުސަތުތައް އިތުރުވެ، ތާޒާ މޭވާ އާއި ތަރުކާރި ލިބުން ދަތި ރަށްތަކަށް ކާނާގެ ޔަގީންކަން އިތުރުވާނެ،" ބޯޓު ބަންނަން ސޮއި ކުރުމުގެ ހަފުލާއަށްފަހު ޔޫއެންޑީޕީން ބުނެފައިވެ އެވެ.

އެގްރިބޯޓުގެ ޑިޒައިން: ކޯލްޑް ސްޓޯރޭޖަށް ހަކަތަ ނަގާނީ އަވިން -- ފޮޓޯ: ޔޫއެންޑީޕީ


އެގްރިބޯޓު ފަަރުމާކޮށްފައި ވަނީ ކޯލްޑް ސްޓޯރޭޖެއް ވެސް ހިމެނޭ ގޮތަށެވެ. އެ ކޯލްޑް ސްޓޯރޭޖަށް ބޭނުންވާ ހަކަތަ ނަގާނީ ސޯލާ ޕެނަލް ބޭނުންކޮށްގެން އަވިންނެވެ.

"ސޯލާ ޕެނަލްތަކުގެ ސަބަބުން ތެލާއި އެހެނިހެން ހަރަދު ކުޑަވާނެ. މިއީ ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޔޫއެންޑީޕީން އިތުރަށް ބުނެފައިވެ އެވެ.

ބޯޓުތައް ބަންނަން ހަވާލު ކުރީ ފިކްސް އިން މެރިން ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެއީ ކ. ހުރާގައި ބޯޓުޔާޑެއް ގާއިމްކޮށްގެން މަސައްކަތް ކުރަމުން އަންނަ ބަޔެކެވެ. ބައްތެލީގެ ނަމުގައި މިއަހަރު އަމިއްލަ ޑިޒައިނަކަށް ބޯޓުތަކެއް މާކެޓު ކުރުމަށް ވެސް ފިކްސް އިން މެރިން އިން ދަނީ ތައްޔާރުވަމުންނެވެ.

ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާ އޮންނަ އެގްރޯނެޓަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ މުހިންމު ރޯލެއް އަދާ ކުރާ ބަޔެކެވެ. ދައުލަތުގެ އެންމެ މުހިންމު އެއް ޕްލޭނަކީ ކާބޯތަކެތޯގެ އިމްޕޯޓު މަދުކޮށް އުފައްދާ މިންވަރު އިތުރުކުރުމެވެ.