Advertisement

ނަޝީދު ރިޔާސަތު ނުބަލަހައްޓަވާ މައްސަަލަ އަފީފު ކުރިއަކަށް ނުގެންދެވި

19 ޖޫން 2023 - 12:17 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ނަޝީދު ރިޔާސަތު ނުބަލަހައްޓަވާ މައްސަަލަ އަފީފު ކުރިއަކަށް ނުގެންދެވި

19 ޖޫން 2023 - 12:17 0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބަަލަހައްޓަވަން ވަޑައިނުގެން ހުންނަވާތީ އިމްތިޔާޒްގެ މައްސަލައެއްގެ ގޮތުގައި އެމްޑީޕީން މިއަދު ހުށަހެޅި މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލައިފި އެވެ.

މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެެވި 50 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓް ދެއްވައިގެންނެވެ.

އެ މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް ނިޒާމާ ބެހޭ މައްސަލަތައް ކަމަށް ވިދާޅުވެ މެމްބަރުން ކުރެއްވި އެކިއެކި ޝަކުވާ ތަކާ އެކު ޖަލްސާތައް މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު، އެ މައްސަލައަށް ބަހުސް ކުރަން އެދިވަޑައިގެންނެވި ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމަކު ނެތެވެ.

މަޖިލީހުގެ ރިޔާސަތު މިއަދު ބަލަހައްޓަވަން އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު، އެ މައްސަލަ ޕާކް ކުރެއްވީ ވާހަކަ ދައްކަވަން އެދިވަޑައިގެންނެވި މެމްބަރުން ތަޅުމުގައި ނެތަތީވެ، އެ މެމްބަރުންނަށް ފުރުސަތު ދީގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

"އެއިން އެއްވެސް މެމްބަރަކު [އިމްތިޔާޒުގެ މައްސަލައަށް ވާހަކަދައްކަވަން އެދިވަަޑައިގެންނެވި ހަތަރު މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު] މިވަގުތު ޖަލްސާގެ މާލަމްގައި ވަޑައިގެން ނެތް. ގަވައިދުގެ 184 ވަނަ މާއްދާގައި މިބުނާ ގޮތުން އެބޭފުޅުންނަށް ވަގުތު ދޭން ޖެހޭ. އަދި މި މައްސަލައަކީ ވަކި ވަގުތެއް ކަނޑައެޅިފައި އޮތް މައްސަލައެއް ވެސް ނޫން،" އަފީފު ވިދާޅުވި އެވެ.

އަފީފުގެ އެ ވާހަކަ ނުނިމެނީސް، އޭގެ ތެރެެއިން ބައެއް މެމްބަރުން ތަޅުމަށް ވަޑައިގެންނެވި ނަމަވެސް އޭނާ ވަޑައިގެންނެވީ މިއަދުގެ އެޖެންޑާގެ އެހެން އައިޓަމަކަށެވެ.

އެގޮތަށް ކަންތައް ކުރެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި އެވެ. އޭގެ ތެރެއިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ވާހަކަ ދައްކަވަން އެދިވަޑައިގެން ތިއްބެވި މެމްބަރުން ވާހަކަ ނުދައްކަވަނީސް ކުރިއަށް ނުގެންދެވުނަސް، އިމްތިޔާޒުގެ މައްސަލަ ނުނިންމައި އެޖެންޑާގެ އެހެން އައިޓަމަކަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.

އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައި އޮއްވައި އެހެން ކަމަކަށް ނުދެވޭނެ ކަަމަަށް މަޖިލީހުގެ ގަވައިދާ ހަވާލާ ދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވިދާޅުވި އެވެ. އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަަމަށް ހުށަހެޅި މައްސަލަ ޕާކް ކުރެއްވީ އެހެން ވިދާޅުވެފަ އެވެ.

ނަޝީދު އެހެން ވިދާޅުވިކަން ބައެއް މެމްބަރުން އަފީފަށް ހަނދާން ކޮށްދެއްވި ނަމަވެސް ގޮތް ދޫނުކުރައްވައި އަފީފު ކުރިއަށް ގެންދެވީ އެޖެންޑާގައި ހުރި އެހެން އައިޓަމްތަކުގެ މަސައްކަތެވެ.